މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނާ ކަމުގެ މަގާމަށް މައީދު މުހައްމަދު ޒާހިރު އައްޔަނުކޮށްފި އެވެ.
އެކަން އިއުލާން ކުރީ މައީދަށް މަރުހަބާ ކިޔާ ސްކައުޓް އެސޯސިއޭޝަން އިން ރޭ ކުރި ޓުވީޓެއްގަ އެވެ. އެއާއެކު މައީދު ވެގެން ގޮސްފައިވަނީ މިހާތަނަށް ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުގެ ކޮމިޝަނާގެ މަގާމަށް އައްޔަނުކުރެވުނު އެންމެ ޒުވާން ބޭފުޅާއަށެވެ.
ސްކައުޓްގެ ކޮމިޝަނަރު ކަމާއި ހަވާލުވެލެއްވުމަށްފަހު މައީދު ޓުވިޓާގައި ވިދާޅުވެފައިވަނީ އެބޭފުޅާއަށް ކޮމިޝަނަރު ކަމުގެ މަގާމު މި ލިބުނީ ރާއްޖޭގައި ސްކައުޓިންއަށް ޒަމާނީ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.
ސްކައުޓްގެ އިތުރުން މައީދަކީ ޒުވާނުން ބާރުވެރިކުރުވުމާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކުގެ މައްސަލަތަކުގައި އަޑު އުފުލާ ބޭފުޅެކެވެ. އެގޮތުން މައީދު އަންނަނީ 2008 ވަނަ އަހަރުން ފެށިގެން މަދަނީ އެކި ޖަމާއަތްތަކުގައި މަސައްކަތް ކުރައްވަމުންނެވެ.
މިވަގުތު މޯލްޑިވްސް ރެޑް ކްރެސެންޓުގެ ޕްރޮގްރާމްސް އެންޑް ސާވިސަސް މެނޭޖަރުކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ މައީދު ވަނީ މީގެ ކުރިން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގައި މެނޭޖާ ޑިވެލޮޕްމެންޓް އެންޑް ރެޒިލިއެންސްގެ މަގާމުވެސް އަދާކުރައްވައިފަ އެވެ.

މައީދުގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް 2020 ވަނަ އަހަރު ސަރުކާރުން ވަނީ އިޖުތިމާއީ ހިދުމަތާއި ޒުވާނުން ބާރުވެރިކުރުވުމާއި ހިލޭސާބަހަށް މަސައްކަތްކުރުމުގެ ދާއިރާއިން އާންމު ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ ގައުމީ އިނާމުވެސް ދީފަ އެވެ. މީގެ އިތުރުން ކޮމަންވެލްތުން ދެމުން އަންނަ ޕޮއިންޓް އޮފް ލައިޓް އެވޯޑުވެސް މައީދުއަށް ވަނީ ލިބިފަ އެވެ.














