އައްޑޫގެ ދެކުނުން ރާއްޖޭގެ އިކޮނޮމިކް ޒޯން، މޮރިޝަސްގެ ދަށުގައި އޮންނަ ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދަކާ ފުށޫއަރާ ކަމަށް ބުނެ ކަނޑުގެ ގާނޫނާ ބެހޭ ގާނޫނާބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް 2019 ވަނަ އަހަރު އެ ގައުމުން ހުށަހެޅި މައްސަލައިގެ އަޑުއެހުންތަކުގެ ފުރަތަމަ ބުރުގައި ރާއްޖޭން ވަކާލުކުރީ އިއްޔެ އެވެ.
ހައްލުކުރެވިފައި ނުވާ މި މައްސަލަ ބައިނަލްއަގްވާމީ ކަނޑުތަކާއި ބެހޭ ޓްރައިބިއުނަލްއަށް، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަންގެ މުއާހަދާގެ ދަށުން ހުށަހަޅާފައިވާއިރު، އަޑުއެހުންތަކުގެ ފުރަތަމަ ބުރުގައި ރާއްޖެ ތަމްސީލުކުރި ވަފްދުގެ އިސްވެރިޔަކަށް ހުންނެވީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެވެ.
މި މައްސަލައަކީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ގުޅޭ މައްސަލައަކަށް ވުރެ ބޮޑަށް، މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު ޗާގޯސް އައިލެންޑްސްއާ ގުޅޭގޮތުން އޮތް މައްސަލަ ކާމިޔާބު ކުރުމަށް މޮރިޝަސްއިން ކުރިއަށްގެންދާ މައްސަލައެއްގެ ގޮތުގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރައްވާ ވާހަކަ ދައްކަވަމުން ރިފްއަތު ސިފަކުރެއްވި އެވެ.
ގައުމަކާ ދެކޮޅަށް ހުށަހެޅޭ މައްސަލަތަކުގެ ތަފްސީލުތައް އަންގަން ޖެހޭ ކަމަށާއި އެހެން ނަމަވެސް، މޮރިޝަސްއިން މި މައްސަލަ އިތުރަށް ފުޅާކޮށްފައި ވަނީ ރާއްޖެއަށް އެނގުމެއް ނެތި ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.
އެގޮތުން، ޗާގޯސް އައިލެންޑްސްގެ އުތުރުން ބޭރުގައިވާ ކޮންޓިނެންޓަލް ޝެލްފަކީ މޮރިޝަސްގެ ސަރަހައްދު ކަމަށް ކަނޑައެޅުމަށް އެދުނުއިރު އޭގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 22،000 ސްކޮޔާ ކިލޯމީޓަރު ހިމެނޭ ކަމަށް ރިފްއަތު ފާހަގަކުރެއްވި އެވެ.

ރާއްޖޭން އެންމެ ފުރަތަމަ މިކަމާ ގުޅޭ މައްސަލައެއް 2010 ގައި ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހެޅިއިރު އެ ސަރަހައްދަކީ އެ ގައުމުގެ ސަރަހައްދެއް ކަމަށް މޮރިޝަސްއިން ބުނެފައި ނުވާ ކަމަށް ރާއްޖޭން ބުނެ އެވެ. އަދި، ދަހަރެއް ވަންދެން މޮރިޝަސްއިން ދެކޮޅު ހަދާފައި ވަނީ ހަމައެކަނި އެ ގައުމުގެ 200 ނޯޓިކަލް މޭލު ސަރަހައްދުގެ ތެރެއަށް ވަންނަ ކުޑަކުޑަ ކަނޑުގެ ސަރަހައްދަކާ ގުޅޭގޮތުން ކަމަށް ރާއްޖޭން ބުނެ އެވެ.
މޮރިޝަސް އިން އެ މައްސަލަ ފުޅާކުރިއިރު އެކަމާ ގުޅިގެން ޖަވާބުދާރީވެ ވަކާލާތު ކުރާނެ ފުރުސަތެއް ރާއްޖެއަށް ނުލިބޭ ކަމަށް ބުނެ ރިފްއަތު ކަންބޮޑުވުން ފާޅުކުރި އެވެ. އަދި، އެ ކޮންޓިނެންޓަލް ޝެލްފަކީ މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައިވަނީ ބުރަދަނެއް ނެތް ހެކިތަކެއް ކަމަށް ރާއްޖޭން ވަނީ ބުނެފަ އެވެ.
ޗާގޯސް ސަރަހައްދުގައި މޮރިޝަސް އިން ކަނޑުގެ ދިރާސާއެއް ވެސް ކުރިއަށްގެންދިޔަ އެވެ. އެޓާނީ ޖެނެރަލް ރިފްއަތު ވަނީ އެ ސާވޭގެ ނަތީޖާތަކަކީ ބޭނުން ނުކުރެވޭނެ ނަތީޖާތަކެއް ކަމަށާއި އެ ސާވޭން މޮރިޝަސް ނެރެން ބޭނުންވި ނަތީޖާ ނެރެވިފައިވާ ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ހަމައެހެންމެ، މިއަހަރުގެ އޮގަސްޓުގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައި ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށް ރިފްއަތު ފާހަގަކުރެއްވި އެވެ.
ސީއެލްސީއެސްއަށް ރާއްޖޭގެ ދެކުނުގެ ކޮންޓިނެންޓަލް ޝެލްފާ ގުޅޭގޮތުން 2010 ގައި ހުށަހެޅި މައްސަލައާ މޮރިޝަސްއިން 2011 ގައި ދެކޮޅު ހަދާފައިވާއިރު ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމަށް ރިއާޔަތްކޮށް އެކަން އަނބުރާ ގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ. އަދި، މޮރިޝަސް އިން އެ ކަމާ ގުޅިގެން ބައިނަލައަގްވާމީ ކޯޓުތަކަށް ހުށަހަޅާފައިވާ އެއްވެސް މައްސަލައަކާ ރާއްޖޭން ދެކޮޅު ހަދާފައިނުވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި މައްސަލައަކީ ރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށްވާއިރު، މި މައްސަލައިގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް ދިފާއުކޮށް ރާއްޖެ ތަމްސީލުކުރުމަށްޓަކައި ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ސަރުކާރުން ވަނީ އެކުލަވާލާފަ އެވެ.
ކަނޑުގެ ސަރަހައްދުތަކަކީ ނުވަތަ އިންތަކަކީ ސީ އޮފް ކޮންވެންޝަންގެ ދަށުން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާ އިންތަކެކެވެ. އެގޮތުން، ރާއްޖެ މިނިވަންވުމާ އެކު ރާއްޖޭގެ އުތުރުގެ އިންތައް ކަނޑައެޅިފައިވާއިރު، ރާއްޖޭގެ ދެކުނުގެ އިންތައް ކަނޑައެޅިފައެއް ނުވެ އެވެ. ރާއްޖެ މިނިވަން ވުމާއެކު ރާއްޖޭގެ އުތުރުން މި އިންތައް ކަނޑައެޅުނީ، ރާއްޖެއާއި އިންޑިއާ އާއި ސްރީ ލަންކާ ހިމެނޭ ގޮތަށް ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
ބައެއް މުހިންމު ހަބަރުތައް
- ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ކަމަށްވާ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ އިއްޔެ އެވެ.
- މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހުސްކޮށް އޮތް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމަށް ސ. މަރަދޫފޭދޫ އެވަރެސްޓް، އިމާދު ސޯލިހް އައްޔަނުކުރީ އިއްޔެ އެވެ.
- ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ އުސޫލު ބަދަލުކުރުން ހިމެނޭ ގޮތުން، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުން ދިނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ގައުމިއްޔަތާ ދެކޮޅަށް އޮތް ނުރައްކާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ:
ގައުމިއްޔަތާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގެ ހަތިޔާރަކީ ކަނޑި ބަނޑިއެއް ނޫން. އަމާޒުކުރަނީ ޖިސްމަކަށް ނުވަތަ ފުރާނައަކަށް ނޫން. އެ ހަމަލާތައް އަމާޒުކުރަނީ އަޅުގަނޑުމެންގެ ފިކުރަށް,
ދުވަހުގެ ފޮޓޯ

ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް ހެލްތު މިނިސްޓަރު ނަސީމަށް އެރުވުން. ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެމަނިކުފާނު ވަނީ ހިދުމަތް ކޮށްދެއްވާފައި. ނަސީމު ފުރުއްވި މަގާމުތަކުގެ ތެރޭގައި ފޮރިން މިނިސްޓަރު ކަމާއި މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސެކެޓްރީ ކަމާއި، ހާއްސަ ވަކީލު ކަމުގެ މަގާމުވެސް ހިމެނޭ --- ފޮޓޯ: ރައީސް އޮފީސް













