ލެބޯޓްރީ ސާމްޕަލާއި އިމަޖެންސީ ހާލަތުގައި ބަލި މީހުން އުފުލަން 13 ލޯންޗު ބަންނަން ގަލްފް ކްރާފްޓް މޯލްޑިވްސްއާ މިއަދު ހަވާލުކޮށްފި އެވެ.
އެއް އަހަރު ތެރޭ ނިންމަން ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 31 މިލިއަން ރުފިޔާ އެވެ. ކުރިއަށް އޮތް ފަސް މަސް ތެރޭގައި ލޯންޗުތައް ހަވާލުކުރާނެ ކަމަށް ގަލްފް ކްރާފްޓުން ބުނެ އެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ވޯލްޑް ބޭންކު އަދި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ، މޯލްޑިވްސް ކޮވިޑް 19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއާޑްނަސް މަޝްރޫއުގެ ދަށުން ހޯދާ 38 ފޫޓުގެ މި ލޯންޗުތައް ލެބޯޓްރީ ސާމްޕަލާއި އިމަޖެންސީ ހާލަތުގައި ބަލިމީހުން އުފުލަން ބޭނުން ކުރުމުގެ އިތުރުން ސިއްހީ ދާއިރާގެ އެހެން ކަންކަމަށް ބޭނުން ކުރާނެ އެވެ.
މި ލޯންޗުތައް ބޭނުންކުރަން ފެށުމުން ރީޖަނަލް ހޮސްޕިޓަލާއި އަތޮޅު ހޮސްޕިޓަލްތައް މެދުވެރިކޮށް ސްޕެޝަލިސްޓުންގެ ހިދުމަތާއި، އެނޫން ވެސް ހިދުމަތްތަކާއެކު އައުޓްރީޗް ޕްރޮގްރާމުތައް ރަށްރަށުގައި ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިހާރު ވެސް ގިނަ އަތޮޅުތަކުގައި ސީއެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާން ލޯންޗު ހުރެ އެވެ.














