އަންނަ ފެބްރުއަރީ 23، އިން ފެށިގެން މުއްދަތު ހަމަވެފައިވާ އައިޑީކާޑު އެތެރޭގެ އުދުހުންތަކުގައި ވެސް ބޭނުން ނުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
މުއްދަތު ހަމަވެފައި ހުރި އައިޑެންޓިޓީ ކާޑާއި އެ ނޫން ވެސް ލިޔުންތައް އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭ ގޮތަށް ހަމަޖެއްސީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. ނަމަވެސް ޑިފެންސް މިނިސްޓްރީން އިއްޔެ ބުނީ ކޮވިޑާ ގުޅިގެން ދިން ލުއި އަންނަ ފެބްރުއަރީ މަހު އުވާލާނެ ކަމަށެވެ.
އެ ލިޔުމެއްގައި ހުރި މައުލޫމާތު ސާފުވާ ނަމަ، އެތެރޭގެ އުދުހުންތަކުގައި ޓިކެޓު ގަތުމަށާއި ޗެކް-އިން ކުރުމަށާއި ސެކިއުރިޓީ ޗެކް ޕޮއިންޓުތަކުގައި ކާކުކަން ދެނެގަތުމަށް މިހާރު ވެސް މުއްދަތު ހަމަވެފައިހުރި ލިޔުންތައް ދަނީ ބޭނުންކުރަމުންނެވެ.
މުއްދަތު ހަމަވެފައި ހުރި ނަމަވެސް ބަލައިގަންނަމުންދިޔަ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ ޕާސްޕޯޓާއި އައިޑީ ކާޑާއި ވޯކް ވިސާ ކާޑާއި ލައިސަންސް ކާޑާއި އެއާޕޯޓު ސެކިއުރިޓީ ފާސް އަދި ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަމްބަރު ޖެހި ރަސްމީ ލިޔުންތަކެވެ.













