މާލެއިން 13.56 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ދެ ގެއަކާއި ހުޅުމާލޭގެ ގެސްޓްހައުސްއެއް ފާސްކުރުމަށްފަހު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގަނެފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގެ ތިން ތަނެއް ފާސްކޮށް އަތުލައިގަތީ 13.56 ކިލޯގެ މަސްތުވާތަކެއްޗާއި، 644،000 ރުފިޔާ އެވެ. މި ތަކެތި އަތުލައިގަތީ ފުލުހުންގެ ކައުންޓާ ނާކޯޓިކްސް އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމަންޓް ޓީމުތަކުން ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ.
ސީޕީ ހަމީދު ވިދާޅުވީ، މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ކުރަމުންދާ މަސައްކަތް އަދިވެސް ކުރިއަށް ގެންދަވާނެ ކަމަށެެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގެންފައިވާއިރު، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ވެސް ފުލުހުން ވަނީ މަސްތުވާތަކެއްޗާ އެކު ޕާޓީކުރަމުން ދަނިކޮށް 12 މީހަކު ހައްޔަރުކޮށްފަ އެވެ.

އޭގެ ތެރޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަތުލައިގަންނަ މަސްތުވާތަކެތީގެ ސްޓޮކް ބަލަހައްޓާ ފުލުހަކު ވެސް ހައްޔަރު ކުރި އެވެ. އޭނާ މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ.












