އައްޑޫ ސިޓީގައި މަރާލި މުހައްމަދު ޒަޔާން، 21، ގެ މަރުގެ ތަހުގީގަށް ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ގާނޫނީ ވަކީލެއް ކަމަށާއި އޭނާގެ މައްސަލަ މިހާރު ބާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ތަހުގީގަށް ނުފޫޒު ފޯރުވުމުގެ އިތުރުން ތަހުގީގަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި މިދިޔަ ޖުލައި 2، ގައި ހައްޔަރު ކުރީ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ.
ޒަޔާންގެ މަރާ ގުޅޭ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާގެ އިންސްޕެންޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރި ކުޑަކުއްޖަކަށް ނުސީދާ ގޮތުން ނުފޫޒު ފޯރުވަން އޭނާ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"މަގާމުގެ ހައިސިއްޔަތު ނުވަތަ މަސައްކަތުގެ ނާޖާއިޒް ފައިދާ އޭގެ ތެރޭގައި ބޭނުން ކޮށްގެން، [އެއީ] ގާނޫނީ ވަކީލެއް،" ސާމިހު ވިދާޅުވި އެވެ.
ސާމިހު ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ވަކީލު ހައްޔަރުކުރި ނަމަވެސް އޭނާ މިވަގުތު ހުރީ ފުލުހުންގެ ބަންދުގައެއް ނޫނެވެ.

"މައްސަލަ ތަހުގީގު ކުރުމަށްފަހު މިވަގުތު އަޅުގަނޑުމެން ވާނީ މައްސަލަ ބާ ކައުންސިލަށް ހުށަހަޅާފައި،" ސާމިހު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާގެ ނޯތު ޑިވިޝަންގެ ސުޕްރިޑެންޓު އަހުމަދު ޝަމީމް ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔައީ އެހެނިހެން ކޭސްތަކާ ހިލާފަށް މާލެއިން ތަހުގީގީ ފުލުހުން ދިޔުމުގެ ބަދަލުގައި އެ ސަރަހައްދުގެ ފުލުހުންނެވެ. އެކަމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ވެސް ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވި އެވެ.
"ބައެއް ފުލުހުންނަށް ތުހުމަތުގެ އިނގިލި ވެސް ވަނީ ދިއްކޮށްފައި، މީގެ ތެރެއިން ސޯޝަލް މީޑިއާ އަދި ބައެއް ނޫސްތަކުން މި ތުހުމަތުގެ ވާހަކަ ދެކެވިފައިވޭ،" ޝަމީމް ވިދާޅުވި އެވެ.
އެހެންނަމަވެސް އެކަމުގެ ހަގީގަތް ދަނެގަތުމަށް ކުރެވުނު ތަހުގީގުން އެފަދަ އެއްވެސް ހެއްކެއް އަދި މައުލޫމާތެއް ވެސް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ އެއްވެސް ކަމެއް ހިންގާފައިވާނެތޯ ބަލައި އެކަންކަމަށް ފާރަވެރިވާނޭ ކަމުގެ ޔަގީން ކަން އޭނާ ވަނީ ދެއްވާފަ އެވެ.













