ރާއްޖެ އައިސް އުޅޭ ބިދޭސީ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް، ޣައިރު ދީންތަކުގެ ޝިއާރުތައް ފާޅުނުކުރުމަށާއި އަޅުކަންތައް ފާޅުގައި ނުކުރުމަށް އިރުޝާދު ދިނުމަށް އަންގައި ލޯކަލް ކައުންސިލްތަކަށް އިސްލާމިކް މިނިސްޓްރީން ސާކިއުލާއެއް ނެރެފި އެވެ.
މިދިޔަ ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާގައި ވަނީ، ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ނުވަ ވަނަ މާއްދާއިން އެފަދަ ކަންކަން ކުރުން މަނާ ކަން ބުނެދިނުމަށެވެ.
އެ މާއްދާގައި ވަނީ، ރާއްޖޭގައި އުޅޭ ޣައިރު މުސްލިމުންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑު ގޮތެއްގައި އެ މީހުންގެ ދީނީ ޝިއާރުތައް ފާޅުކުރުމާއި އާންމު ތަންތަނުގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތް ހިންގުމާއި އޭގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާ ކަމެއް ކަމަށެވެ.
"ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން މި ކަމަށް ހާއްސަ ސަމާލުކަން ދެއްވައި، މިފަދަ މައްސަލަތަކުގައި އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް ދަންނަވަމެވެ," އިސްލާމިކް މިނިސްޓްރީގެ ސާކިއުލާގައިވެ އެވެ.
އެނގިފައިވާ ގޮތުގައި، މިފަދަ ސާކިއުލާއެއް މިނިސްޓްރީން ނެރުމަށް ނިންމީ އައްޑޫ ސިޓީގެ ހެދުމުގެ މަޝްރޫއުގެ ތެރެއިން ތާރު މަގެއްގައި ތާރު އެޅުން ފެށުމުގެ ކުރިން ހިންދޫ ދީނަށް ނިސްބަތްވާ އަމަލެއް ހިންގި މައްސަލައާ ގުޅިގެނެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ފުލުހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.













