ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖޭން ބޭރަށް އަންނަ ހޯމަ ދުވަހު ފޮނުވަން ނިންމާފައި އޮތުމުން، ސިވިލް ކޯޓުގައި އޮތް މައްސަލާގައި އަވަހަށް ގޮތެއް ނިންމަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ހޯނޑެއްދޫއިން ރަޝީދު ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ވަރަށް ބޮޑު ތަދުވާ ކަމަށް ރަޝީދު ބުނަމުންދިޔަ ކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ. ނަމަވެސ،ް އޭނާ ވަގުތުން ފަރުވާއަށް ގެންދަން ފުލުހުން ނޫޅުނު ކަމަށް ތުހުމަތު ކުރާއިރު، އޭނާ ގެންދިޔައީ މާ ދުރު ރަށެއްގެ ހޮސްޕިޓަލަކަށެވެ.
އޭނާގެ ހަށިގަނޑު ހަވާލު ކުރުމަށް އާއިލާއިން އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅީ، ޕޯސްޓްމޯޓެމް ހެދުމަށް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ފުލުހުން މަސައްކަތް ކުރަމުން ދާތީ އެވެ. އެ މައްސަލާއިގެ ފުރަތަމަ އަޑުއެހުން ސިވިލް ކޯޓުގައި މިއަދު ވަނީ ބާއްވައިފަ އެވެ.
ޝަރީއަތުގެ އަޑުއެހުމުގައި އަބްދުﷲ ރަޝީދުގެ ހަށިގަނޑު އަންނަ ހޯމަ ދުވަހު ރާއްޖޭން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށް ދައުލަތުން ބުނިއިރު، އަބްދުﷲ ރަޝީދުގެ އާއިލާގެ ވަކީލު މުހައްމަދު ރާގިބު ވިދާޅުވި ގޮތުގައި އެ މައުލޫމާތު އާއިލާއަށް ހިއްސާކޮށްފައެއް ވެސް ނުވެ އެވެ.
"އަޅުގަނޑުމެން ދެންނެވިން އެއީ އާއިލާއާ ހިއްސާ ވެސް ކޮށްފައި އޮތް މައުލޫމާތެއް ނޫނޭ، މައްސަލަ ބައްލަވާ ފަނޑިޔާރު ދެން ނިންމެވި މި މަހުގެ 31 ވަނަ ދުވަހުގެ ކުރިއަށް، މިހާރު ހުށަހެޅިފައިވާ މައްސަލައަށް ޝަރީއަތުން ގޮތެއް ނިންމުމަށް،" ރާގިބު "އަދަދު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަށް ހެދުމަށް އޭނާގެ އާއިލާއިން ދެކޮޅު ހަދަނީ، ޕޯސްޓްމޯޓެމް ހެދިޔަސް، އަބްދުﷲ މަރުވިއިރު ފުލުހުން ވެފައިވާ އިހުމާލެއް އެނގެން ނޯންނާނެތީ ކަމަށް ބުނެ އެވެ.
މި މަރުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ބެލެވޭތީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ބުނެ އެ ކޮމިޝަނުން ބަޔާނެއް ވެސް ނެރެފައިވެ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ މި މައްސަލާގައި ޓްވީޓެއް ކުރައްވާފަ އެވެ. އޭނާ ވެސް ވިދާޅުވީ މަރުގެ ތަހުގީގެއް ހިންގަން ޖެހޭތީ ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް ހަދަން ޖެހޭ ކަމަށެވެ.












