އިއްޔެ ފުލުހުންގެ ބެލުމަށް ދަށަށް ގެނެސްފައި ހުއްޓައި މަރުވި މީހާގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުމުގެ ގޮތުން މާލެ ގެނައުމަށް ނިންމައިފި އެވެ.
ފުލުހުންގެ އިސް އޮފިޝަލަކު "އަދަދު" ނޫހަށް އިއްޔެ މައުލޫމާތު ދިން ގޮތުގައި ގދ. މަޑަވެލީ ސިއްހީ މަރުކަޒުގައި މަރުވީ 41 އަހަރުގެ ފިރިހެނެކެވެ. އަދި، އެއީ ހުވަދޫ އަތޮޅުގައި ހިންގަމުންދާ ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން ގދ. ހޯނޑެއްދޫން ހައްޔަރުކުރި މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.
މިހާތަނަށް އެ އޮޕަރޭޝަނުގެ ދަށުން ތިން މީހުން ހައްޔަރުކޮށްފައިވާއިރު މަރުވީ ހައްޔަރުކުރި ފުރަތަމަ މީހާ އެވެ. އޭނާ ހައްޔަރުކޮށްގެން ލޯންޗަށް ގެންގޮސް ބަހައްޓާފައި ހުއްޓާ ދެވަނަ މީހާ ހައްޔަރުކޮށްގެން ލޯންޗަށް ގެނައި ވަގުތު އޭނާގެ މެޔަށް ތަދެއް އެރި ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން ގެންދަނީ އެ މީހާއަށް އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތުތައް ކުރަމުންނެވެ. ނަމަވެސް، އޭނާގެ އާއިލާއަށް ވެސް ހަށިގަނޑު ދައްކާފައިވާ ކަމަށާއި އަނިޔާއެއް ކޮށްފައި ހުރި ކަމަށް ނުފެންނަން ކަމަށް ވެސް "އަދަދު" އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި އެވެ.
މަޑަވެލީ ކައުންސިލުގެ މެމްބަރުންނަށް ވެސް އޭނާގެ ހަށިގަނޑު ދައްކަން އޭނާގެ އާއިލާއިން ބޭނުންވާ ނަމަ އެ ފުރުސަތު ދިނުމަށް ވެސް ފުލުހުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހިއްސާކޮށް ތަހުގީގު ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
ބައެއް މުހިންމު ހަބަރުތައް
- ރާއްޖޭގެ ދެކުނުގައި އޮތް ފޯޅަވަހި ހިމެނޭ ގޮތުން، ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނަކަށް ހަދަން އެ ގައުމުން ކުރާ މަސައްކަތަށް ސަރުކާރުން ތާއީދުކުރި ކުރުމަކީ ރާއްޖޭގެ "ކަނޑުން ބައެއް ވިއްްކައިލުން" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު ސިފަކުރެއްވީ އިއްޔެ އެވެ.
- ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސް އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި އެތަނަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ރައްދު ދެއްވީ އިއްޔެ އެވެ.
- މުދުލާއި ހިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމަށް އެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލު އޮތް ގޮތަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން ތްރީލައިން ވިޕު ނެރުނު ނަމަވެސް، މާހިރުންގެ ލަފާ ހޯދައި ޑިމޮކްރެޓިކް އުސޫލުތައް ހިފަހައްޓަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރައްޔިތުންެ މަޖިލީހުގެ ރިޔާސަތުން އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިއްޔެ ވިދާޅުވީ:
މަޖިލީހުގެ ގަވައިދަކީ މިހާރު ހަމައެކަނި ކަރުދާހުގައި އޮތް އެއްޗެއް. މަޖިލީހުގެ ރިޔާސަތުގެ މޭޒުގައި އޮތް މަޖިލީހުގެ ގަވައިދާ، މެމްބަރުންގެ މޭޒުގައި އޮތް ގަވައިދަކީ ދޭއްޗެއް ހެން ވެސް އަޅުގަނޑުމެނަށް މިހާރު އެބަ ހީވޭ،
ދުވަހުގެ ފޮޓޯ

ކްލަބް މޯލްޑިވްސް ކަޕްގެ ދެވަނަ ބުރުގައި އެސްޓީއޯ އަދި އެއާޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު ކާމިޔާބުކޮށް އެސްޓީއޯ އިން ވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައި. އެ ޓީމާ އެކު އެމްޕީއެލް ވެސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު













