ދިގު ވާހަކަ: ކެތްކުރާނަން

ދިގު ވާހަކަ: ކެތްކުރާނަން

ހަވަނަ ބަޔާ ގުޅޭ

"އެ ކޮން ކަމެއް؟" އަހަންނަށް އަހައިލެވުނެވެ.

"މަންމަ ބޭނުންވާނީ ހުކުރު ދުވަހު ބަދިގޭގައި ކުރާން ހުރި ކަންކަން ކޮށްލަން. އެހެން މީހުން ހޭލައިގެން އައުމުގެ ކުރިން ބަދިގެ ހަމައަކަށް އަޅުވަން ވެސް. މަންމައަށް އެ ފުރުސަތު ނުލިބިއްޖެނަމަ މުޅި ދުވަސް ހުންނާނީ އޮފް ވެފަ." ދޮންބެދައްތަ ބުނެލި އެވެ.

އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ވާނުވާ ސާފުވުމުން ހަމައަކަށް އެޅުނެވެ. ނަމަވެސް ހިތުގައި ސުވާލުގެ ޒަލްޒަލާއެއް އުފެދެމުން ދިޔަ އެވެ. މި ހުރިހާ ކަމެއް ވެސް ގުޅުވެމުން ދިޔައީ ސަގާފަތާ އެވެ. އާދަކާދައާ އެވެ. ގަބޫލުކުރުންތަކާ އެވެ.

"މި ވެސް މި ރަށުގެ ހުރިހާ ގެއެއްގައި ކަން އޮންނަ ގޮތްތަ؟" އަހަންނަށް އަހައިލެވުނެވެ.

"ތި ޖެހޭނީ ބަލަން. އަހަންނަށް ޔަގީންވަނީ މީ މިގޭގެ އާދަކަން. މި ގޭގައި ކަން އޮންނަ ގޮތްކަމަށް." ދޮންބެދައްތަ ހިނިތުންވެލި އެވެ.

"ނޭނގޭނެއްނު ދޯ! ނުލާހިކު ސަގާފީ ރަށެއްވިއްޔަ! ކޮންމެ ކަމެއް ވެސް ސަގާފަތުގެ ފިޔަވަޅު މަތީން ވިޔަ މި ހިނގަމުންދަނީ!" ފާޑަކަށް ފޫހިވެ އިނދެބުނެލީމެވެ.

"ސަގާފަތަކީ ދިރިއުޅުމުގެ މުހިއްމު އެއްޗެއް. އާދަކާދައަކީ ވެސް އެހައިމެ ބޭނުންތެރިކަމެއް. ބަޔެއްގެ ސަގާފަތް ނެތިއްޔާ ނޫނީ އާދަކާދައެއް ނެތިއްޔާ އެބައެއް އެއްވެސް އަމިއްލަކަމެއް، އަމިއްލަވަންތަ ކަމެއް ނެތެއްނު ދޯ!" ދޮންބެ ދައްތަ ދޯ ދިނީ އަހަންނަށެވެ.

އަހަރެން ތުންފަތަށް ގޮތެއް ހަދައިލަމުން ފޫހިވާކަން ދައްކައިދިނީމެވެ. މޫނަށް ދެތިން ރޫ އަރުވާލަމުން ލުއި ގޮތެއް ހަދައިލީމެވެ.

"އާނ! އެކަމަކު ދިސް އިސް ޓޫ މަޗް ދޯ!" ފުން ނޭވާއެއް ބޭރުކޮށްލީމެވެ. "މަށަށް އޯކޭ ސަގާފަތް އޮތަސް، ގަބޫލުކުރިޔަސް، ދިވެހިންގެ ސަޅި ކަންކަން ދިރުވަން ވެސް ވާނެ އެކަމަކު މާ ބޮޑަށް އެ ވިސްނުމަށް ގޮސް ދިރިއުޅުމުގެ މުޅި ނާރެހަކީ ބޯދާ ގަބޫލުކުރުންތައް ކަމުގަ ވީމަ އޭތި ކަޑަ ދޯ!"

"އާނ!"

"އެކަމަކު މި ނޫން ގޮތެއް ވެސް އަހަރުމެންނަކަށް ނޯންނާނެ ދޯ!"

"ނޫނޭ! ޒަމާނާއެކު ވިސްނުމަށް އަންނަ ބަދަލުތަކާއެކު މި ހުރި ކޫސަނި ކަންކަން ވެސް ބަދަލުވަމުންދާނެ. އެކަންކަން ވެސް ބަދަލުވެ ޒަމާނަށް ފެތިގެންދާނެ. އޭރުން ސަގާފަތް ވެސް ދާނީ ޒަމާނީވަމުން."

"ތިކަމެއް ނުވެއެއްނު! މީ އެކާވީސްވަނަ ގަރުނުކަން މި ހިސާބު މީހުންނަށް އަދި ގަބޫލު ނުކުރެވެނީ ކަންނޭނގެ ދޯ!"

"ދެން ތި ޝަކުވާތައް ދޫކޮށްލައިފަ މި ސަގާފަތަށް ހޭނިލަން އެބަޖެހޭ. އެހެންނޫނީ އަބަދު އުޅެން ޖެހޭނީ ކޮންމެ ވެސް ޝަކުވާއެއް ބޮލަށް މަހައިލައިގެން. ކޮންމެ ވެސް ކަމަކާ ހިތްހަމަ ނުޖެހިގެން،" ދޮންބެދައްތަ ކޮފީތަށި ހުސްކޮށްލުމަށްފަހު ތެދުވެ ޒިންކާ ދިމާއަށް ހިނގައިގަތެވެ. "އަހަންނަށް ވެސް ކުރިން އުޅެވުނީ ތިހެން. އެކަމަކު މިހާރު މިގޮތަށް ހޭނެވުނީމަ އެބަ ހިތަށް އަރާ މި އަސްލު ހާދަ ސަޅި ގޮތެކޭ. ހާދަ ފަސޭހައޭ މިހެން ކަންކަން އޮންނާތީ. އޭރުން ކަންކަން ހުންނާނީ ތަރުތީބުވެ ނިމިފަ. ބައެއް ކަންކަން ކުރާނީ ކާކުކަން ނޭނގި ތިބޭކަށް ނުޖެހޭނެ. މީހުންގ ޒިންމާތައް ވެސް ސަގާފީ އުސޫލުން އެއްހަމަ ވެގެން ގޮސް ހުރިހާ ކަމެއް ހުންނަނީ ސަޅިކޮށް އަތުރައިލެވިފަ. އަޅެ މި ބުނާ ކަންކަން ތަޖުރިބާ ކުރާން ފަށައިބަލަ. މި ނޫންތަ ދިވެހީންގެ ގޮތަކަށްވާންވީ. މި ނޫންތަ އަހަރުމެންގެ އަމިއްލަކަމަކީ."

ދޮންބެދައްތަގެ ވާހަކަތަކުން ކޮންމެ ވެސް ވަރެއްގެ ފިލާވަޅުތަކެއް ނަގާން ޖެހުނީ އޭނާ ވާހަކަދެއްކުމުގައި އެ ގެންގުޅޭ ލޯބި ގޮތްގަނޑުންނެވެ. އޭނާއާ ޚިޔާލު ތަފާތުވީނަމަވެސް ޒުވާބަކަށް ދާން ނުޖެހެނީ އޭނާގެ ބަސްމަގުގައި އެ ހުރި ފަސޭހަކަމުގެ ސަބަބުންނެވެ. އެހެންވެ އޭނާ ދެއްކި ބައެއް ވާހަކަތައް ގަބޫލުކޮށް އަނެއްބައި ވާހަކަތައް ބަނޑަށް ހިންދައިލައިގެން ތެދުވެ މަސައްކަތްތަކުގައި މަސްއޫލުވެ އުޅެންފެށީމެވެ. ދޮންބެދައްތަގެ އިރުޝާދުގެ މަތީންނެވެ. އަހަރެން ފިޔަވަޅުތައް އަޅާން ފެށީ އޭނާ ދެއްކި މަގުންނެވެ. އޭނާގެ ފިޔަވަޅު މަތީންނެވެ.

މަޑުމަޑުން ކަންކަން ދަސްވަމުން ދަސްވަމުންދިޔަ އެވެ. ކޮންމެ ކަމެއް ވެސް ދަސްވުމާއެކު އެ ކަމެއްގެ ތެރޭގައި ހުންނަ ކަންކަމަށް ފުންކޮށް ވިސްނޭން ވެސް ފެށެ އެވެ. އޭގެ ސަބަބުން ލިބޭ ފައިދާތަކާއި ފަސޭހަތަކާ ގުޅޭގޮތުންނެވެ. އެކަމުން ލިއްބައިދޭ މަންފާތަކާ މެދުގަ އެވެ.

ބައެއް އާދަކާދަތަކަކީ ގޭބިސީތަކަށް ހާއްސަ އާދަކާދަތަކެވެ. ސަގާފަތްތަކެވެ. ވަކި އާއިލާތަކުން ޒަމާނުއްސުރެ ޢަމަލުކުރަމުންދާ ގޮތެވެ. ވައްޓަފާޅި އެވެ. އެހެންވެ އެއީ އާއިލީ ސަގާފަތް ނުވަތަ އާދަކާދަތަކެއް ކަމުގައި ނަންދެވިފައި ހުންނަ ކަންކަމެވެ. އަނެއްބައި އާދަކާދަތަކަކީ ދިރިއުޅޭ ސަރަހައްދު ނުވަތަ އަވަށުގެ މީހުން ޒަމާނުއްސުރެ އަމަލުކުރަމުންދާ ގޮތްތަކެވެ. ވައްޓަފާޅި އެވެ. އެކަންކަމަށް އަވަށުގެ އާދަކާދަ ނުވަތަ ސަގާފަތުގެ ގޮތުގައި ނަންދެވިފައި ހުރެ އެވެ.

"މި އަވަށު ހުރިހާ އެންމެން ރޯދަމަހަށް ހަނދުބެލުމަށް، ޝައުބާންމަހު ފަހު ދުވަހު ނުކުންނާނީ ތުނޑީކޮޅަށް. ތުނޑީކޮޅަށްދާއިރު ކޮންމެ އާއިލާއަކުން ވެސް ގެންދާނެ ކެއުމަށް ބޭނުންވާނެ ސާމާނުތައް. ދެން ހުރިހާ އާއިލާތަކަކުން ގެންދާ ތަކެތި އެއްތަނަކަށް އެއްވާއިރު ހުންނާނެ އެތައް ބައިވަރު ސާމާނު އެއްތަންވެފަ. އެންމެންވެސް އެއް ޖަމާއަތެއްގެ ގޮތުގައި ކެއުމަށް އިންސާފުކުރާނީ. ހަނދުބެލުމަށް ނަމުގައި ނުކުމެ އަސްލު މި ހިންގަނީ ހަމަ އިޖުތިމާއީ ހަރަކާތެއް. މި ޒަމާނު ކުދީން މިއަށް ކިޔަނީ މާހެފުން ކަންނޭނގެ." ރިޔާޒުގެ ބައްޕަ އަހަންނަށް އޮޅުންފިލުވައިދިނެވެ.

"މީހަކު ނުބުނާނެ ވަކި ކަމެއް ކުރާށެކޭ. ކޮންމެ ގެއެއްގައި ވެސް އިސްކޮށް ހުންނަ މީހާ އަންގާނީ ގޭގައި ދެން އުޅޭ މީހުންނަށް އެ ދުވަހު ކަންކަން އޮންނަ ގޮތް." ދޮންބެދައްތަ ވެސް އެ ވާހަކައިގައި ބައިވެރިވެލި އެވެ.

"މި މިރަށު މީހުން ކުރާ ވަރަށް ރަނގަޅު ކަމެއް." ރިޔާޒުގެ ބައްޕަ ހިނިތުންވެލި އެވެ.

އަހަރެން ވެސް ދިވެހި ލިބާސް ލައިގެން ފަރިވެ ނަލަވެގެން އެ ހަރަކާތުގައި ބައިވެރިވުމަށް ގެއިން ނުކުތީމެވެ. ކުރެވެމުން ދިޔައީ މުޅީން ތަފާތު އިހުސާސެކެވެ. އާދަޔާހިލާފު އުފާވެރިކަމެއް ލިބިގެން ދިޔަ އެވެ. މި ގޮތަށް ހެދުން އެޅި ދުވަހެއް ހަނދާނަކަށް ނުވެސް ނާދެ އެވެ.

"ނިޒޫ ހާދަ ފަރިއޭ! އަސްލު ދިވެއްސަކަށް އަދި ތި ވެވުނީ!"

މައިދައިތަގެ ތައުރީފުގެ ބަސްތައް އިވިފައި އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. މި ރަށަށް އައިސް މިއަދަށް ތިން މަސްވެގެން ދިޔަ އިރު ދުވަހަކު ވެސް މައިދައިތަގެ ފަރާތުން އެފަދަ ލަފުޒެއް އަޑެއް ނީވެ އެވެ. ތައުރީފުގެ އެފަދަ އެއްވެސް ބަހެއް ނީވެ އެވެ. އެހެންވެ ލިބުނު ހިތްހަމަ ޖެހުން ދެގުނަވި އެވެ.

އަހަންނަށް ބަލައިލެވުނީ ރިޔާޒުގެ މޫނަށެވެ. ރިޔާޒު ހުރީ ހުދު ކުރުތާއެއް ލައިގެން ކަޅު ފޭލީގަ އެވެ. ބޮލުގައި ފަގުޑިއެއް ކަހަލަ ހުދު ފޮތިގަނޑެއް އޮޅައިލައިގެންނެވެ. އޭނާހުރީ ދަތްތައް އަތަށް ލައިގެންނެވެ.

"އަސްލު ވެސް ވަރަށް ވަރަށް ރީތި!" ރިޔާޒު އައިސް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ.

އަހަންނަށް ބަލައިލެވުނީ ލެވިފައި ހުރި ހެދުމަށެވެ. ރަތްލިބާހެއް ދުވަހަކު ވެސް އަހަރެން ނުލަމެވެ. ކަސަބުބޯވަޅު އެޅި ލިބާހެއް ގަޔަށް މަހައި ނުލަމެވެ. މި ގޮތަށް ބުރުގާ ވެސް ނާޅަމެވެ. މިހެން މޭކަޕެއް ވެސް ނުކުރަމެވެ.

"ދޮންބެދައްތަގެ ކަމެއް." އަހަރެން ހުރިހާ ޝަރަފެއް ދޭން ބޭނުންވީ ދޮންބެދައްތައަށެވެ.

"ހިނގާ! މިހާރު އެންމެން އެ ޖަމާވަނީ! މިއަދު ވާނެ ލައްކަ މަޖާކޮށްލަން ދޯ!" ރިޔާޒު އަހަރެންގެ އަތުގައި ހިފައިލި އެވެ.

"ނިޒޫ މި މުޅޯށި ހިފައިގެންދެވޭނީ."

ބަދިގެއާ ދިމާއިން ގޮވާލި އަޑު އިވުނެވެ. އެއީ ދޮންބެދައްތަގެ އަޑެވެ. އަހަރެން އެނބުރި ބަލައިލި އިރު މުޅޯށި ހިފައިގެން ދޮންބެދައްތަ އައިސް ހުއްޓެނީ އެވެ. އެއީ އަހަރުމެން ކެއްކި އޮޅު އަލަ އަޅައިފައި ހުރި މުޅޯށްޓެވެ.

"ދާ މަގުމަތީ ހުސްކޮށްލާނީއެއްނޫން. މި ރިޔާޒަކީ ކޭ މާޓެއް! މިދިޔަ އަހަރު ވެސް ދިޔަ މަގުމަތީ މުޅޯށީގެ ދެބައި ކުޅަ އެއްބައި ހުސްވެފަ މި ހުރީ." ދޮންބެދައްތަ ހިނިތުންވެލަމުން ރިޔާޒުގެ މޫނަށް ބަލައިލި އެވެ.

"މިހާރު އެހެން ކަންތައް ކޮށްފިނަމަ އަހަރެން ކޮށައިލާނެއްނު." ރިޔާޒު ބުނެލި އެވެ.

"މާނައަކީ؟" އަހަންނަށް އަހައިލެވުނެވެ.

"އާނ! ހުސްހަށިބައި ފިރިހެނުން ކަމަކަށް އޮންނާނެ މީހުންނަށް މައްލަވަ ކުރުން ވެސް. މިހެން ހަނދުބެލުމަށް ވެދުމާ ދާއިރު ގެންދާ ކާ އެއްޗެހީގެ ވަހަށް ހުސްހަށިބައި އަންހެން ކުދީންގެ ފަސްފަހަތުން ދަމުން އެތި ކޮޅެއް ދޭން ކިޔަމުން ދާނީ!" ދޮންބެދައްތަ ކިޔައިދިނެވެ.

"ރިޔާ ވެސް އެހެންތަ؟" އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.

"ނޫން! މި ސޮރު ގަޔާވާ މަންޖެއެއް މި އަވަށަކު ނެތޭ! އެހެންވެ މަ ފަކީރު ފަހަތުން ކުސްތަޅަމުން މި ދިޔަ ފަހަރު އުޅުނީ." ދޮންބެދައްތަ ކިޔައިދިނެވެ.

އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އަނެއްކާ އަނެއްކަންތައް ދަސްވީ އެވެ. މިކަމުގެ ފަހަތުގައި ވެސް އެތައް ކުދި ސަގާފަތްތަކެއް އެތައް މިލިއުޅުމެއް ވާނެތާއޭ ހިތަށް އަރަމުން ދިޔަ އެވެ.

"ދެން ހިނގާދަމާ!" ރިޔާޒު ބުނެލި އެވެ.

ދޮންބެދައްތަ ދިން ފެނުކެއްކި އަލަ އަޅައިފައިވާ މުޅޯށި ކިހިލީ ޖަހައިލީމެވެ. އަނެއް އަތުން ރިޔާޒުގެ މުލައްދަނޑީގައި ހިފައިލީމެވެ.

ފަހަތުން އަލިކަމެއް ވީހެން ހީވެގެން ބަލައިލީމެވެ. ދެ މީހުންނަށް އެއްފަހަރާ ބަލައިލެވުނެވެ. ހީވީ ރަނގަޅަށެވެ. އަހަރުމެންގެ ފޮޓޯއެއް ނެގީ އެވެ. އެއީ ރިޔާޒުގެ ދޮންބެ އެވެ. ދޮންބެއަކީ ފޮޓޯ ނެގުމަށް މަރުދޭ މީހެކެވެ.

"ދެން ދޮންބޭ." ރިޔާޒު ބުނެލި އެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox