ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑީގައި ވަނީ ސަރުކާރު ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ތުހުމަތު ކުރެއްވީ އިއްޔެ އެވެ.
އިއްޔެ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އަހުމަދު ތޯލިބެވެ. އެއީ މިސްރުގައި މިހާރު ކުރިއަށްދާ ކޮޕް-27 ސަމިޓްގައި ސްރީލަންކާ ތަމްސީލްކުރާ ވަފުދުގައި ނަޝީދު ބައިވެރިވެވަޑައިގަތުމުން ހުށަހެޅި މައްސަލައެކެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ފާހަގަކޮށްފައިވާ ގާނޫނީ ނުކުތާއަކީ، ނަޝީދުގެ އެ އަމަލަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޒިންމާތަކާއި ޝަރުތުތަކާ ހިލާފު އަމަލެއް ކަމުގަ އެވެ. އެގޮތުން, އެއީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.
"ރައީސް ނަޝީދު ވަކި ކުރަން މަޖިލީހުން އަދަދު ނުލިބުނީމަ މިހާރު އެ މަސައްކަތް ފެށީ ކޯޓު މެދުވެރިކޮށް ވަކި ކުރެވޭތޯ. އަޅުގަނޑު ގަބޫލުކުރަނީ މިކަމުގައި ގާނޫނީ އަސާސެއް ނެތަސް ވެސް މިކަމުގެ އަޑީގައި އޮތީ ސަރުކާރު ކަމަށް،" މިއަދު ކުރެއްވި ޓްވީޓެއްގައި ހަސަން ވިދާޅުވި އެވެ.
ނަޝީދާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، މަޖިލީހުގެ މެންބަރުން އަމަލު ކުރަން ޖެހޭނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި، އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ފޯޅަވަހި ހިމެނޭ ޗާގޯސް ސަރަހައްދުގައި ހިނގަނީ މޮރިޝަސްގެ ސިޔާދަތީ ބާރު ކަމަށް އެއްވެސް އިރެއްގައި ގަބޫލުކޮށްފައިނުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އިއްޔެ އެވެ.
- އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށް ގެންގޮސްފައިވާ ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި, ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައި ވަނީ ޝަރީއަތް ފެށުމުގެ ކުރިން ކުރިން ދެ ގައުމުން އެ ޓްރައިބިއުނަލަށް ހުށަހެޅި ލިޔުންތަކެއް އެކަނި ކަމަށް މަޖިލީހުގެ އިދާރާއިން ބުނީ އިއްޔެ އެވެ.
- ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތައް ހުރިނަމަވެސް، ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރަކު އެ ޕާޓީން ނެރޭ ވިޕް ލައިނާ ހިލާފުވުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރައީސް ސޯލިހުގެ ފެކްޝަނާ ގުޅިވަޑައިގެންނެވުމާ ގުޅޭގޮތުން "އަދަދު" އިން އިއްޔެ ސުވާލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ:
ޕާޓީގެ ޓިކެޓެއްގައި އިންތިހާބުވާ މެމްބަރަކު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އަގުލަބިއްޔަތުން ނިންމާ ތްރީ ލައިން ވިޕާ ހިލާފުވެގެން ނުވާނެ، އެއީ އަޅުގަނޑު ގަބޫލުކުރާ ހަމައަކީ،
ދުވަހުގެ ފޮޓޯ

ރައީސް ސޯލިހު ހަންގޭރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް، ޕީޓަރ ސިއާޓޯއާ ސަލާމް ކުރައްވަނީ. ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ މަސްލަހަތުއޮތް ކަންކަމާއި ދެޤައުމަށް މަންފާވާނޭ ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި --- ފޮޓޯ: ރައީސް އޮފީސް












