ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުންނަށް ސަރުކާރުގެ މަސްލަހަތު އޮތީ ކިހާ މިންވަރަކަށްތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ އިއްޔެ އެވެ.
ނަޝީދު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ފާސްކޮށް، ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު" ގެޒެޓްކުރަން ނުފޮނުވާފައިވާ މައްސަލައިގެ ބަހުސްގެ ތެރެއިން މެންބަރަކު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
މި ރިޕޯޓަށް އިއްޔެ ބަހުސް ކުރައްވަމުން ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ސަރުކާރުން ކޮންމެ ގޮތަކަށް ކަން ކުރި ނަމަވެސް މަޖިލިސް މެންބަރުން ތިއްބަވަނީ ސަރުކާރުގެ ފަހަތުގައި ކަމަށެވެ.
"އަޅުގަނޑުމެން އޭގެ ޒިންމާ ނަގަން ޖެހޭނީ، މި މަޖިލީހުން، މި މަޖިލީހުގެ މައްސަލައިގައި މަޖިލީހުގެ އިމްތިޔާޒަށް ސަރުކާރުގެ ކޮންމެ މިނިސްޓަރަކު އަރައިގަތަސް މިތަނުން ކުރެވޭ އެއްވެސް ކަމެއް ނެތް، ކުރަން ބޭނުމެއް ނުވޭ،" އަފީފް ވިދާޅުވި އެވެ.
އަފީފްގެ ވާހަކައަށްފަހު، ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވިދާޅުވީ މެންބަރުންނަށް ސަރުކާރުގެ މަސްލަހަތު އޮތް މިންވަރު ބެލިދާނެ ކަމަށެވެ.

"ކިތައް ބޭފުޅުންގެ މަސްލަހަތު ހިމެނޭތޯ އެކި ބާވަތްތަކުގެ ސަރުކާރުގެ ކޮންޓްރެކްޓުގަ އާއި އަދި ވަޒީފާ ދެއްވާފައި ތިބި ބޭފުޅުންގެ،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރާއި ސަރުކާރުގެ މެންބަރުންނަށް ތާއީދު ކުރައްވާ މެންބަރުންނަށް ފާޑުވިދާޅުވަމުން ގެންދަވާ ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ ގަދަރާއި އިއްޒަތް ގެއްލިގެންދާއިރު ބަލަން ނުތިބެވޭނެ ކަމަށެވެ.
"އެއީ ހަތަރު އަނާއަކަށް ވިއްކާލި ގަދަރަށް މި މަޖިލިސް ބާއްވާއިގެން ތިބުން އެއީ އަޅުގަނޑޫ ދެކޭ ގޮތުގައި ދިވެހިރާއްޖެ ރައްޔިތުންނަށް ވެސް އަދި މި ޖުމްހޫރިއްޔަތަށް ވެސް ލިބޭ ވަރަށް ބޮޑު އުނި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- އދ. އެންމެ ބާރުގަދަ ދެ ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލާއި އިކޮނޮމިކް އަދި ސޯޝަލް ކައުންސިލްގެ މެމްބަރު ގައުމަކަށް ވުމަށް ކުރިމަތިލުމަށް ރާއްޖޭން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރީ އިއްޔެ އެވެ.
- ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ އިއްޔެ އެވެ.
- އައްޑޫ ސިޓީގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ ކައުންޓާ ޓެރަރިޒަމްގެ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި 14 މީހުންގެ ތެރެއިން އެކެއްގެ ގެއިން އިންސާނާގެ ފުރާނައަށް ބޮޑެތި ގެއްލުންތައް ލިބޭ ގޮވުންތަކަށް ބޭނުންކުރާ ބާރުގަދަ ކެމިކަލް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ޕްލޭނިން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނެގުމާ ގުޅޭގޮތުން ނުސީދާ ގޮތެއްގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ
އެގޮތަށް އަމަލު ނުކުރާކަމީ ގާނޫނާ ހިލާފުވުން، އެހެންވީމާ މެންބަރުންނަށް ނިންމެވިދާނެ ޝަރީއަތަށް ވަޑައިގަތުމަށް ވެސް، ނުވަތަ ވަޒީރާ ގުޅޭ ގޮތުން ތިބޭފުޅުން ނިންމަވާ ނިންމެވުމެއް ނިންމުމަށް ވެސް،
ދުވަހުގެ ފޮޓޯ

އިއްޔެ ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާ އަދި ސައުދީ އަރަބިއްޔާ ބައްދަލުކުރި މެޗު ބެލުމަށް ސޯޝަލް ސެންޓަރަށް ޖަމާވި ބައެއް މީހުން. ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި އޮތް އާޖެންޓީނާގެ މައްޗަށް ސައުދީ އަރަބިއްޔާއިން 2-1 އިން ކުރިހޯދި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު













