ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ އުސޫލު ބަދަލުކުރުން ހިމެނޭ ގޮތުން، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުން ދީފި އެވެ.
ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ޕާޓީތަކުން މީހުން ވަކިކުރުމުގައި އަމަލު ކުރަމުން އަންނަ އުސޫލާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި މައްސަލަ ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓްގައިވާ ގޮތުން، ކޮމިޓީން ނިންމީ އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި އިސްލާހުތައް، އެޓާނީ ޖެނެރަލްގެ ލަފަޔާއެކު ބިލެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށެވެ.
"...ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފެންނަ އިސްލާހުތައް ހިމަނައިގެން، ކޮމިޝަނުން އެކުލަވައިލި އިސްލާހުތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވެސް ލިބިފައިވާ ކަމަށާއި އެޓާނީ ޖެނެރަލްގެ ލަފަޔާއެކު އެ އިސްލާހުތައް ބިލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފެނަން ކަމަށް، [ކޮމިޓީން ފާސްކުރި]،"މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް އިއްޔެ ހުށަހެޅި ރިޕޯޓުގައި ވެ އެވެ.
މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި މައްސަލަ ދިރާސާކުރި އިރު ކޮމިޓީން އީސީގެ މެންބަރުންނާ ބައްދަލުކޮށް މައުލޫމާތުތަކެއް ހޯދި އެވެ. ކޮމިޓީގެ ހޯދުންތަކުގެ ގޮތުގައި ރިޕޯޓުގައި ހިމަނާފައި ހުރީ އެ މައުލޫމާތެވެ.
ކޮމިޓީގެ ބައެއް ހޯދުންތައް
- ފިންގަޕްރިންޓު ވެރިފައި ކުރެވޭނެ އިންތިޒާމް އީސީގައި ނެތްކަން
- އެއް ފަހަރާ ގިނަ ފޯމުތަކެއް ހުށަހަޅައިފި ނަމަ ސައްހަކަން ކަށަވަރުކުރަން ކޮމިޓީން ޗެކްކުރަނީ 25 ޕަސެންޓް ފޯމުކަން
- ފޯމުތަކާ މެދު ސުވާލު އުފެދޭ ހާލަަތްތަކުގައި ޗެކްކުރަނީ ފޯމުތަކުގެ ދެބައިކުޅަ އެއްބައިކަން
- ސައްހަ ނޫން ފޯމަކާ ގުޅޭ ޝަކުވާއެއް ލިބިއްޖެ ނަމަ ފޯމު ހުށަހެޅި ޕާޓީއަށް އެންގުމަކާ ނުލައި، އެ ފޯމެއްގައި ހިމެނޭ މީހާ ޕާޓީން ވަކިކުރާކަން، އެހެން ނަމަވެސް އެމީހާ ކުރިން ރަޖިސްޓްރީ ވެފައި އޮތް ޕާޓީއަށް އިއާދަނުކުރާކަން.
އީސީން ހުށަހަޅާފައިވާ ހައްލުތައް
މީހުންގެ ރުހުމާ ނުލައި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލައިގައި އީސީން ކޮމިޓީއަށް ހުށަހަޅާފައި އޮތީ މައިގަނޑު ދެ ކަމެކެވެ. އޭގެ އެއް ކަމަކީ ޕާޓީތަކުގެ މެމްބަރުންގެ އަދަދާ ގުޅުވައިގެން ދައުލަތުން ޕާޓީތަކަށް ފައިސާ ދޫކުރުން ނިމުމަކަށް ގެނައުމެވެ. އޮޅުވާލައިގެން މީހުން ޕާޓީތަކަށް ވެއްދުން އޭރުން ނިމުމަކަށް އަންނާނެ ކަމަށް އީސީއަށް ގަބޫލުކުރެވޭ ކަމަށް އެކޮމިޝަނާ ހަވާލާދީ ރިޕޯޓުގައި ބުންޏެވެ.

ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރާ ނަމަ، ކޮމިޝަނަށް ފެންނަ ގޮތަކީ އިންތިހާބުތަކުގައި ހޯދާ ނަތީޖާތަކާ ގުޅުވައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރުމެވެ.
އެކަންތައްތައް ހިމެނޭ ގޮތުން ގާނޫނަށް ބަދަލުތައް ގެންނަން އީސީން ހުށަހެޅި އެވެ. ކޮމިޓީން ފާސްކުރީ ކޮމިޝަނުގެ އެ ހުށަހެޅުންތައް އެޓާނީ ޖެނެރަލްގެ ލަފަޔާ އެކު ބިލެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށެވެ. ކޮމިޓީގެ އެނިންމުން ހިމެނޭ ރިޕޯޓު މަޖިލީހުގެ ތަޅުމަށް އިއްޔެ ހުށަހެޅި އެވެ. އެ ރިޕޯޓާ މެދު ގޮތެއް ނިންމާނީ ބަހުސްކޮށް ނިމުމުންނެވެ.












