ހުލާސާކޮށް އިއްޔެ: ޔާމީނުގެ ހެކިވެރިންނަށް ދައުލަތުގެ ރައްދު، ހަމަޖެހޭ ވާހަކަ ނުދެއްކޭ

ހުލާސާކޮށް އިއްޔެ: ޔާމީނުގެ ހެކިވެރިންނަށް ދައުލަތުގެ ރައްދު، ހަމަޖެހޭ ވާހަކަ ނުދެއްކޭ

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް، ދައުވާއިން ދިފާއު ވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ޝަރީއަތަށް ހާޒިރުވެ ދެއްކި ވާހަކަތަކުގައި ބުއްދި ހަމަނުޖެހޭ ކަންކަން ހުރި ކަމަށް ދައުލަތުން ބުނީ އިއްޔެ އެވެ.

ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ބުނާ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރެ އެވެ.

މި މައްސާލައިގެ ޝަރީއަތުގައި އިއްޔެ ކުރިއަށް ދަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. ފުރަތަމަ ދައުލަތަށް ދިން ފުރުސަތުގައި ގާތްގަނޑަކަށް ދެ ގަޑިއިރެއްހާ އިރު ވަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އަދި, ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކުގައި ހުރި އުނި ކަމެއް ވިއްޔާ ދައުލަތުން ކިޔައިދީފައިވެ އެވެ.

ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިތަކަކީ ތަހުގީގު މަރުހަލާގައި ހާމަކޮށްފައިވާ ހެކިތަކަކަށް ނުވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ ދައުލަތުން ބުނަނީ ކުރިއާލާ ނަގާފައި ނެތް ދިފާއަކަށް ވާތީ ވެސް އޭގެ ބުރަދަން ކުޑަވާނެ ކަމަށެވެ.

ޔާމީނަށް ލިބުނު ކަމަށް ދައުލަތުން ތުހުމަތުކުރާ 1.1 މިލިއަން ޑޮލަރަކީ ޔޫސުފް ނައީމްއާ މެދު ކުރެވުނު ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް އެ ދެ ފަރާތުން ބުނެ އެވެ. އެ ކަން ސާބިތުކުރަން ޔާމީން ވަނީ ހެކި ހުށަހަޅައިފަ އެވެ.

ޔާމީނަށް ލިބުނު ޑޮލަރުގެ ބަދަލުގައި ޔޫސުފް ނައީމަށް އެ އަގަށްވާ ވަރަށް ދިވެހި ރުފިޔާ ހަވާލުކުރުމަށް ޔާމީންގެ ފަރާތުން ޔޫސުފް ނައީމް ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގަތް ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އަދި އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހަކު ހެކިބަސް ދިނެވެ.

ނަރީޝް ހެކިބަސް ދެއްވަމުން ވަނީ 15 މިލިއަން ހަތަރު ލައްކަ ރުފިޔާ ހަމަތޯ ބެލުމަށް ނޫޓުތައް އަތުން ގުނާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ޖެހިގެން އައި ދުވަހު އަބްދުﷲ ރަޝީދު ވެސް ވަނީ އަތުން ގުނި ކަމަށާއި އެކަމަކު ގުނީ ފަހަރަކު ނޫޓެއް ވަކިން ނޫން ކަމަށާއި ކޮންމެ ބޮނޑިއެއް ވަކިން ކަމަށް ބުނެ ހެކިބަސް ދީފަ އެވެ.

ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވީ މި ދެ ހެކިބަހަށް ބަލާއިރު ނަރީޝް ދެއްކެވި ވާހަކައިގައި ޝައްކު އުފެދޭ ކަމެއް ދިމާވުމުން އަބްދުﷲ ރަޝީދު ޝަރީއަތަށް ހާޒިރުކުރި ދުވަހު ދިފާއުން އިސްވެ ފައިސާ ގުނި ގޮތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ. ދައުލަތުން ދެކެނީ އެއީ ރާވައިގެން ކުރި ކަމެއް ގޮތުގަ އެވެ.

"އަތުން ނޫޓު ގުނި ކަމަށް ނަރީޝް ބުނިއިރު އެއީ ބުއްދި ހަމަޖެހޭ ވާހަކައެއް ނޫން ކަމަ ދައުލަތުން ދެކެން، ބުއްދި ހަމަނުޖެހޭ ވާހަކައެއް ދެއްކުމުން އަބްދުﷲ ރަޝީދުއާ އެ ސުވާލު ދިފާއުން އިސްވެ ކުރުމަށް ފަހު، އަބްދުﷲ ރަޝީދު އެ ވާހަކަ ދައްކާފައިވޭ،" ވަކީލު ޝަހުމާ ވިދާޅުވި އެވެ.

ނަރީޝްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި، ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދާއި، ކުރީގެ އިކޮނޮމިކް މިިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފަދަ ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ހެކިބަސް ދީފައިވެ އެވެ.

ދައުލަތުގެ ވަކީލު ޝަހުމާ ވިދާޅުވީ މިއީ ޔާމީނާ ސިޔާސީ ގޮތުން ގާތް ގުުޅުމެއް އޮތް ބަޔަކަށް ވުމާއި، އެ ބޭފުޅުން ވެސް ހެކިބަސް ދެއްވަމުން ޔާމީނާއެކު ޒާތީ ގޮތުން ވެސް ގާތް ގުޅުމެއް އޮތް ކަމަށް ވިދާޅުވެފައިވާތީ އެއީ މިނިވަން ހެކިބަހެއް ދެވޭނެ ބަޔެއް ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ޔާމީނާއި ޔޫސުފް ނައީމާ ދެމެދު އޮތް ޑޮލަރު ގަތުމުގެ އެއްބަސްވުމެއް ވެސް ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. އެ އެއްބަސްވުމުގައި ތާރީޚެއް ނެތުމުންނާއި ހެކިން ގޮތުގައި ދިޔަ ދެ މީހުންގެ ސޮއި ނެތުމުން އެ ލިޔުމަކީ ވެސް ބުއްދި ހަމަޖެހޭ ގޮތަކަށް އޮތް ލިޔުމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ޔާމީން ހުށަހެޅި އެ ހެކިތައް ނަފީ ކުރުމުގެ ބޭނުމުގައި ދައުލަތުން އާ ހެކިތަކެއް ހޯދުމަށް ފަހު ޝަރީއަތަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ނަރީޝް އޭރު އަދާ ކުރި ވަޒީފާގެ ހާޒިރީއާއި، އިކޮނޮމިކް ޔޫތު ކައުންސިލްގެ އިތުރު ޔައުމިއްޔާތަކެއް ހިމެނެ އެވެ. އެ ހެކިތައް ޝަރީއަތަށް ބަލައިގަތުމަށް ވެސް މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ނިންމަވާފައިވެ އެވެ.

ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން ފައްޓަވާފައިވެ އެވެ. މެންދުރުފަހު 1:00 އިން ފެށިގެން ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުން މެދުކަނޑާލައި އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކިޔަވައިދިނުމުގެ ކަރިކިއުލަމް އާ ހިލާފުވި ކަމަށް ބުނެ، އއ. އުކުޅަހުގެ ތިން ޓީޗަރަކު ސަސްޕެންޑު ކުރީ އިއްޔެ އެވެ.
  • މިހާރު ފުލުހުންނާއި ސިފައިން ހިންގަމުންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގެ ތެރެއިން ފުލުހުންގެ ޑޯގް ސްކޮޑު ބޭނުންކޮށްގެން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރީ އިއްޔެ އެވެ.
  • ޕެންޝަން ފަންޑު ކުރިއަރަމުން އަންނަނީ ރަނގަޅު ދުވެއްޔެއްގައި ކަމަށާއި ކޮވިޑުގެ ކުރިން އޮތް ލެވެލަށް ފަންޑު އައިސްފައިވާ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ އެތެރޭގައި ހުރި ދެބަސްވުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ:

ރައީސް ނަޝީދާ ޒާތީ ވެގެން ދައްކަންޏާ ވަރަށް ގިނަ ވާހަކަ ހުންނާނެ ދައްކަން، އެކަމަކު އަޅުގަނޑު ރައީސް ނަޝީދާ ޒާތީވެގެން ރައީސް ނަޝީދުގެ އާއިލާއާއި ދިރިއުޅުމާ މި ކަންކަމަކާ ނުބެހެން، އެކަމަކު ސިޔާސީ ގޮތުން ކުރާ ކަންތައްތަކާ އަޅުގަނޑަށް ވެސް ބެހެވޭނެ،

ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި ރެޕްޓާސް އަދި ޓީރެކްސް ބައްދަލުކުރި މެޗުގެ ތެރެއިން. އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ދެ ވަނަ ބުރުގައި ވާދަކުރާ ފަސް ޓީމްގެ ތެރެއިން ފަހު ބުރަށް ހޮވޭނީ ހަތަރު ޓީމެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މިހާރު ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި ރެޕްޓާސް އަދި ޓީރެކްސް ބައްދަލުކުރި މެޗުގެ ތެރެއިން. އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ދެ ވަނަ ބުރުގައި ވާދަކުރާ ފަސް ޓީމްގެ ތެރެއިން ފަހު ބުރަށް ހޮވޭނީ ހަތަރު ޓީމެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިހާރު ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި ރެޕްޓާސް އަދި ޓީރެކްސް ބައްދަލުކުރި މެޗުގެ ތެރެއިން. އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ދެ ވަނަ ބުރުގައި ވާދަކުރާ ފަސް ޓީމްގެ ތެރެއިން ފަހު ބުރަށް ހޮވޭނީ ހަތަރު ޓީމެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox