ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނަޔަސް، އެ ބަދަލު ތަންފީޒުކުރުން އަހަރަކަށް ލަސްކޮށްދޭން އެެދޭކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނީ އިއްޔެ އެވެ.
ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން އަންނަނީ ދިރާސާކުރަމުންނެވެ.
އެ ބިލަށް ކަމާ ބެހޭ ދާއިރާތަކުގެ ބޭފުޅުންގެ ލަފާ ހޯދަން މަޖިލީހުން ވަނީ މަޓީގެ ބޭފުޅުން ކޮމިޓީއަށް ވަޑައިގަންނަވަން އެދިފަ އެވެ. އެގޮތަށް އެދި މަޖިލީހުން ފޮނުވި ސިޓީއަށް މަޓީން ދިން ޖަވާބުގައި ބުނީ އެ ޖަމިއްޔާގެ ބޯޑަށް އެކަން ހުށަހަޅައި، ގޮތެއް ނިންމައިގެން ބޭފުޅަކު ފޮނުވާނެ ކަަމަށެވެ. އެހެން ނަމަވެސް ޓެކްސް ބޮޑުކުރުމާ ބެހޭ ގޮތުން އެ ޖަމިއްޔާގެ ހިޔާލު ވެސް އެ ސިޓީގައި ފާޅުކުރި އެވެ.
"...މަޓީ ދެކޭ ގޮތުގައި މިވަގުތަކީ ޓެކްސް ބޮޑުކުރުމަށް އެންމެ އެކަަށީގެންވާ ވަގުތު ނޫންކަމުގައި ދަންނަވަމެވެ. ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު ވެސް މިއަންނަނީ އެކިއެކި ލޮޅުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންނެވެ. އަދި މަޓީގެ އެދުމަކީ ޓެކްސް އަށް އަންނަ ކޮންމެ ބަދަލެއް ތަންފީޒުކުރުމަށް އެންމެ މަދުވެގެން 12 މަސް ދުވަސް ދިނުމެވެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައި މަޓީން ބުނެފައި ވެ އެވެ.
ޓެކްސް ބިލަށް ހިޔާލު ހޯދުމަށް ޓަކައި މަޖިލީހުން ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާއަށް ވެސް ދައުވަތު ދީފަ އެވެ. އެ ޖަމިއްޔާއިން ބޭފުޅަކު މިއަދު މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެން ނަމަވެސް އެއީ ކޮން ބޭފުޅެއްކަން އަދި ނާންގާ ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ޓެކްސް ބިލާ ބެހޭ ގޮތުން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވެސް މަޖިލީހަށް ވަޑައިގަންނަވާނެ އެވެ.
ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރުކުރަން މިހާރު ނަގަމުންދާ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމައި، އިއުލާނުކޮށްފަ އެވެ.
ޓެކްސް ބޮޑުކުރުމުގެ ކަންތަކުގައި މިހާރު ވެސް ވަގުތު ދެވިއްޖެ: އަމީރު
ޓެކްސްތައް ބޮޑުކުރުމާ ބެހޭ ގޮތުން އެކި ސިނާއަތްތަކުގެ އިސް ބޭފުޅުންނާ މަޝްވަރާކުރީ މިދިޔަ ޖޫންމަހު ކަމަށާއި އެހެންވީމާ މިހާރު ވެސް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އިއްޔެ އެވެ.
ޖީއެސްޓީއާއި ޓީޖީއެެސްޓީ ބޮޑުކުރުމަށް ޓަކައި ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލު، ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އަމީރު ވިދާޅުވީ ޓެކްސް ބޮޑުކުރުމާ ބެހޭ ގޮތުން ވިޔަފާރިވެރިންނާ އޭރު ކުރެއްވި މަޝްވަރާގައި ބައެއް ބޭފުޅުން އެދިވަޑައިގެންނެވީ އެކަން ހަ މަސްދުވަހަށް ލަސްކޮށްލަން ކަމަށެވެ.
އަހަރެއްހާ ދުވަހަށް މަޑުޖައްސައިލަން ވެސް ބައެއް ބޭފުޅުން އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އޭރު ބައްދަލުކުރެއްވީ އޭނާ ވިދާޅުވި ގޮތުގައި މަޓީއާއި ގެސްޓްހައުސް އެސޯސިއޭޝަން ވެސް ހިމެނޭ ގޮތުން ޓޫރިޒަމް ސިނާއަތް ތަމްސީލުކުރާ ހުރިހާ ބޭފުޅުންނާ އެވެ.
"އެހެންވީމާ އެ ދުވަހުން ފެށިގެން [ވަގުތު ލިބެމުން މިއަންނަނީ]. މިހާރު އަޅުގަނޑުމެން މަޖިލީހަށް ބިލު ފޮނުވީ ވެސް އޮގަސްޓްމަހުގައި، މިހާރު އައިސް އަޅުގަނޑުމެން މިއަންނަނީ ނޮވެމްބަރުމަހާ ހަމައަށް. އައި އިރު އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް އެޑިކުއޭޓް ޓައިމް ވެސް ދެވިއްޖޭ. އަދި މިއީ ހަަމަ ނީޑް އޮފް ދަ އަވާ އެކޭ އަޅުގަނޑުމެން އެކަން ވީހާވެސް އަވަހަކަށް ކުރުން،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖޭގެ ވިޔަފާރިތައް ސަަލާމަތްކުރެވުނީ ސަރުކާރުން ބޮޑު އެހީތެރިކަމެއް ދީގެންނެވެ. އެ އެހީތެރިކަން ދިނުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ވަރަށް ބޮޑަށް ގެއްލުން ވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާތްގަނޑަކަށް އަޅުގަނޑު އަންދާޒާކުރަނީ ޕޮޓެންޝަލް ޖީޑީޕީން 98 ބިލިޔަނެއްހާ ރުފިޔާ އަޅުގަނޑުމެނަށް ގެއްލިފައި ހުންނާނެ. ޕަބްލިކް ފައިނޭންސަސް އަށް ހަަމަ ކްލޯޒް ޓު 36 ބިލިޔަނެއްހާ ރުފިޔާ ގެއްލިފައި ހުންނާނެ. އެއާ އެއްކޮށް ވެސް ސަރުކާރުން ރެސްޕޮންސިބަލް ގަވަމެންޓެއްގެ ގޮތުގައި ކައުންޓާ ސިކްލިކަލް ފިސްކަލް ޕޮލިސީއެއްގެ ދަށުން އަޅުގަޑުމެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތައް މިއަދު މިހާލަތުގައި މިއޮތީ،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް ގައި ވެއްޓުމަށް ފަހު މިހާ އަވަހަށް އިގުތިސާދު ރަނގަޅުވާން ފެށި އެހެން ގައުމެއް ވެސް ނެތް ކަމަށާއި އެއީ އެެއްވެސް ފަރާތަކުން އަންދާޒާކުރި ގޮތެއް ވެސް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ 2021 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 41 ޕަސެންޓުން ކުރިއެރި ކަމަށާއި މިއަހަރުގެ މިހާތަނަށް އިގުތިސާދު 13 ޕަސެންޓުން ކުރި އެރި ކަމަށެވެ.
އިގުތިސާދު އެގޮތަށް "ޖަމްޕް ޖަހަން" ފުރުސަތު ލިބުނީ ވިޔަފާރިތަކަށާއި ފަރުދުންނަށް ވެސް ސަރުކާރުން ދިން އެހީތެރިކަމުގެ ސަަބަބުން ކަމަށް ވިދާޅުވެ، އޭރު ކޮށްދިން ކަންތައްތަކުގެ ތަފްސީލު ވެސް މިނިސްޓަރު ދެއްވި އެވެ.
"އެގޮތަށް އެކަން ކުރީމާ އޭގެ ކޮސްޓެއް ވެސް އެބައިން. އެ ކޮސްޓަކީ ޕަބްލިކް ފައިނޭންސަށް ވަރަށް ބޮޑު ހިޓެއް ނެގުން، ދައުލަތުގެ ދަރަނިވެސް އިތުރުވެގެން ދިއުން،" އަމީރު ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ރޭ މަރުވި އަބްދުﷲ ރަޝީދު ފަރުވާއަށް ގެންދިއުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ގދ. ހޯނޑެއްދޫ ކައުންސިލުން ތުހުމަތުކޮށް ބަޔާނެއް ނެރުނީ އިއްޔެ އެވެ.
- ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދު މިއަދު ހައްޔަރުކުރުމަށް ފަހު ދޫކޮށްލީ އިއްޔެ އެވެ.
- ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހި (ޑިއަގޯ ގާސިއާ) ހިމެނޭ ގޮތުން ޗާގޯސް އައިލެންޑްސްގެ މިލްކުވެރިކަމާ ބެގޭ ގޮތުން ދިވެހި ސަރުކާރުން މިހާރު ގެންގުޅޭ ސްޓޭންޑުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލޭނެ އެއްވެސް ކަމެއް ދިމާނުވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ޗާގޯސް މައްސަލައާ ގުޅޭގޮތުން އިއްޔެ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:
މި މައްސަލާގައި ވެސް ބަޔަކު ދަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް، ހަގީގަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކައެއް ފަތުރަމުން، އެފަދަ ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ނަފުރަތާއި ބިރުވެރިކަން ފެތުރުމަކީ އެއަށް ވުރެ އަދި މާ ބޮޑަށް ހިތާމަ ހުރި ކަމެއް،
ދުވަހުގެ ފޮޓޯ

ރާއްޖެ އިސްލާމި ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. އިސްލާމް ދީނަކީ ޞުލްޙަޔާއި ހަމަޖެހުމާއި އެކުވެރިކަމުގެ ދީންކަން ފާހަގަކުރައްވައި އެސިފަތައް މުޖްތަމަޢުގައި ދެމެހެއްޓުމަށްޓަކައި ކޮންމެ ކަމެއްގައި ވެސް ތެދު ބަހުން ވާހަކަ ދެއްކުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި --- ފޮޓޯ: ރައީސް އޮފީސް













