ހުލާސާކޮށް އިއްޔެ: ހައުސިން ލޯނުގެ އިންޓަރެސްޓު ރޭޓު ކުޑަކޮށް، އިކުއިޓީއަށް ސޭވިން ޕްރޮގްރާމެއް ފަށަނީ

ހުލާސާކޮށް އިއްޔެ: ހައުސިން ލޯނުގެ އިންޓަރެސްޓު ރޭޓު ކުޑަކޮށް، އިކުއިޓީއަށް ސޭވިން ޕްރޮގްރާމެއް ފަށަނީ

ސަރުކާރުން ހަރަދުކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި، ހައުސިން ލޯނުތަކަށް ނަގާ އިންޓަރެސްޓަށް ހެޔޮ ބަދަލެއް ގެނައުމާއެކު އަމިއްލަ ހިއްސާއަށް ބޭނުންވާ އަދަދު ނުވަތަ ލޯނުގެ އިކުއިޓީ ހަމަޖެއްސުމަށް ދިގު މުއްދަތުގެ ސޭވިން ޕްރޮގްރާމެއް ފަށަން ސަރުކާރުން ނިންމާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ސަރުކާރުން އެދިގެން ވާލްޑް ބޭންކުން ދާދި ފަހުން ކުރި ދިރާސާއެއްގައި ބުނީ ގެދޮރަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ދިމާވާ ހުރަސްތަކުގެ ތެރޭގައި ގެދޮރު ގަތުމަށް ލޯނު ހޯދުމަށް ބޭނުންވާ މިންވަރަށް ވުރެ ލިބޭ އާމްދަނީ ކުޑަވުމާއި ބޭނުންވާ އިކުއިޓީ ރައްކާކުރެވިފައި ނެތުން ނުވަތަ ފަހަށް ރައްކާކުރެވޭނެ ފަދަ ގާބިލުކަމެއް ނެތުމާއި ހައުސިން ލޯނު ލިބެން ހުރި ގޮތްތައް މަދުވުން ފާހަގަވެފައިވާ ކަމަށެވެ.

މީގެއިތުރުން ގެދޮރު ގަތުމަށް ލޯނުނެގުމަށް ބޭނުންވާ ފަރާތްތަކަށް ބޭންކުތަކުން ދޫކުރާ ހައުސިން ލޯނުތަކުގެ އިންޓަރެސްޓް ރޭޓު ބޮޑުވުމުގެ ސަބަބުން، ލޯނު އަނބުރައި ދައްކަން ބޭނުންވާ ފައިސާގެ އަދަދު ބޮޑުވެގެންދާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އަދި، މިއަދަދަކީ ގިނަ ފަހަރަށް ގެދޮރު ބޭނުންވާ ފަރާތްތަކަށް ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރެއް ކަމަށް ވެސް ބުންޏެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ދިމާވަމުންދާ ދަތިތަކަށް އަލިއަޅުވާލާފައިވެ އެވެ.

ފިނޭންސުން ބުނާ ގޮތުގައި އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް މައިގަނޑުގޮތެއްގައި ހިންގަމުންދަނީ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމުގައިވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފަހި ދިރުއުޅުން ކޯޕަރޭޝަން މެދުވެރިވެގެނެވެ.

މި ކުންފުނިތަކުން، އެކަށީގެންވާ ފުޅާމިނެއްގައި މި މަޝްރޫއުތައް ހިންގުމަށް އެ ކުންފުނިތަކުން ދަރަންޏަށް ފައިސާ ނަގަން ޖެހޭއިރު މިފަދަ ދަރަނިތަކަކީ އެ ދަރަނިތަކަށް ސަރުކާރުން ގެރެންޓީދީގެން ނަގާ ދަރަނިތައް ކަމަށް ބުނެފައިވެ އެވެ.

"މިގޮތުން ސަރުކާރުން ބޯހިޔާވަހިކަމަށްޓަކައި ނަގައިފައިވާ ދަރަނި ނުވަތަ ދެވިފައިވާ ގެރެންޓީގެ މިންވަރު، ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު [15 ބިލިއަން ރުފިޔާ] އަށް އަރަ އެވެ."

މީގެ އިތުރުން، ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހަމައެކަނި ރާއްޖޭގެ މާލީ ނިޒާމުން ހަމަޖެއްސޭނެ މިންވަރުގެ ގާބިލުކަމެއް ރާއްޖޭގެ މާލީ ނިޒާމުގައި ނެތް ކަމަށް ފާހަގަކޮށްފައިވެ އެވެ.

ފިނޭންސުން އިތުރަށް ބުނީ ހައުސިން މިނިސްޓްރީން އަލަށް ފަރުމާކުރަމުންދާ ހައުސިން ޕޮލިސީ، ޓެނަންސީ ބިލް އަދި ނެޝަނަލް ސްޕޭޝަލް ޕްލޭން އަކީ މި މައްސަލަތައް ހައްލުކުރުމަށް މަގުފަހިކުރުވާނެ ފިޔަވަޅުތަކެއް ކަމަށެވެ.

މިގޮތުން ހައުސިން ޕޮލިސީއަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދެވޭ ވަކި މިންގަނޑުތަކެއް ކަނޑައެޅިގެން ދިޔުމުގެ ސަބަބުން، ސަރުކާރުން ސީދާ ފޯރުކޮށްދޭންޖެހޭ ހައުސިން ޔުނިޓްތަކުގެ އަދަދު އަންދާޒާކޮށް، ސަރުކާރުން ވަކި އަގެއްގައި ހައުސިން ފޯރުކޮށްދޭނެ ފަރާތްތައް ކަނޑައެޅިގެންދާނެ ކަމަށް ބުންޏެވެ.

އަދި ނިސްބަތުން ގިނައިން އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށް، ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް މެދުވެރިކޮށް އަތްފޯރާ އަގުތަކެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ، ސަރުކާރުގެ ބަޖެޓަށް އިތުރަށް ބުރަނުވާ ގޮތަކަށް މި މައްސަލަ ހައްލުކުރުމަށް ކޮށޭ މަގަކަށް ވެގެންދާނެ ކަމަށެވެ.

މިގޮތުން، ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކެއް ހޯދައި، ޕްރައިވެޓް ސެކްޓާ މެދުވެރިވެގެން ގެދޮރު އިމާރާތްކުރުމުކީ ސަރުކާރުގެ ތަސައްވުރު ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.

ފިނޭންސުން ބުނާ ގޮތުގައި ސަރުކާރުން ހަރަދުކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި، ހައުސިންގ ލޯނުތަކަށް ނަގާ އިންޓަރެސްޓަށް ހެޔޮ ބަދަލެއް ގެނައުމާއެކު ގެދޮރަށް ބޭނުންވެފައިވާ ފަރާތްތަކަށް، އަތްފޯރާ އަގެއްގައި ގެދޮރު ހޯދުމަށް މަގު ފަހިކުރުމަށް ވަނީ ރޭވިފަ އެވެ.

"އެގޮތުން އަމިއްލަ ހިއްސާއަށް ބޭނުންވާ އަދަދު ނުވަތަ ލޯނުގެ އިކުއިޓީ ނެތުމަކީވެސް ގެދޮރު ހޯދުމަށް އޮތް ދަތިކަމަކަށް ވުމާއެކު، ގެދޮރު ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ދިގުމުއްދަތުގެ ސޭވިން ޕްރޮގްރާމެއް ހިންގުމުގެ މަޝްވަރާ ކުރިއަށް އެބަދެ އެވެ،" ފިނޭންސުން ބުންޏެވެ.

މީގެ އިތުރުން، ހައުސިން މާކެޓުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން، ގާނޫނީ ނިޒާމުގައި ފުރިހަމަކުރަންޖެހޭ ކަންތައް ދެނެގަނެ ގާނޫނީ އޮނިގަނޑު ފުރިހަމަކުރުމުގެ މަސައްކަތް ސަރުކާރުގެ ގާނޫނީ އެޖެންޑާގެ ތެރެއިން ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އަންނަ އަހަރަށް ބޯހިޔާވަހިކަމަށް އޮތް ބަޖެޓު

އަންނަ އަހަރު ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 737.6 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ.

މީގެ ތެރޭގައި ފަހިދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ހުޅުމާލޭގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ 6،000 ހައުސިން ޔުނިޓުގެ އިކުއިޓީ ކޮންޓްރިބިއުޝަނާއި އެކިރަށްތަކުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 285.9 މިލިއަން ރުފިޔާ ހިމެނެ އެވެ.

މީގެ އިތުރުން، ސައުދީ ފަންޑުގެ ލޯނުގައި ހިނގަމުންދާ އެފޯޑަބަލް ހައުސިން ޕްރޮޖެކްޓުގެ ދަށުން 31.8 މިލިއަން ރުފިޔާ ހިމެނައިފައިވާއިރު، މިހާރު އެކި ރަށްތަކުގައި ހިނގަމުންދާ ހައުސިން ޔުނިޓުގެ މަޝްރޫއުތަކަށް 193.1 މިލިއަން ރުފިޔާ އަންނަ އަހަރަށް ވަނީ ބަޖެޓުކޮށްފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރަށްރަށުގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ގިނަވެ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބަޖެޓަށް ބުރަވާތީ، އެކަން ހައްލުކުރުމަށް ކަމަށް ބުނެ، ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލީ އިއްޔެ އެވެ.
  • އަރަބިއްޔާ ސްކޫލާ މެދު އެޑިއުކޭޝަން މިނިސްޓްރީން ތަފާތުކުރާ ކަމަށް ބުނެ އެ ސްކޫލްގެ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު އެ ސްކޫލްގެ ބައެެއް ބެލެނިވެރިންނާ ބައްދަލުކުރެއްވީ އިއްޔެ އެވެ.
  • ވ. އަތޮޅު ހުޅިދޫ އަނބުރާ ހޯދުމަށް އެ އަތޮޅު ކައުންސިލްގެ ރައީސް އަދި ރައްޔިތުން އެ ރަށަށް އަރާ އަޑުއުފުލި މައްސަލައަށްފަހު ރިސޯޓުތަކުން އެ އަތޮޅުގެ ރަށްތަކަށް ގެސްޓުން ނުފޮނުވާ މައްސަލަ ހޫނުވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އިއްޔެ ވިދާޅުވީ:

[ ހެއްކާ ބެހޭ ގާނޫނު ހަދަން ހުށަހެޅި ބިލަކީ] ޓެރަރިޒަމްގެ މައްސަލައެއް ވެއްޖެއްޔާ ވަގުތުން ތަހުގީގެއް ހިންގެން ޖެހޭނެ ކަމަށް ބަލާފައި މަސްދަރު ހާމަކުރުމަށް ބޭނުންވެގެން ހުށަހެޅި ބިލެއް. މިވަގުތުގައި އަނެއްކާ ދެވަނަ ފަހަރަށް އެއަށް މި ހުށަހެޅި އިސްލާހުގައިވާ ގޮތުން ، ހަމަ އެކަނި މިކަން ކުރެވެން މިއޮތީ ކުށެއްގެ ދައުވާއަކާ ގުޅިގެން ހިނގާ ޝަރީއަތެއްގައި،

ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ 28 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގައި ކިންގްސް ބާސްކެޓްބޯޅަ ކުލަބާއި ދަ ބައުސް ސްޕޯޓްސް ކްލަބް ކުޅުނު މެޗުގެ ތެރެއިން. މި އަހަރުގެ އެމްބީއޭ ކަޕް ބަދަލުތަކަކާ އެކު ފެށިއިރު މި އަހަރުގެ މުބާރާތް ރާވާފައިވަނީ ޓީމުތަކަށް ގިނަ މެޗުތަކެއް ލިބޭ ގޮތަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މިހާރު ކުރިއަށްދާ 28 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގައި ކިންގްސް ބާސްކެޓްބޯޅަ ކުލަބާއި ދަ ބައުސް ސްޕޯޓްސް ކްލަބް ކުޅުނު މެޗުގެ ތެރެއިން. މި އަހަރުގެ އެމްބީއޭ ކަޕް ބަދަލުތަކަކާ އެކު ފެށިއިރު މި އަހަރުގެ މުބާރާތް ރާވާފައިވަނީ ޓީމުތަކަށް ގިނަ މެޗުތަކެއް ލިބޭ ގޮތަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިހާރު ކުރިއަށްދާ 28 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގައި ކިންގްސް ބާސްކެޓްބޯޅަ ކުލަބާއި ދަ ބައުސް ސްޕޯޓްސް ކްލަބް ކުޅުނު މެޗުގެ ތެރެއިން. މި އަހަރުގެ އެމްބީއޭ ކަޕް ބަދަލުތަކަކާ އެކު ފެށިއިރު މި އަހަރުގެ މުބާރާތް ރާވާފައިވަނީ ޓީމުތަކަށް ގިނަ މެޗުތަކެއް ލިބޭ ގޮތަށް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox