މާލޭގައި މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރަން ތިއްބައި ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ހިމެނޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ އޮފިސަރު ސަސްޕެންޑުކޮށްފި އެވެ.
ޕާޓީކުރަނިކޮށް ހައްޔަރުކުރީ ފުލުހުން ހޯދާ މަސްތުވާތަކެތީގެ ސްޓޮކް ބެލެހެއްޓުމާ ހަވާލުވެފައި ހުންނަ އޮފިސަރު ހަސަން ޝުޖާއު އެވެ. އޭނާ ފުލުހުންގެ ހިދުމަތާ ގުޅިފައިވަނީ މީގެ 16 އަހަރު ކުރިންނެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، އޭނާ ސަސްޕެންޑު ކުރުމާ އެކު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަ އާއި އިދާރީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އޭނާ މަސައްކަތް ކުރަނީ، ފުލުހުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި ކަމުގައިވީ ނަމަވެސް ފުލުހުންގެ އޮޕަރޭޝަންތަކުގައި އެއްވެސް އިސްތިސްނާ ކުުރުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ޝުޖާއުއަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަސްތުވާތަކެތި ބަހަލައްޓާ ޓީމްގައި ހިމެނޭ ފުލުހެއް ކަމުގައިވީ ނަމަވެސް، އެ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލުކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް އޭނާއަށް ނޯންނާނެ ކަމަށެވެ. އަދި އެ ފުރުސަތު އެހެން ފުލުހަކަށް ވެސް ނޯންނާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ އަރުވާފަ އެވެ.
މި މައްސަލައާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު 'އަދަދު'އަށް ވިދާޅުވެފައިވާ ގޮތުގައި ޝުޖާއު ހައްޔަަރު ކުރެވުނީ، އޭނަގެ މައްޗަށް މިކަހަލަ ތުހުމަތުތަކެއް ކުރެވިގެންދާތާ ދުވަސްކޮޅެއް ފަހުން މައްސަލަ ބަލަމުން ދަނިކޮށް ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ އަށް ފިރިހެނަކާއި ހަތަރު އަންހެނެކެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ފިލްމު ކުޅޭ ބައެއް މީހުންނާއި ސޯޝަލް މީޑިއާގައި މަޝްހޫރު ބައެއް މީހުން ހިމެނެ އެވެ.












