މިއަހަރުގެ ބަޖެޓުގެ ބޭރުން ސަރުކާރުން ހަރަދު ކުރި 5.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު އޭގެ ތަފްސީލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހުށަހެޅުމުން ކޮމެޓީން އެ އިސްލާހު ފާސްނުކޮށް ދޫކޮށްލީ އިއްޔެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބަޖެޓަށް ރިކޮމެންޑޭޝަންތައް ހުށަހަޅަން ދިން ފުރުސަތުގައި އެގޮތަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އެވެ. މިއަހަރުގެ ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވާ ބައިގެ ތަފްސީލު ހޯދަން ބަޖެޓް ރިޕޯޓްގައި ހިމަނަން އޭނާ ދެ ހުށަހެޅުމެއް ހުށަހެޅުއްވި އެވެ.
އިބްރާހީމް ރަޝީދުގެ ފުރަތަމަ ހުށަހެޅުއްވުމަކީ މިއަހަރުގެ ބަޖެޓަށް އިތުރުކުރާ ބަައިގެ ތެރެއިން އޮފީސްތަކުގެ ހާއްސަ ބަޖެޓުން ކުންފުނިތަކަށް، ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ދޫކުރާ ބައިގެ ތަފްސީލު ދިނުމަށް ބަޖެޓް ރިޕޯޓްގައި ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމެނުމެވެ. އެ ފައިސާގެ ތެރެއިން އެކި ކުންފުނިތަކަށް ދޫކުރި އަދަދުތައް ވަކިވަކިން ހޯދަން ވެސް އެ ހުށަހެޅުމުގައި އޮތެވެ.
ދެ ވަނަ ހުށަހެޅުމަކީ މިއަހަރުގެ ބަޖެޓަށް އިތުރުކުރާ ފައިސާގެ އެކިއެކި ބައިތައް ވަކިވަކިން ތަފްސީލުކުރަން ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމެނުމެވެ.
އެ ދެ ހުށަހެޅުމަށް ވެސް ތާއީދުކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެ ދެ ހުށަހެޅުމަށް ވެސް ކޮމިޓީގައި ލިބުނީ އެންމެ ހަތަރު ވޯޓެވެ.

އެ ދެ ހުށަހެޅުން ވެސް ފާސްނުވުމުން، އިބްރާހީމް ރަޝީދު ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ނުރުހުން ފާޅުކުރެއްވި އެވެ. މިއަހަރަށް އިތުރުކުރާ 5.8 މިލިޔަން ރުފިޔާ އޭނާ ސިފަކުރެއްވީ "ހިލައިލާ ބަޖެޓް"ގެ ގޮތުގަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް، ކޮމިޓީން ރޭ ފާސްކުރީ 160 މިލިޔަން ރުފިޔާ އިތުރުކޮށްގެންނެވެ.
ބައެއް މުހިންމު ހަބަރުތައް
- ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ އަށް ދިން އަނިޔާތަކާ ގުޅޭގޮތުން އޭނާ ވަނީ އިއްޔެ ވާހަކަ ދައްކާފަ އެވެ.
- އާޓިފިޝަލް ބީޗުގައި އިއްޔެ ހަވީރު ބޭއްވި ފޯރިގަދަ އިވެންޓްތަކާ އެކު، މި ފަހަރުގެ ވޯލްޑް ކަޕަށް ހާއްސަކޮށް އަދަދު ނޫހުން ގެނެސްދޭ ކަވަރޭޒްގެ "ބޯޅައީދު" ގައިޑު ލޯންޗްކޮށްފި އެވެ.
- ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ދާއިރާތަކުގެ އިންތިހާބުގައި އިއްޔެ ބޭއްވި ދެ ދާއިރޭގެ ވަގުތީ ނަތީޖާ އެ ކޯލިޝަނުން އިއުލާން ކޮށްފި އެވެ.
ދުވަހުގެ ކޯޓޭޝަން
އެޗްޑީސީ މުވައްޒަފުންގެ ހައުސިން ސްކީމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާތިފް ވިދާޅުވީ:
ރީތިގަސް ޕުރޮޖެކްޓުގެ ކުލި މަހުންމަހަށް ބަހާލެވި އެއްވެސް ބޭންކެއް ނުވަތަ ފައިނޭޝަލް އިންސްޓިޓިއުޝަނެއް މެދުވެރިކުރުމަކާއި ނުލައި ސީދާ އެޗްޑީސީއަށް ކުލި ދެއްކޭ ގޮތަށް ހަމަޖެހިފައި ވަނީ
ދުވަހުގެ ފޮޓޯ

"ބޯޅައީދު" ގައިޑް ލޯންޗްކުރަން ބޭއްވި އިވެންޓްގެ ތެރެއިން ކުޑަކުއްޖަކު ފޮތް ދައްކާލަނީ. އަދަދުން އެކިއެކި ކުޅިވަރު ތަރިން ހިމެނޭ ގޮތަށް ވޯލްޑް ކަޕް ގައިޑް ލޯންޗްކުރަން ނިންމީ، މިއީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ މުބާރާތެއް ކަމަށްވާއިރު، ރާއްޖޭގައި ވެސް މި މުބާރާތުގެ ފޯރި އޮންނަނީ އެންމެންގެ ބައިވެރިވުމާ އެކުގައި ކަން ރަމްޒުކޮށްދިނުމުގެ ގޮތުން -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު












