ގަވައިދާ ހިލާފަށް ރަޖިސްޓްރީކުރި އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާތިލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީއަށް ބާތިލުކުރަން ފެންނަ ރަޖިސްޓްރީތައް ބާތިލު ކުރަމުންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
މި ސެޕްޓެމްބަރު މަހުން ފެށިގެން ވަރަށް ގިނަ އަދަދެއްގެ އުޅަނދުފަހަރުގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ. އެކަމާ ގުޅިގެން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައިވަނީ ބާތިލް ކުރަނީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ އެވެ. ނަމަވެސް, އޭގެ ތެރެއިން ބައެއް މީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން, ރަޖިސްޓްރީ ބާތިލްކުރަން މަޑުޖައްސާލަން ވަނީ އަމުރެއް ނެރެފަ އެވެ.
އެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ހަމަދު އަބްދުލްޣަނީ މިއަދު 'އަދަދު'އަށް ވިދާޅުވި ގޮތުގައި, މި ސަރުކާރުން ކޮރަޕްޝަނަށް އޮތީ ޒީރޯ ޓޮލެރެންސް ކަމަށާއި ކޮރަޕްޝަން ނައްތާލުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ސިވިލް ކޯޓުން އަދި ހުކުމެއް ނެރެފައި އޮތް ނަމަވެސް އަޅުގަނޑުމެންނަށް މިތަނުން ބާތިލު ކުރުމަށް ފެންނަ އެއްޗެއް [ރަޖިސްޓްރީއެއް] ބާތިލުކުރަމުންގެންދާނަން
ހަމަދު ވިދާޅުވީ ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ނެރުނު އަމުރު އިސްތިއުނާފު ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެޓާނީ ޖެނަރަލްގެ އޮފީހުން މި ނޫހަށް ބުނި ގޮތުގައި އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅަން ދައުލަތުން ގަސްތުކުރާ ކަމަށެވެ.
ހަމަދު ވިދާޅުވީ ސިވިލް ކޯޓަށް މިކަން ހިނގައިދިޔަ ގޮތް އެނގޭނެ ނަމަ މިފަދަ އަމުރެއް ނެރޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ގަބޫލު ކުރެވޭ ގޮތުގައި ސިވިލް ކޯޓަށް މި މައްސަލަ އަދި ސާފު ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގަވައިދާ ހިލާފަށް އުޅަނދުތަކެއް ރަޖިސްޓްރީ ކޮށްފައިވާކަން ދެނެގަނެވިފައި ވަނީ އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ އިންޓާނަލް އޮޑިޓެއްގައި ކަމަށެވެ. އެގޮތުން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުމެއް ނެތި، ގަވައިދާ ހިލާފަށް 202 ވެހިކަލެއް ރަޖިސްޓްރީ ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީ ރަޖިސްޓްރީއެއް ކަމަކަށް، އަޅުގަނޑުމެން ގަބޫލު ކުރަނީ އެއީ ސައްހަ ނޫން ލިޔެކިއުމެއް ކަމަށް، ނިޒާމުގެ ބޭރުން ކުރާ ކަންކަމަކީ މިނިސްޓްރީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން
ހަމަދު ވިދާޅުވީ ރަޖިސްޓްރީ ބާތިލުކޮށްފައި ހުންނާނީ މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަނާޅައި، ބޭރުތެރެއިން ދައުރުވާ ލިޔެކިއުންތަކަކަށް ބިނާކޮށް ކަމަށާއި، ނިޒާމުގެ ބޭރުން ކުރާ ކަންކަން މިނިސްޓްރީން ބަލައި ނުގަންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މި އަމަލު ހިންގާފައި ވަނީ މިނިސްޓްރީގެ އައިޓީ ސިސްޓަމް ތެރެެއަށް ހެކްކޮށްގެން ކަމަށެވެ. ސިސްޓަމްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކިއިރު ސެކިއުރިޓީ އޮޑިޓްތައް ކުރިއަށް ގެންދާ ކަމަށާއި، މި އަހަރު ފެށުނީއްސުރެ އާ ސޮފްޓްވެއާއަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިމާވި ދަތިތަކާ ގުޅިގެން އެކަން ފުރިހަމައަށް ނުނިމުނު ނަމަވެސް, ޓެސްޓިން ފޭސް ކުރިއަށްދާ ކަމަށާއި އާ ސޮފްޓްވެއާގެ މަސައްކަތް ނިމުނުހާ އަވަހަކަށް ޑޭޓާ މައިގްރޭޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން ގަބޫލުކުރަނީ ބޭރުތެރޭގައި ދައުރުވާ ލިޔެކިއުންތަކަކީ މިތަނުން ދޫކުރާ ލިޔެކިއުންތަކާ އެއްގޮތް ލިޔެކިއުންތަކެއް ކަމަށް ވަންޏާ، ކޮންމެވެސް ވަރަކަށް އެކަން އެނގޭ ބައެއްގެ އިންވޮލްމަންޓް އޮންނާނެ ކަމަށް
ހަމަދު ވިދާޅުވީ ދައުރުުވާ ލިޔެކިއުންތައް [ރަޖިސްޓްރީ] މިނިސްޓްރީގެ ލިޔެކިއުންތަކާ އެއްގޮތްވާ ނަމަ އެއީ މިނިސްޓްރީ ތެރެއިން އެކަން އެނގޭ ބައެއްގެ ޝާމިލުވުން އޮތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެ މައްސަލާގައި ފުލުހުންނާ ގުޅިގެން ތަހުގީގެއް ހިންގަމުންދާކަން ފާހަގަކުރައްވާ ހަމަދު ވިދާޅުވީ އެ މައުލޫމާތު ސައްހަ ގޮތުގައި ދެވޭނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށެވެ.
"އަޅުގަނޑުމެން ރޫލް އައުޓްއެއް ނުކުރާނަން އެތެރޭގެ އިންވޯލްވްމަންޓް ނެތް ކަމަކަށް," ފުލުހުންގެ ތަހުގީގު ކުރިއަށްދާ ވަރަކަށް މުވައްޒަފުންގެ ބަޔާންތައް ނަގަމުންދާނެކަން ފާހަގަކުރައްވަމުން ހަމަދު ވިދާޅުވި އެވެ.












