ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދުގެ ހަށިގަނޑު ބަލަން، ގަލޮޅު ސަހަރާ މޯޗަރީއަށް އޭނާގެ އާއިލާގެ މެމްބަރުން ވައްދަން ފުލުހުން ދެކޮޅު ހެދުމުން މައްސަލަ ހޫނުވެއްޖެ އެވެ.
އާއިލާގެ މެމްބަރުން މޯޗަރީއަށް ވައްދަން ފުލުހުން ދެކޮޅު ހެދުމުން މޯޗަރީ ދޮރުމައްޗަށް މީހުން އެއްވެ އަޑުގަދަކުރަމުން ދާ މަންޒަރު، މިވަގުތު އެ ސަރަހައްދުގައި ތިބި "އަދަދު"ގެ ނޫސްވެރިންނަށއް ވަނީ ފެނިފަ އެވެ.
އަދި ބައެއް މީހުން މިހާރު މޯޗަރީ ތެރެއަށް ވަދެފައިވާ ކަމަށް ވެސް މަންޒަރު ދުށް ނޫސްވެރިން ބުންޏެވެ.
ގދ. ހޯޑެއްދޫއިން އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާގެ އިތުރުން އަދި ދެ މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އަބްދުﷲ ރަޝީދު ފަރުވާއަށް ގެންދިއުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ގދ. ހޯނޑެއްދޫ ކައުންސިލުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

".. އަދި މީގެ އިތުރުން ލޯންޗު ތެރޭގައި އޭނާ މެޔަށް ތަދުވާ ކަމަށް ބުނަމުން ދިޔަ ކަމަށާއި އެހެން ނަމަވެސް ފުލުހުން މި ކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާ ކަން ވެސް ފާހަގަ ކުރެވެ އެވެ." ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ސޮއިކުރައްވައި ނެރުނު ބަޔާނުގައިވެ އެވެ.
މި މައްސަލާގައި، ފުލުހުންގެ ތެރެއިން އިހުމާލު ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހޯނޑެއްދޫ ކައުންސިލުން ގޮވާލާފައިވެ އެވެ.
އަބްދުﷲ ގެ ހަށިގަނޑު މާލެ ގެނައީ ޕޯސްޓްމޯޓަމަށް ފޮނުވަން ނަމަވެސް، އެކަން ކުރަން ބޭނުންނުވާ ކަމަށާއި ހަށިގަނޑު ހަވާލުކުރުމަށް އާއިލާއިން ދަނީ ބުނަމުންނެވެ.











