2017 ވަނަ އަހަރު އިފްތިތާހުކުރި "25 އަށް 25" ކެމްޕޭން ރީބްރޭންޑުކޮށް، އާ މަސައްކަތްތަކާއެކު "30 އަށް 25" ޕްލޭން އިފްތިތާހުކޮށްފި އެވެ.
އެ ކެމްޕޭން އިފްތިތާހުކޮށްފައި ވަނީ ގައިންގަޔަށް ނާރަ ބަލިތަކުގެ ހިރާސްތަކުގެ މައުލޫމާތު ހާމަކުރުމަށާއި، އެފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައުވާ މަސައްކަތްތައް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. އެގޮތުން، ނެޝަނަލް މަލްޓި ސެކްޓޯރަލް ޕްލޭން އިފްތިތާހު ކުރުމާއެކު، އެ ޕްލޭނުގައިވާކަންކަން ތަންފީޒު ކުރުމަށްޓަކައި "30 އަށް 25" ޕްލޭން ވަނީ އިފްތިތާހުކޮށްފަ އެވެ.
"30 އަށް 25" އަކީ މިހާރު ގައިންގަޔަށް ނާރާ ބަލިތައް ހުރި މިންވަރު 2030 ވަނަ އަހަރުގެ ނިޔަލަށް 25 ޕަސަންޓު ދަށް ކުރުމަށް ހިންގާ ކެމްޕޭނެކެވެ. އެހެން ނަމަވެސް, ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ ޖުމްލަ މަސައްކަތުގައި އަމާޒު ހިފާފައި ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ގައިންގަޔަށް ނާރާ ބަލިތައް ތިންބައިކުޅަ އެއްބައި ދަށް ކުރުމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާގެ މަސައްކަތްތައް މުރާޖައާކޮށް، ހަރުދަނާ ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން މިހާރ އަމާޒު ހިފާފައި ވަނީ ބަލިތަކާމެދު އާންމުން ހޭލުންތެރިކުރުވުމަށާއި، ދުރާލާ ބަލިތައް ދެނެގަތުމާއި، ދިގުމުއްދަތަށް ދެމިގެންދާ ބަލިތައް ހުންނަ މީހުންނަށް ބޭނުންވާ ބޭސްފަރުވާ ގާތުން ފަސޭހަކަމާއެކު، އެމީހަކަށް އެންމެ އެކަށީގެންވާ ގޮތަކަށް 'ކަސްޓަމައިޒްކޮށް' ދިނުމަށް ބާރުއެޅުމަށް ކަމަށެވެ.
އެގޮތުން އަންނަ އަހަރު ޕްރިމަރީ ހެލްތު ކެއާ އަލުން ފެށިގެންދާއިރު، ކޮމިއުނިޓީ މެޑިކަލް ޓީމްތަކުން ދޮރުން ދޮރަށް ހިނގާ، ރައްޔިތުންގެ ހާލު ބަލާނެ ކަމަށް ނަސީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތް ފުޅާ ކުރެވި، ދައުލަތުގެ އެކި އިދާރާތަކާ ގުޅިގެން ކުރިއަށްދާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ވަނީ 2023-2030 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމަށް މަސައްކަތްކުރާނެ އެކްޝަން ޕްލޭން އިފްތިތާހުކޮށްފަ އެވެ. އެ އެކްޝަން ޕްލޭނަކީ، ކަމާ ބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރެވޭނެހެން އެކުލަވާލާފައިވާ ވަށާޖެހޭ ޕްލޭނެކެވެ.
ރޭ އިފްތިތާހުކުރި ޕްލޭނަކީ މަލްޓި-ސެކްޓުރަލް، ޕްލޭނެއްކަމުން، އެކި މުއައްސަސާތަކާ ގުޅިގެން އެ ޕްލޭނުގައިވާ ކަންކަން ތަންފީޒު ކުރުމުގެ ކަންކަން ގާތުން ބަލާ، މޮނިޓާކޮށް، އަދި އެ މަސައްކަތް ތާވަލާއެއްގޮތަށް ކުރިއަށް ގެންދިއުމަށް ފާރަވެރިވާނެ ހައިލެވެލް މަލްޓި-ސެކްޓޯރަލް ސްޓިއަރިން ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ. އަދި އެ ކޮމިޓީގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
"ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަސް މިއަދު އިއުލާނު ކުރެވުނު ކެމްޕޭނު އަދި އެކްޝަން ޕްލޭން ތަންފީޒު ކުރުމަށާއި، އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގައި ސިއްހީ ދާއިރާއިން އަދާކުރަން ޖެހޭ އިސްދައުރު އަދާކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވަން," ގައިންގަޔަށް ނާރާ ބަލިތައް މަދުވެގެން ތިން ބައި ކުޅަ އެއްބަޔަށް ދަށްކުރުމަށް އަމާޒުހިފާފައިވާކަން ފާހަގަ ކުރައްވައި ނަސީމް ވިދާޅުވި އެވެ.
ނަަސީމް ވިދާޅުވީ 2030ގެ ނިޔަލަށް އެ އަމާޒު ހާސިލުވާނެ ކަމަށާއި، ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުން ތިބީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ. ރޭ ހުށަހެޅި ސާވޭގެ ނަތީޖާއަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ނުރަނގަޅު އާދަތަކަށް ބަދަލުގެނައުމުގެ އެންމެ އިސް ދައުރާއި ވާޖިބު އޮތީ ފަރުދީ ފެންވަރުގައި ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމަށް ސިއްހީ ދާއިރާއިން އޮތީ ތައްޔާރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނަސީމް އިތުރަށް ވަނީ ބަލިވުމުގެ ކުރިން ސިއްހަތަށް ސަމާލުކަންދީ، ބަލިތަކާބެހޭ މައުލޫމާތު ލިބިގަނެ، އެފަދަ ބަލިތަކުން ދުރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް އިލްތިމާސްކުރައްވަމުން ނަސީމް ވަނީ އެހެން މީހުންގެ ހައްގުތަކަށް އަރައިނުގަނެ، މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް އެދިވަޑައިގެންފަ އެވެ.












