ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ދަށުން ދައުލަތުގެ ވަޒީފާއެއް އަދާކުރުމަށްފަހު ވަކިވެގެންދާ ފަރާތްތަަކަށް އިނާޔަތް ދޭ މިންގަނޑަށް ބަދަލު ގެނެސްފި އެވެ.
ޕޭ ފްރޭމްވޯކުގައި ގެނައި އިސްލާހުގައިވާ ގޮތުން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް އިނާޔަތް ދޭންޖެހޭ ނަމަ އިނާޔަތް އިހްތިޔާރުކުރުމުގެ ފުރުސަތު ލިބޭ މުއްދަތު 18 މަސް ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ.
ކުރިން އެ މާއްދާ އިން ގޮތުން އިނާޔާތް އިހްތިޔާރުކުރުމުގެ ފުރުސަތު ލިބޭނީ ދައުލަތުގެ ޕޭ ފްރޭމްވާކަށް ހިޖުރަކުރާ ތާރީހުން ފެށިގެން ގިނަވެގެން 6 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ވަޒީފާއިން ވަކިވާ ނަމަ އެވެ.
މި އިސްލާހަށް އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.
ދައުލަތުގެ ވަޒީފާއަކުން ވަކިވާއިރު އިނާޔަތް ދޭ މިންގަނޑުގެ ދަށުން އެފަދަ މުވައްޒަފުންނަށް ލިބިގެންދާނެ ދެ އިހުތިޔާރަކީ އެ މިންގަނޑުގެ ދަށުން ކަނޑައަޅާފައިވާ ގޮތަށް އިނާޔަތް ލިބިގަތުން ނުވަތަ ދައުލަތުގެ ޕޭ ފްރޭމްވާކަށް ހިޖުރަކުރުމާ ހަމައަށް އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއިން އަމަލުކުރަމުން ގޮސްފައިވާ އުސޫލުގައިވާ ގޮތުގެ މަތިން އިނާޔާތް ލިބިގަތުމުގެ އިހުތިޔާރެވެ.














