އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ބަޖެޓުގެ ގޮތުގައި 90 މިލިއަން ރުފިޔާ, 2023 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.
މި އަދަދު ހިމަނާފައި މިވަނީ އިންތިހާބުގެ ދެ ބުރު އޮވެދާނެ ކަމަށް ބަލައިގެން ބަޖެޓުގެ ގޮތުގައި 7.8 މިލިއަން ޑޮލަރު ނުވަތަ 120 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އެޕްރީލް މަހު ބުނެފައި ވަނިކޮށެވެ. ރިޔާސީ އިންތިހާބަށް މިހާރުއްސުރެ ޕާޓީތަކުން ވަނީ މަސައްކަތް ފަށާފަ އެވެ.
ވެރިކަމުގައި އޮތް އެމްޑީޕީގެ ޕްރައިމަރީ އަންނަ ޑިސެމްބަރު މަހު ބާއްވަން މަސައްކަތް ފަށާފައިވާއިރު އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. ވެރިކަން ހިންގާ ނިޒާމުގެ ބަހުސާ އެކު އުފެދިފައިވާ މި ފެކްޝަންތަކުގެ ލީޑަރުންގެ ގޮތުގައި ތިއްބެވީ އެ ޕާޓީގެ ދެ ލީޑަރުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ސަޕޯޓަރުން ރިޔާސީ ނިޒާމަކަށް ތާއިދުކުރާއިރު ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ބޭނުންވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކޮށް ބޮޑުވަޒީރުގެ މަގާމަށް ނަޝީދު ގެނައުމަށެވެ.
ނިޒާމުގެ ވޯޓު ވެސް އަންނަ އަހަރު ނެގުމަށް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެކަމަށް ޕާޓީގެ ތެރެއިންނާއި ބޭރުން ވެސް ތާއިދު ފެންނަނީ ފަނޑުކޮށެވެ. ނަޝީދު ބޭނުންފުޅު ވަނީ 2023 ގެ ރިޔާސީ އިންތިހާބުގެ ބަދަލުގައި ނިޒާމީ ވޯޓެއް ނަގައި، 2024 ގެ މަޖިލިސް އިންތިހާބު ބާއްވައި ބަރުލަމާނީ ސަރުކާރެއް ގާއިމުކުރުމަށެވެ.

އިދިކޮޅު ޕީޕީއެމް އިން ވެސް ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކޮށް ރިޔާސީ ކެމްޕޭނު ފަށާފަ އެވެ.
ހަމައެހެންމެ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް) އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގު ފާޅުކޮށްފަ އެވެ. އަދި، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވެސް ވަނީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މީގެކުރިން ވިދާޅުވެފައިވެ އެވެ.
އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން ތިބި މި ސަރުކާރުގެ ހިއްސާ އޮތް އެހެން ޕާޓީތަކުން ރިޔާސީ އިންތިހާބާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.












