ގަން އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓުކުރާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ކުންފުނީގެ މާލީ ހާލަތު ދަނީ ވަރަށް ގޯސް މިސްރާބަކަށް ކަމަށާއި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ރިޕޯޓެއްގައި ބުނީ އިއްޔެ އެވެ.
މިނިސްޓްރީގެ ދަށުން ހިންގާ ޕްރައިވަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުއާޓާލީ ރިވިއުގައި ބުނެފައިވާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ތިން މަހު އޭއައިއޭގެ ހިންގުމަށް 37.8 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.
ނަމަވެސް، ފަސިންޖަރުންނާއި އެއާޕޯޓު ފީ ފަދަ ވިޔަފާރި ހަރަކާތްތަކުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 25.5 މިލިއަން ރުފިޔާ ކަމަށް ރިޕޯޓުގައި ބުންޏެވެ. އެއާއެކު އެ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވާ ޖުމްލަ ގެއްލުމުގެ އަދަދު 15 މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.
މިދިޔަ އަހަރުގެ ހަތަރު ކުއާޓަރުގައި ވެސް ގެއްލުމުގައި ހިންގަމުން އައި އޭއައިއޭގެ ޖުމްލަ ގެއްލުން މިހާރު 522 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެ ކުންފުނީގެ ދަރަނި އަދާކުރުމުގެ ގާބިލުކަމެއް ނެތް ކަމަށް ރިޕޯޓުގައި ބުންޏެވެ.
އެހެންކަމުން، ކުންފުނީގެ ދަރަނި އަދާކުރުމަށް ޓަކައި ހިއްސާދާރުންގެ އެހީތެރިކަމަށް ބަރޯސާވާންޖެހިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ.

އޭއައިއޭގެ މާލީ ހާލަތު ގޯސްކަމަށް ރިޕޯޓުގައި ބުނެފައިވާއިރު، ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުއެއް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިޔަށް ގެންދާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރެވިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
ގިނަ ކުންފުނިތަކަށް ރަނގަޅު ކުއާޓަރެއް
ސަރުކާރުގެ ހިއްސާ އޮންނަ ގިނަ ކުންފުނިތަކުގެ އާމްދަނީ، މިއަހަރުގެ ފުރަތަމަ ތިން މަހު ޖުމްލަ ގޮތެއްގައި ރަނގަޅެވެ.
މިގޮތުން، ސަރުކާރު ހިއްސާވާ ޖުމްލަ 31 ކުންފުންޏަކަށް މިއަހަރުގެ ފުރަތަމަ ތިން މަހު އާމްދަނީގެ ގޮތުގައި ޖުމްލަ 10.27 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިއީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރެކޯޑު ކުރެވިފައިވާ އާމްދަނީއާ އަޅާބަލާއިރު، 54 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ރިޕޯޓުގައި ބުނީ، އެ ކުއާޓަރުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ އެސްޓީއޯއަށް ކަމަށެވެ. ސަރުކާރުގެ މައި ވިޔަފާރި ކުންފުންޏަށް 1.88 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އެސްޓީއޯގެ އާމްދަނީ އިތުރުވެފައިވަނީ އެ މުއްދަތުގައި އެ ކުންފުނިން ވިއްކާ ތެލުގެ އަގު މަތިވެ، ޑިމާންޑު އިތުރުވެފައިވާތީ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ފުރަތަމަ ކުއާޓަރުގައި ދެވަނަ އަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ރާއްޖޭގެ ބައިނަލްއަގުވާމީ މައި އެއާޕޯޓު ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލް އަށެވެ. އެ މުއްދަތުގައި އެމްއޭސީލްއަށް 648 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.
އާމްދަނީގެ ލިސްޓުގެ ތިންވަނައިގައި އޮތް އެޗްޑީސީއަށް ލިބިފައިވަނީ 314 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. އެޗްޑީސީގެ އާމްދަނީ އިތުރުވުމުގެ ބޮޑު ބައެއް އެ ކުންފުނިން ވިއްކި ބިންތައް ހިއްސާކުރާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
ބައެއް މުހިންމު ހަބަރުތައް
ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތައް ކަނޑައަޅާފައިވާ ގޮތް ގޯސް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިއްޔެ އެވެ.
- ޗާގޮސްގެ ފުރަތަމަ ވަޒަންވެރިން މޮރިޝަސްއާ ގުޅެން ބޭނުންނުވާ ކަމަށާއި އެމީހުންނަކީ މޮރިޝަސް މީހުން ނޫން ކަމަށް ބުނިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- އިނގިރޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފުރާވަޑައިގަތީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ހެއްކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ:
މި ދެންނެވި ގާނޫނުން ވެސް އެ މީހެއްގެ މައްޗަށް، އެއީ ނޫސްވެރިއެއް ކަމުގައި ވިޔަސް، އާންމު ރައްޔިތެއް ކަމުގައި ވިޔަސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމުގައި ވިޔަސް، އެ މައުލޫމާތެއް ފުލުހުންނަށް ހުށަހެޅުމަކީ އެއީ ގާނޫނުން ލާޒިމުކުރާ ކަމެއް،
ދުވަހުގެ ފޮޓޯ

އެފްއޭއެމް 14 އަހަރުން ދަށުގެ ލީގުގައި ކްލަބް ވެލެންސިއާ އަދި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 8-2 އިން ކާމިޔާބުކުރީ ވެލެންސިއާ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












