މިއަދު ފުލުހުންގެ ބެލުމަށް ދަށަށް ގެނެސްފައި ހުއްޓައި މަރުވި މީހާގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުމުގެ ގޮތުން މާލެ ގެނައުމަށް ނިންމައިފި އެވެ.
ފުލުހުންގެ އިސް އޮފިޝަލަކު "އަދަދު" ނޫހަށް މައުލޫމާތު ދިން ގޮތުގައި ގދ. މަޑަވެލީ ސިއްހީ މަރުކަޒުގައި މަރުވީ 41 އަހަރުގެ ފިރިހެނެކެވެ. އަދި، އެއީ ހުވަދޫ އަތޮޅުގައި ހިންގަމުންދާ ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން ގދ. ހޯނޑެއްދޫން ހައްޔަރުކުރި މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.
މިހާތަނަށް އެ އޮޕަރޭޝަނުގެ ދަށުން ތިން މީހުން ހައްޔަރުކޮށްފައިވާއިރު މަރުވީ ހައްޔަރުކުރި ފުރަތަމަ މީހާ އެވެ. އޭނާ ހައްޔަރުކޮށްގެން ލޯންޗަށް ގެންގޮސް ބަހައްޓާފައި ހުއްޓާ ދެވަނަ މީހާ ހައްޔަރުކޮށްގެން ލޯންޗަށް ގެނައި ވަގުތު އޭނާގެ މެޔަށް ތަދެއް އެރި ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން ގެންދަނީ އެ މީހާއަށް އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތުތައް ކުރަމުންނެވެ. ނަމަވެސް، އޭނާގެ އާއިލާއަށް ވެސް ހަށިގަނޑު ދައްކާފައިވާ ކަމަށާއި އަނިޔާއެއް ކޮށްފައި ހުރި ކަމަށް ނުފެންނަން ކަމަށް ވެސް "އަދަދު" އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި އެވެ.
މަޑަވެލީ ކައުންސިލުގެ މެމްބަރުންނަށް ވެސް އޭނާގެ ހަށިގަނޑު ދައްކަން އޭނާގެ އާއިލާއިން ބޭނުންވާ ނަމަ އެ ފުރުސަތު ދިނުމަށް ވެސް ފުލުހުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހިއްސާކޮށް ތަހުގީގު ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.













