ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ފުލުހުން ރޭ މީޑީއާތަކަށް މައުލޫމާދު ދީފައިވާ ގޮތުގައި އަރުޝަދު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން އަރުޝަދު ހައްޔަރުކޮށްފައި މިވަނީ މި މަހުގެ 10 ވަނަ ދުވަހު އޭނާ ރާއްޖެ އައުމުން ހައްޔަރު ކުރުމަށްފަހު ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލުމަށްފަހު އެވެ. ކޯޓުން ފުލުހުންގެ ބެލުމުގެ ދަށުގައި އަރުޝަދު ބަހައްޓައިގެން ހާޒިރުކުރުމަށް އަމުރެއް ނެރެފައި އޮތް ނަމަވެސް އޭނާ މި މަހުގެ 13 ވަނަ ދުވަހު ހައި ކޯޓުގައި އޮތް އަޑު އެހުމަށް ހާޒިރުވީ އަމިއްލައަށެވެ.
އޭގެ ފަހުން އޭނާ ބަންދުކުރުމަށް ހައިކޯޓުން ނެރުނު ހުކުމް އަރުޝަދުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.
މީގެއިތުރު އެންމެ ފަހުން އަރުޝަދު ދޫކޮށްލަން ހައި ކޯޓުން ނިންމާފައިވާ ނިންމުން ވެސް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވެ އެވެ.

މައްސަލައިގެ ފެށުމާއި ކުރެވޭ ތުހުމަތުތައް
އަރުޝަދުގެ މައްޗަށް ފުލުހުން މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލޭގައި މަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލުމަށްފަހު އެވެ. ފުލުހުން ބުނަނީ އެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށްހުރީ އަރުޝަދު ކަމަށެވެ. އެފަހަރު ފުލުހުން ވަނީ އަރުޝަދު އިސްވެ ހިންގާކަމަށް ބުނާ ޑްރަގް ނެޓްވޯކްގެ މީހުން ވެސް ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގެ ކުރިންވެސް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައެއްގައި އަރުޝަދު ހައްޔަރުކޮށް އޭނާގެ މައްޗަށް ވަނީ ދައުވާވެސް ކޮށްފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވާ ގޮތެއް ނުވި އެވެ. މި މައްސަލަ ވެސް ދައުލަތުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ.












