އދ.ގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާބެހޭ ކޮންފަރެންސް، ކޮންފެރެންސް އޮފް ދަ ޕާޓީޒް ނުވަތަ "ކޮޕް 27" ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސްރީ ލަންކާގެ ވަފުދުގެ މެމްބަރެއްގެ ގޮތުގައި އެ ގައުމު ތަމްސީލު ކުރައްވާތީ އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ދިވެހި ސަރުކާރުގެ ވަފުދެއް ނައިބު ރައީސް ފައިސަލް ނަސީމް އިސްކޮށް ހުންނަވާ ކޮޕް 27 އަށް ވަޑައިގަންނަވާފައިވަނިކޮށް މަޖިލީހުގެ ރައީސް ވެސް އެ ކޮންފަރެންސްއަށް ވަޑައިގެންނެވީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރުގެ ހައިސިއްޔަތުންނެވެ.
އެކަމަކު, އެ ހައިސިއްޔަތުން ބިދޭސީ ގައުމެއްގެ ވަފުދެއްގެ ބެންޗުގައި ރާއްޖޭގެ މަޖިލީހުގެ ރައީސް އިންނަވަން ގާނޫނުއަސާސީ ތަންނުދޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު މުހައްމަދު ޑރ. މުނައްވަރު ވިދާޅުވި އެވެ. މުނައްވަރު ފާހަަގަކުރެއްވީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އެވެ.
އެ ވަފުދުގައި އެގޮތަށް ބައިވެރިވެވަޑައިގެންނެވުމުން, ރާއްޖޭގެ މަސްލަހަތު ކުރިއަށް އެ ގެނެވެނީ ލަންކާގެ މަސްލަހަތެވެ. އަދި, އެއީ އެހެން މަންފާއެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބޭނެ ކަމަކަށް ވާއިރު އެއީ ވެސް ހުއްދަ ކަމެއް ނޫންކަން ފާހަގަކުރެއްވި އެވެ.
"ގާނޫނުއަސާސީ ދައުލަތް ބެހިފައި މި އޮންނަނީ ތިން ބާރު ވަކިކޮށް, ކޮންމެ ބާރަކަށް ވަކި ވެރިއަކު ހުންނަވާ ގޮތަށް, އޭގެ ތެރޭން އެއް ބާރުގެ ވެރިޔާ މި ވަޑައިގަންނަވަނީ އެހެން ގައުމެއްގެ ވަފުދާ އެކު, ފަހަރެއްގެ ދާހިތްވެދާނެ އެހެންވެއްޖެޔާ އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާ, އެއީ މައްސަލައެއް ނޫން," އިއްޔެ ހަވީރު "އަދަދު"އާ ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވި އެވެ.

ނަޝީދުގެ ދަތުރާ ގުޅިގެން ކަންބޮޑުވެ, މުނައްވަރު ކުރެއްވި ޓްވީޓަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޕްލައި ކުރައްވަމުން, މުނައްވަރުގެ ވާހަކަތައް އެމަނިކުފާނު ވެސް ވަނީ އެންޑޯޒްކުރައްވާފަ އެވެ. އޭގެފަހުން އެމަނިކުފާނުގެ ޕާޓީ, އެމްއާރްއެމްއިން ވެސް ވަނީ ނަޝީދުގެ ދަތުރު ކުށްވެރިކޮށްފަ އެވެ.
މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން ރައީސްކަން ކުރައްވާ އެ ޕާޓީން ގަބޫލުކުރާ ގޮތުގައި ނަޝީދުގެ ދަތުރަކީ ދިވެހި ދައުލަތުގެ މަސްލަހަތާ ފުށުއަރާ، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ރޫހާ ހިލާފު، މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ހިލާފު އަމަލެކެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެ ވެސް ބައިވެރިވާ ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި، އެހެން ގައުމެއްގެ މަންދޫބެއްގެ ގޮތުގައި ވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެ ޕާޓީން ދެކެ އެވެ.
ލަންކާ ތަމްސީލް ކުރައްވަން ނަޝީދު ކުރައްވާ ދަތުރާ ގުޅިގެން ބައެއް މެންބަރުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ސުވާލެއް އަމާޒު ކުރެއްވީ ބަންޑާރަ ނައިބަށެވެ.
"ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް, ރާއްޖެ ބައިވެރިވާ ފޯރަމެއްގަ އަމްދުން އެހެން ގައުމެއް ތަމްސީލް ކުރެވިދާނެތޯ؟"
"އަޅުގަނޑުގެ ބުއްދި ގަބޫލެއް ނުކުރޭ އެކަން އެގޮތަށް ކުރެވިދާނެ ކަމަކަށް," ރޮޒައިނާ ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- އިދާރީ ބަދަލެއް ކަމަށް ބުނެ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކުރުމުން އެ ސްކޫލުގެ ބެލެނިވެރިން އިއްޔެ ވަނީ އިހުތިޖާޖުކޮށްފަ އެވެ.
- އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަތީ އިއްޔެ އެވެ.
- މެރީ ގްރޭސް އައިޖީއެމްއެޗަށް ގެންގޮސް ދިން ފަރުވާގެ ޕޭޝަންޓު ޗާޓުތަކުގެ މައުލޫމާތު ސާފުކުރުމަށް ދައުލަތަށް ފަހު ފުރުސަތެއް ދިނުމަށް ފަހު، އެ ފުރުސަތުގައި ސާފުނުކުރެވިއްޖެނަމަ އައިޖީއެމްއެޗްގެ ވެރިން ހާޒިރުކޮށްގެން ވެސް މައުލޫމާތު ސާފުކުރާނެ ކަމަށް ޝަރީއަތުން ބުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނީ:
ހުރިހާ ސްކޫލުތަކަށް ވެސް އަޅުގަނޑުމެން ގެންނަ ބަދަލެއް މިއީ. ސްކޫލުތަކުގެ އިދާރީ ހިންގުމުގައި ހުރި މައްސަލަތައް ދިރާސާ ކުރުމަށް ފަހު ގެންނަ ބަދަލުތަކެއް މިއީ. އެހެން ފަރާތަކާ ސްކޫލުތައް ހިންގުން ހަވާލުކުރުން އެއީ އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށް ގެންނަ ބަދަލެއް،
ދުވަހުގެ ފޮޓޯ

މާލެ ސިޓީ ކާނިވަލް ސަރަހައްދަށް އުދަ އަރަނީ. އުދަ އެރުމުގެ ސަބަބުން ބައެއް ރަށްތަކަށް ދަނީ ގެއްލުންތައް ވެސް ވަމުން. ރާއްޖޭގެ ރަށްތަކަށް އާންމުކޮށް މޫސުމީ އުދައިގެ އަސަރު ކުރި ނަމަވެސް މިހާރު ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެސަބަބުން ރާއްޖޭގެ ރަށްތަކަށް އުދައިގެ ސަބަބުން ލިބޭ ގެއްލުމާއި އުދަ އަރާ މިންވަރު ވަނީ އިތުރުވެފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު













