މި އަހަރު ނިމުމުގެ ކުރިން ފުލުހުންގެ އޮޕަރޭޝަންތަކުގައި ކަރަންޓު ޝޮކު ޖައްސާ ޓޭޒާ ބަޑި ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިކަން އިއުލާން ކުރެއްވީ ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅުވައިގެން ފުލުހުން ހިމެނޭހެން ހޯމް ސެކްޓާއިން މި ދައުރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަށް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
"މިއަދު ދިވެހިރާއްޖޭގައި ކުށުގެ ނުރައްކާތެރިކަމާ ސަލާމަތީ ގޮންޖެހުންތަކަށް ރިއާޔަތް ކުރާއިރު، ފުލުހުން މިއަދު ވާންޖެހިފަ މިވަނީ މި މާހައުލަށް ފެތޭ މި މާހައުލުގަ ވާ ކަންކަމާ އެކަށީގެންވާ ގޮތަކަށް ތައްޔާރުވެ އެކަމާ ގުޅުންހުރި އާލާތްތަކެއް ހިފައިގެން އުޅޭ ބަޔަކަށް،" ހަމީދު ވިދާޅުވި އެވެ.
ކޮމިޝަނަރު ހަމީދު ވިދާޅުވީ މިއަދު މި ތައާރަފުކުރާ ޓޭޒާ ބަޑިއަކީ އެމެރިކާގެ އެކްސަން ކުންފުނީގެ އެންމެ އެޑްވާންސް ހަތިޔާރު ކަމަށެވެ. އަދި މި މޮޑެލްގެ ބަޑި މިވަގުތު އޭޝިއާގައި ހުރި ހަމައެކަނި ގައުމަކީ ރާއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޓެރަރިޒަމް އާއި ވަޔަލަންޓް ކުއްތަކާއި، ކަނޑިޔާ ކަތިވަޅިއާއި ވަޅި ހިފައިގެން އުޅޭ ނުރަކާތެރި ކުއްވެރިން މި މުޖުތަމައުގައި އެބަތިބި،" އޭނާ ވިދާޅުވި އެވެ.


ފުލުހުން ބޭނުންކުރާ ޓޭޒާ ބަޑި އަދި ބޮޑީ ކެމެރާ -- ފޮޓޯ: އަދަދު
އެކްސަންގެ ޓޭޒާ 7 ބަޑި އަދި ބޮޑީ ކެމެރާ ބޭނުންކުރާ ގޮތުގެ ތަމްސީލެއް ވެސް ފުލުހުން މިއަދު ވަނީ ނޫސްވެރިންނަށް ދައްކާލާފަ އެވެ. އެގޮތުން ޓޭޒާ ބަޑި ބޭނުންކުރަން ފަށާ ވަގުތުން ފެށިގެން ފުލުސް އޮފިސަރުގެ ނަމާއި ސާވިސް ނަމްބަރާއެކު ފުލުހުންގެ އިދާރާއަށް ލައިވް ވީޑިއޯ ފީޑު ލިބިގެންދާނެ އެވެ.
ފުލުހުން ބުނި ގޮތުގައި ޓޭޒާ ބޭނުންކުރަން ޖެހޭ ފަދަ ހާލަތެއްގައި އެކަން ކުރާނީ ހަތަރު ފޫޓަށްވުރެ ދުރުމިނަކުންނެވެ. އެ ބަޑީގެ ރޭންޖު 25 ފޫޓާ ހަމައަށް ހުންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. ޓޭޒާ ކުރުމާއެކު އަމާޒުވާ މީހާގެ ހަރަކާތްތައް ފަސް ސިކުންތައް ހުއްޓާލެވޭނެ އެވެ. ފުލުހުން ބުނީ ޓޭޒާ ބޭނުންކުރުމަށްފަހު ފަރުވާ ދޭންޖެހޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެކަން ކުރެވޭނެ ވަރަށް ފުލުހުން ތަމްރީނުކުރެވޭނެ ކަމަށެވެ.
މި އަހަރު ނިމުމުގެ ކުރިން ޓޭޒާ ބަޑި ބޭނުންކުރުމަށް ނިންމާފައިވާއިރު މިހާރު ފުލުހުން އަންނަނީ އެ އިދާރާގެ އޮފިޝަލުން އެ ހަތިޔާރު ބޭނުންކުރުމަށް ތަމްރީނުކުރަމުންނެވެ. އެގޮތުން ޓޭޒާ ބަޑި ބޭނުންކުރުމަށް ފަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަންޖެހެ އެވެ.














