ސަލާމަތީ ބާރުތައް ގުޅިގެން އައްޑޫ ސިޓީ އާއި މާލެ ސިޓީގައި އެންޓި ޓެރަރިޒަމާ ގުޅޭ ސީރިއަސް އޮޕަރޭޝަނެއް ފަށައިފި އެވެ.
"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި ފުލުހުންނާއި ސިފައިން ގުޅިގެން މި އޮޕަރޭޝަން ފަށާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބިގެންނެވެ. ނަމަވެސް، ހިންގަން އުޅުނީ ކޮންކަހަލަ ޓެރަރިޒަމުގެ އަމަލެއް ކަމެއް އެނގިފައެއް ނުވެ އެވެ.
ފުލުހުން ގެންދަނީ މިވަގުތު ވެސް ހިތަދޫގެ ގެޔެއް ބަލައި ފާސްކުރަމުންނެވެ. އެ ގެ ބަލައި ފާސްކުރަމުންދާ ފޮޓޯތަކެއް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
"ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިއަށް ގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް މާލެ އާއި އައްޑޫ ސިޓީ އާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް އެބަ ގެންދަން،" ފުލުހުން ހާމަކޮށްފައިވެ އެވެ.
އަދި، މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އައްޑޫގައި ކުރިއަށްގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންދާ ފުލުހުން ތިބީ މޫނު ނިވާކޮށްގެންނެވެ.
މިއަހަރުގެ މާޗު 27، ގައި ވެސް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި، ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގުމަށްފަހު ނުވަ މީހަކު އައްޑޫން ހައްޔަރުކުރި އެވެ. އޭރު އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ގެންދެވީ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021، މާލޭގައި ގޮއްވާލި ވަރުގަދަ ބޮމަށްފަހު ވެސް އައްޑޫއިން ފުލުހުން ބަޔަކު ހައްޔަރު ކުރި އެވެ. އެފަހަރު ޖުމްލަ އަށް މީހަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި، ނަޝީދަށް ދިން ހަމަލާ މާސްޓާމައިންޑު ކުރި ކަމަށް ބެލެވޭ ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމް ހިމެނެ އެވެ.












