64 ފުޅި ބަނގުރަލާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.
ގިނަ އަދަދެއްގެ ބަނގުރަލާއެކު މާލެއިން ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ އާންމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ބަނގުރާ ފެނުނީ އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތަކެއް ބަލާ ފާސްކުރުމުންނެވެ.
ފުލުހުން ބުނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.
ގިނަ އަދަދެއްގެ ބަނގުރަލާއެކު މާލެއިން މީހަކު ހައްޔަރުކުރި އިރު، މި ހަފްތާ ތެރޭގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ މެތާއި ހެރޮއިން ވެސް އަތުލައިގަނެފަ އެވެ. އެގޮތުން، ގދ. ހޯޑެއްދުއާއި އެ އަތޮޅުގެ ފަޅުރަށަކުން ޖުމްލަ 82 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތެވެ.














