އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ރޭ ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ޕީޕީއެމުން ބުނީ ހައްޔަރު ކުރީ އެ ޕާޓީގެ ސެނެޓުގެ ތިން މެމްބަރަކާއި ޒުވާނުންގެ ގޮފީގެ މެމްބަރެއް ކަމަށެވެ. އެ ޕާޓީން ވަނީ އެ މީހުން ވަގުތުން ދޫކޮށްލުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ.
ބޮޑުތަަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކައިރި ބޭއްވި އެ މުޒާހަރާގައި އެ ޕާޓީން ކަންބޮޑުވާ ކަންކަމާއި މައްސަލަތައް ހައްލު ހޯދުމަށް ވަނީ ގޮވާލައިފަ އެވެ. އަދި ޕްލެކާޑުތަކުގައި މެމްބަރުން އެމީހުންގެ ޝުއޫރުތައް ލިޔެފައި ހުއްޓެވެ.
އޮކްޓޯބަރު 11، ގައި މަސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ޕީޕީއެމުން ގޮވާލައި ބޭއްވި މުޒާހަރާގައި ފުލުހުން 10 މީހަކު ހައްޔަރު ކުރި އެވެ. އަދި އޭގެ ކުރިން ވެސް އެކި ފަހަރު މަތިން ގިނަ މުޒާހަރާކޮށްގެން ގިނަ ބަޔަކު ހައްޔަރު ކުރި އެވެ. އެގޮތުން މާޗް 25، ގައި ބޭއްވި މުޒާހަރާއަކުން ވެސް 11 މީހަކު ހައްޔަރު ކުރި އެވެ.
ފުލުހުންގެ ހުއްދަ ނެތި މާލޭގައި މީހުންގެ އެއްވުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. އެންމެ ފުރަތަމަ އެގޮތަށް ހަމަޖެއްސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުންނެވެ.

އެ އިސްލާހު ފާސް ކުރި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ އިސްލާހު ގާނޫނު އަސާސީއާ ހިލާފުވާތީ އެއީ އަމަލު ކުރަންޖެހޭނެ މާއްދާއެއް ނޫން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެސް އެ މާއްދާ ވަރަށް ހަރުކަށިކޮށް ދަނީ ތަންފީޒު ކުރަމުންނެވެ.












