ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ތިއްބަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން އަމަލުކުރައްވަމުން ގެންދަވާ ގޮތާ މެދު ނުރުހިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީގެ ބައެއް މެންބަރުން ވަޑައިގަތީ އިއްޔެ އެވެ.
ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ އިއްޔެ އެވެ. އިއްޔެ އެ ރިޕޯޓަށް ބަހުސްކުރަން އެއްވެސް މެންބަރަކު ނަން ނޯޓު ނުކުރިއިރު، ކޯރަމް ހަމަނުވާ ކަމަށް ވިދާޅުވެ ވޯޓަށް އެހެން ނެތް ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.
ހޯމަ ދުވަހު ރިޔާސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އަފީފަކީ ވެސް ރައީސް ނަޝީދަށް ތާއީދުކުރައްވާ، އެމަނިކުފާނުގެ އަރިސް މެންބަރެކެވެ. ދެން ރިޔާސަތުގައި އާންމުކޮށް އިންނަވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
އިއްޔެ މެންދުރުފަހު ވޯޓު ގަޑީގައި ބިލަށް ވޯޓަށް އަހަން އޮތް އިރު ވޯޓު ގަޑީގައި ރިޔާސަތުގައި އިންނެވީ ވެސް ނަޝީދެވެ. ނަމަވެސް އެހެން މައްސަލަތަކަށް ވޯޓަށް އެއްސެވުމަށް ފަހު، ޓެކްސްގެ ބިލަށް ވޯޓަށް އިއުލާން ނުކުރައްވައި، ރިޔާސަތުން ޖަލްސާ ނިންމަވާލެއްވި އެވެ.

މަޖިލީހުގެ ތަޅުމުގެ ތެރޭގައި ވެސް އެ ވަގުތު ރައީސަށް ތާއީދުކުރައްވާ މެންބަރުން ނުރުހުން ފާޅުކުރައްވައި އަޑުގަދަކުރެއްވިއިރު، މި ވަގުތު އެ މެންބަރުން ތިއްބެވީ ރައީސް ސޯލިހްގެ އަރިހަށް ވަޑައިގެންފަ އެވެ. އަދި އެ ކަން ބައެއް މެންބަރުން ވަނީ "އަދަދު"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އެ ބިލަށް ވޯޓަށް އަހާފައިނުވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން ދަނީ ވިދާޅުވަމުންނެވެ. ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މަސައްކަތްކުރާއިރު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް ވަނީ މި ދަނޑިވަޅު ޓެކްސް ބޮޑުނުކުރުމަށް ލަފާ ދެއްވައިފަ އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަނާޅާނެ
އެންމެ ފުރަތަމަ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގާނޫނާ ހިލާފް އަމަލެއް ކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް އެބަހުރި ކަމަށް ވިދާޅުވެ، އެމަނިކުފާނާ ދެކޮޅަށް ނަޝީދު ވާހަކަފުޅު ދެއްކެވުމުންނެވެ. އެހެންނަމަވެސް ފަހުން އެ ވާހަކަ މާ ބޮޑަށް ދެކެވިފައި ނުވެ އެވެ.
"އެ ދުވަހު ވެސް ރައީސް ވިދާޅުވިކަމަށް އިހުތިރާމްކޮށްފައި ޕާޓީގެ ތެރޭގެ މަސްލަހަަތަށް ޓަކައި އެންމެ ރަނގަޅުވާނީ އިހަށް ކެތްތެރިވެ މަޑުކޮށްލިއްޔާ ކަމަށް ވިދާޅުވީމާ އަޅުގަނޑުމެން މަޑުކޮށްލީ،" ރާއްޖެޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހުގެ ފެކްޝަންގެ މެންބަރެއް ކަމަށްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.
ރައީސް އިއްޔެ ވެސް އެދިވަޑައިގެންނެވީ އެ މައްސަލަ މަޑުޖައްސާލާފައި ބޭއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިހަށް މަޑުކޮށްލައްވާށޭ، ތިމަންނަ އެބަ ވިސްނަމޭ ތިކަން ހައްލު ކުރާނޭ ގޮތެއް ހޯދުމަށް، އެހެންވީމާ ތިޔަ ވޯޓު ލުމުގެ މައްސަލަ ޕާޓީގެ އެތެރޭގެ މަސްލަހަތަށްޓަކައި އިހަށް ބާއްވާލާށޭ [ރައީސް ވިދާޅުވީ]" އޭނާ ވިދާޅުވި އެވެ.
މެންބަރުން ޖަޒުބާތުގައި ޖެހިފައިވީނަމަވެސް މިި މައްސަލައިގައި ރައީސް އަމަލުކުރައްވަނީ ވަރަށް މަޑުމައިތިރި ކަމާއި ކެތްތެރިކަމާއެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ރައީސްއާއެކު މި މައްސަލައައިގައި މަޝްވަރާ ކުރުމަށް މިރޭ ވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ވިސްނުން ބަދަލުކުރެއްވުމަށް މިރޭ ވެސް އެދިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެން އަތުގައި އެބައޮތް 44 ސޮއި، ސާފު ސީދާ، އެއަށް ވުރެ މާ ގިނަ ވޯޓު ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހަކީ ވަކި މީހެއްގެ ތަނެއް ނޫން: ޕީޖީ ލީޑަރު
އިއްޔެ "އަދަދު"އާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އެމްޑީޕީގެ އިސް ލީޑަރާ އެކު ބޭއްވި ބައްދަލުވުމުގައި މެންބަރުން ފާޅުކުރެއްވީ މަޖިލީހުގެ ރިޔާސަތުން ތަކުރާރުކޮށް ގަވައިދާ ހިލާފުވަމުންދާ ކަމަށާއި ވަކި ބިލެއް އަވަސްކޮށް, ވަކި ބިލެއް ލަސްކުރަމުންދާ މައްސަލަ އެވެ. އަދި ގަވައިދާ އެއްގޮތަށް އަމަލު ނުކުރައްވައި, ގަވައިދު އެކި ގޮތްގޮތަށް ފުށުއަރާ ގޮތަށް މާނަ ކުރަމުން ރިޔާސަތު ބަލަހައްޓަވަމުން ނަޝީދު ގެންދަވާކަން ވެސް ފާހަގަ ކުރެއްވި އެވެ.
"...ބައެއް މެންބަރުން ފާހަގަކުރެއްވި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ސޮއިކޮށްފައި އޮވޭ, އެކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި, ވަކި ގޮތަކަށް ހައްދަވާކަށް ރައީސް ވިދާޅެއް ނުވޭ, ޕާލިމެންޓްރީ ގްރޫޕުންތާ ދެއްތޯ ނިންމާނީ," އަސްލަމް ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވިދާޅުވީ, އިތުބާރު ނެތް ކަމުގެ މައްސަލާގައި އެކި މެންބަރުންގެ ވިސްނުން ހުރީ ތަފާތުކޮށެވެ. އެކަމަކު, މެންބަރުން އިއްތިފާގުވާ ކަމަކީ މަޖިލީހުގެ ރައީސް ނަޝީދު އަމަލު ކުރައްވަމުން ގެންދަވަނީ ރަނގަޅަށް ނޫން ކަމެވެ.
"..އަޅުގަނޑުމެންގެ ޕާޓީގެ ރައީސަށް ވެސް ވާތީ އާއި ޕާޓީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށްވާތީ ރައީސް ނަޝީދަށް ވީހާވެސް ބޮޑަކަށް އިހްތިރާމާއި މަގާމުތަކާއި ހައިސިއްޔަތާއި އިއްޒަތާއި ޝަރަފު ދީފައި އޮތުމަށް ވެސް ވަރަށް ބޮޑަށް ރިއާޔަތް ކުރުމަށް މެންބަރުން ބޭނުންވޭ," އަސްލަމް ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ހިޔާ ފްލެޓްތަކުގައި މާލެއަށް ނިސްބަތްނުވާ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ކަމަށާއި އެތަނުގެ 900 ޔުނިޓެއް ބޮޑު އަގުގައި ކުއްޔަށް ދީފައި އެބަހުރި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އިއްޔެ އެވެ.
- ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތަށް އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާ، ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި އެ ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގައި ނުރަސްމީ ގޮތުން އުފެދިފައިވާ "ދެ ފެކްޝަން"ގެ ދެމެދުގައި އުފެދިފައިވާ ކޯޅުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެމްބަރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފަ އެވެ.
ދުވަހުގެ ކޯޓޭޝަން
ހިޔާ ފްލެޓުތަކަށް ކުލި ދައްކަމުންދާ މިންވަރާ ގުޅޭގޮތުން އިއްޔެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ:
ހިޔާ ފްލެޓްގައި 25 ޕަސެންޓް މީހުން އެބަ އުޅޭ މާލެއަށް ނިސްބަތްނުވާ، 900 ގޭބިސީ އެބަހުރި އެތަނަށް ސަރުކާރަށް އެމީހުން ދައްކަން ޖެހޭ އަގަށް ވުރެ ބޮޑު އަގުގައި ކުއްޔަށް ދީފައި. މިއީ ސެންސަސް އިން އަޅުގަނޑަށް ލިބުނު ޕްރިލިމިނަރީ ޑޭޓާއެއް،
ދުވަހުގެ ފޮޓޯ

ޓެކްސް އަގުބޮޑުކުރުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިއްޔެ މަޖިލިސް ކައިރީގައި ކުރި މުޒާހަރާގެ ތެރެއިން. ޖިލީސް ދޮރު ކުރިމައްޗަށް އެއްވުމާ އެކު ފުލުހުން ވަނީ އެ މީހުން ދުރަށް ޖައްސަމުން މަޖީދިއްޔާ ސްކޫލް ކުރިމަތީ ހުންނަ ގޯޅިއާ ހަމައަށް ގެންގޮސް ބެރިކޭޑް ޖަހައި ތިން މީހުން ހައްޔަރުކުރި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު













