ވައިގެ މަގުން ރާއްޖެއަށް ހަތަރު ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ބްރެޒިލްގެ ރައްޔިތެއް ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ.
ކަސްޓަމްސް ސާވިސް އިން ބުނީ މިދިޔަ ބުދަ ދުވަހު ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިލްގެ އަންހެނަކާމެދު ޝައްކު ކުރެވިގެން އޭނާގެ ލަގެޖު ބަލައި ފާސްކުރެވުނު ކަމަށެވެ.
ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ފެނިގެން ޓެސްޓު ކުރިއިރު، ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުންޏެވެ.
މިގޮތުން، އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 4.46 ކިލޯ ހުރިއިރު، އޭގެ މަގުމަތީގެ އަގު 15 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
އެ އިދާރާއިން އިތުރަށް ބުނީ މިއީ މިއަހަރުގެ ތެރޭގައި މި ބާވަތުގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު 10 ވަނަ ފަހަރު ކަމަށެވެ.

"މިގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 17 ކިލޯގެ ކޮކެއިން ވަނީ އަތުލައިގަނެވިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
މިފަހަކަށް އައިސް ބްރެޒިލް މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރަނިކޮށް އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ދަނީ އިތުރުވަމުންނެވެ. ނިމުނު އަހަރަށް އެކަނި ބެލި ނަމަވެސް 41.8 ކިލޯގެ ކޮކެއިން އަތުލައިގަތެވެ.
އެއީ މަގުމަތީ އަގުތަކުން ހިސާބުކުރާއިރު ގާތްގަނޑަކަށް 204 މިލިއަން ރުފިޔާ އެވެ.












