ކުޑަކުދިންގެ މައްޗަށް ކުރާ ދައުވާތައް ޑައިވާޝަން ޕްރޮގްރާމްގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް އަނބުރާ ގެންދެވޭ ގޮތަށް އިސްލާހުތަކެއް ގެނެސްފި އެވެ.
މިގޮތުން އިސްލާހު ގެނައީ ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު އަދި ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދަށެވެ.
ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 18 ވަނަ މާއްދާގެ ށ. އަށް ގެނައި އިސްލާހުގައި ބުނެފައި އޮތީ ޖިނާއީ މައްސަލައެއްގައި ދައުވާކުރުމަށް މުއްދަތެއް ކަނޑައަޅާފައިވާ ހާލަތެއްގައި އެ މައްސަލައަކީ ޑައިވާޝަން ޕްރޮގްރާމްގެ ދަށަށް ފެތޭ މައްސަލައެއް ނަމަ ޑައިވާޝަން ޕްލޭނާއެކު އެ މުއްދަތުގެ ތެރޭގައި މައްސަލަ ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެ މައްސަލަ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އެ މައްސަލަ އަނބުރާ ގެންދިއުމުގެ އިހުތިޔާރު ޕީޖީ އޮފީހަށް ލިބޭނެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދަށް ގެނެވުނު އިސްލާހަކީ އެ ގަވާއިދުގެ 26 ވަނަ މާއްދާ (ދައުވާ އަނބުރާ ގެނައުން) ގެ ށ. އަށް އިތުރު އަދަދެއް އިތުރުކުރުމެވެ.

އެގޮތުން، އިތުރުކުރި އަދަދުގައި ބުނެފައި އޮތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން ފުރުސަތު ލިބޭ ކުއްޖާ، ޕީޖީއާއެކު ޑައިވާޝަންގެ އެއްބަސްވުމެއް ހަދާ ހާލަތްތަކުގައި ޑައިވާޝަން އެއްބަސްވުމުގައިވާ ގޮތަށް ދައުވާ ކުރިއަށް ގެންދާނަމަ އެ ދައުވާ އަނބުރާ ގެންދެވޭނެ ކަމަށެވެ.














