ވ. ހުޅިދޫ ހޯދަން އެ އަތޮޅު ރައްޔިތުންނާއި އަތޮޅު ކައުންސިލުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ހައްލެއް ހޯދުމަށްޓަކައި ސަރުކާރާއެކު ކުރި މަޝްވަރާތަކުން ހައްލެއް ނުލިބުނު ކަމަށާއި 'މަރުވިޔަސް' އެ މަސައްކަތުގައި ދެމި ތިބޭނެ ކަމަށް ވާވު އަތޮޅު ކައުންސިލްގެ ރައީސް ސުޖާއު އަލީ ވިދާޅުވީ އިއްޔެ އެވެ.
ހުޅިދޫ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާއި ވާވު ކައުންސިލާއި ރަށް ކުއްޔަށް ހިފާފައިވާ ފަރާތާއެކު މިއަދު ބޭއްވި ބައްދަލުވުމަކަށްފަހު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވީ އެ ބައްދަލުވުމަށް ދިޔައިރުވެސް މައްސަލައަށް ނުލިބޭނެކަން އެނގޭ ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވިން ވ އަތޮޅުގެ ރައްޔިތުން، މަރުވިޔަސް މި ފައިޓުގައި ދެމިތިބޭނެ ކަމަށް. އެއީ ވ. އަތޮޅުގައި ދެން ނެތޭ އިތުރަށް ވ .އަތޮޅު ރައްޔިތުން އިތުރަށް ކުރާނެ ޑިމާންޑެއް، ކުރާނެ ފައިޓެއް،" ސުޖާއު ވިދާޅުވި އެވެ.
ދަނޑުވެރިކަމަށް އާރަށް އިންވެސްޓްމަންޓަށް ދީފައި އޮތް ހުޅިދޫގައި މަސައްކަތެއް ނުކުރާތީ އެގްރިމެންޓު ބާތިލްކޮށްދިނުމަށް އެދި ރަށުގެ ރައްޔިތުން އަންނަނީ މިދިޔަ ހަފްތާއިން ފެށިގެން މުޒާހަރާ ކުރަމުންނެވެ. އެގޮތުން ވަރަށް ގިނަ ބަޔަކު ހުޅިދުއަށް އެރުމަށްފަހު، އެރަށުގައި ވަނީ އިހުތިޖާޖުކޮށްފަ އެވެ. ރަށުން މީހުން ބޭލުމަށް ފުލުހުން ވެސް ދިޔަ އެވެ. އެކަމަކު ސަރުކާރުން ބުނީ އެ ރަށުގެ އެގްރިމެންޓު ބާތިލް ކުރުމުގެ ޖާގައެއް ނެތް ކަމަށެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު ސުޖާއު ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވީ ވ. އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބޭނުން ކުރުމުން އެ އަތޮޅު ރައްޔިތުންނާއި ސަރުކާރަށް ލިބޭ ގެއްލުމުގެ ވާހަކަ ދައްކަން ކަމަށާއި ކަމާބެހޭ ރަސްމީ އިދާރާތަކަށް އެކަމުގައި ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބައްދަލަވުން ބޭއްވުނީ ވެސް އެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށްވާއިރު، އެވާހަކަތައް އެ ބައްދަލުވުމުގައި ނުދެއްކެންވީ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ އެ ބައްދަލުވުމުގައި ކަމާގުޅޭ ހުރިހާ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތަކާއެކު ބާއްވާ ބައްދަލުވުމެއްގައި އެފަދަ ވާހަކައަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"ޕަބްލިކުގައި ކެފޭއެއްގައި މި ވާހަކަ ނުދެއްކިދާނެ، އެކަމަކު ރަސްމީ އިދާރާއަކަށް މި މައްސަލައިގެ ވާހަކަދައްކަން މިދާ ބައްދަލުވުމެއްގައި މި އެގްރިމެންޓުގެ ވާހަކަ ނުދެކެވޭ ކަމަށްވަންޏާ ދެން އަޅުގަނޑަކަށް ހިއެއްނުވޭ މިވާހަކަ ދެއްކޭނެ އިތުރު ތަނެއް ކޯޓު ނޫނީ އޮތް ކަމަކަށް،" އޭނާ ވިދާޅުވި އެވެ.
ދަނޑުވެރިކަމުގެ މަސައްކަތަށް އާރަށް އިންވެސްޓްމަންޓަށް 21 އަހަރުގެ މުއްދަތަކަށް ހުޅިދޫ ކުއްޔަށް ދޫކުރީ 2016 ވަނަ އަހަރެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެރަށުގައި ދަނޑުވެރިކަމުގެ އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެ އެވެ.
އެކަމާ ގުޅޭގޮތުން މީގެ ކުރިން މިނިސްޓާ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑު އެގްރިކަލްޗާ ހުސެން ރަޝީދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އާރަށް އިންވެސްޓުމަންޓަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށާއި އެރަށުގައި މަސައްކަތެއް ނުފެށި އޮތީ އެހެންވެ ކަމަށެވެ.
އެހެންނަމަވެސް އެ އަތޮޅުގެ ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި އާރަށް އިންވެސްޓުމަންޓުން ހުޅިދޫ ތަރައްގީ ކުރީ ޓޫރިޒަމް ވިޔަފާރި ވެސް ކުރެވޭނެ ފަދަ ގޮތަކަށެވެ. އެގޮތުން އެރަށުގެ ޑިޒައިން އޮތީ ވޯޓާ ސްޕޯޓްސް ހިންގޭ ގޮތަށް ކަމަށާއި ކެފޭއެއް ވެސް އެރަށުގައި ހަދާފައިވާ ކަމަށެވެ. އޭގެ އިތުރުން އެރަށުގެ ފަރުތަކަށް ވެސް ގެއްލުންތަކެއް އެ ކުންފުނިން ދީފައިވާ ކަމަށް އެ އަތޮޅުގެ ރައްޔިތުން ތުހުމަތު ކުރެ އެވެ.
އޭގެ އިތުރުން އަންބަރާގައި އޮންނަ ކަނޑޫފާ ނައްތާލަން އެރަށް ކުއްޔަށް ނަގައިގެން އުޅޭ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެ އަތޮޅު ރައްޔިތުން ތުހުމަތު ކުރެއެވެ.
އޭނާ ވިދާޅުވީ މިއަދުގެ ބައްދަލުވުމުން އެއްވެސް އަލިމަގެއް ނުފެނުނު ނަމަވެސް އުއްމީދު ދޫކޮށް ނުލާ ކަމަށެވެ. އެގޮތުން މިއަދުގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ފަރާތުން އެ އޮފީހުގެ ޕޮލިސީ ސެކެޓްރީ، އަހުމަދު ހަމްދާން ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި މި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ރައީސްއާ ހިއްސާކޮށް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މިހާރު މިކަމުގައި މިނިސްޓަރީގެ ވާހަކަ މިހުރިގޮތުން މިހާރު މިކަމުގައި ގޮތް ނިންމަވަން މި ޖެހެނީ ރައީސުލްޖުމްހޫރިއްޔާއާ ހަމައިންހެން. އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ ރައީސްއަށް މި މެސެޖު ވަރަށް ސާފުކޮށް ހަމްދާން ގެންގޮސްދެއްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ސުޖާއު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެލެއްވި ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ސާފުކޮށް މުޅި ވ. އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެ ރައްޔިތުން އެދޭގޮތް ވެސް ކިޔައިދީފައިވާނެ ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ ވ. އަތޮޅު ހުޅިދޫ އާއި އަންބަރާގެ ގުދުރަތީ ވެށި ހަލާކުކޮށްލާފައި އޮތް ކަމަށާއި، އެއްބަސްވުންތައް ހަދާފައި ހުރީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށާއި، އެގްރިމެންޓުގައި މަސައްކަތް ފަށަން ދީފައި އޮތް މުއްދަތުގެ ތެރޭގައި އެ މަސައްކަތްތައް ކޮށްފައި ނުވާތީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އެ އެއްބަސްވުންތައް ރަސްމީކޮށް ބާތިލުކޮށް، ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ބޭނުމަށް މި ދެރަށް ހަވާލުކޮށްދެއްވުމަށް މިއަދުގެ ބައްދަލުވުމުގައި ސަރުކާރުގައި އެދިފައި ވާނެ ކަމަށެވެ.
ބައެއް މުހިންމު ހަބަރުތައް
- އައްޑޫ ސިޓީގައި ގޭންގަކުން ނިކުމެ އެރަށު މުހައްމަދު ޒަޔާން، 21، މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރީ އިއްޔެ އެވެ.
- "އިންޑިއާ އައުޓް" ޖެހުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާއެއް ފުލުހުން އަތުލުމުން އެމަނިކުފާނު ފުލުހުންނާ ދެކޮޅަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމީ އިއްޔެ އެވެ.
- ރާއްޖެ އިން ތައިލޭންޑަށް އެކްސްޕޯޓުކުރާ މަހުގެ ޝިޕްމެންޓުތަކުގެ ބަރުދަނުގައި ހުރި ތަފާތުތަކުގެ ސަބަބުން 1،100 އަށްވުރެ ގިނަ ޓަނުގެ މަސް މަދުވެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑު (މިފްކޯ) އަށް 67 މިލިއަން ރުފިޔާގެ ގެއްލުންވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ގާނޫނުތަކާ ފުށުއަރާ ގަވާއިދުތައް ބަދަލުކުރަން ޖެހޭ ކަމަށް ހާމަކުރައްވަމުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އިއްޔެ މަޖިލީހުގައި ވިދާޅުވީ:
ވަރަށް ބައިވަރު ގަވައިދުތައް އަޅުގަނޑުމެނަށް އެބަ ފެނޭ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ހުރި، ގާނޫނުން ކަނޑައަޅައިފައި ހުރި އުސޫލުތަކުން ބޭރުން މާބޮޑަށް، މާ ބައިވަރު ބާރުތައް ލިބޭ ގޮތަށް، ގާނޫނުތަކަށް ވުރެެ ބޮޑަށް، ގަވައިދުތަކުން [މުއައްސަސާތަކަށް] އެ ބާރު ހޯދާފައިވާ، އެއީ ކަންބޮޑުވާން ޖެހޭ ކަމެއް،
ދުވަހުގެ ފޮޓޯ

ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި ކުޅުނު ފިރިހެން ސިންގަލްސްގެ މެޗުގައި ރާއްޖޭގެ ނިބާލް ކުޅެނީ. 200 އަށް ވުރެ ގިނަ ކުޅުންތެރިން ދުނިޔޭގެ އެކި ގައުމުތަކުން ޖުމްލަ ފަސް ބައްރުގެ ގައުމުތައް ވެސް ހިމެނޭ ގޮތަށް މި މުބާރާތުގައި ވާދަކުރޭ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












