ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ޓޫރިޒަމް ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިހާތަނަށް ނުލިބި ހުރި ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރީ އިއްޔެ އެވެ.
ޓޫރިޒަމް ދާއިރާއިން ނުލިބި ހުރި ޓެކްސް ފައިސާގެ އަދަދު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ލިޔުމުން ދެއްވި ޖަވާބުގައި ވަނީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނަގަން ފެށި ފަހުން، ޖޫރިމަނާ ހިމަނައިގެން ދައުލަތަށް މިހާތަނަށް ނުލިބި ހުރި ފައިސާގެ ތަފްސީލުތައް ހިއްސާކުރައްވައިފަ އެވެ.
މިގޮތުން، މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް އެ ދެ ޓެކްސަށް ނުދައްކާ ހުރި ފައިސާގެ އަދަދު ޖޫރިމަނާ ހިމަނައިގެން އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.
ދެހާސްއެގާރަ ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތައާރަފުކުރި ޓީޖީއެސްޓީއަށް ބަލާއިރު، މިދިޔަ އޯގަސްޓު މަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 632 މިލިއަން ނުލިބިވާއިރު، ޓެކްސް ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު 240 މިލިއަން ރުފިޔާއަށް އަރަ އެވެ.
އެއާއެކު، ޓީޖީއެސްޓީއަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 872 މިލިއަން ރުފިޔާއަށް ވުރެ އިތުރެެވެ.

މީގެ އިތުރުން، 2015 ވަނަ އަހަރުގެ ތެރޭގައި ނަގަން ފެށި ގްރީން ޓެކްސަށް ބަލާއިރު، މިދިޔަ އޯގަސްޓު މަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 85 މިލިއަން ރުފިޔާ ނުދައްކާ ހުރިއިރު، ޖޫރިމަނާގެ ގޮތުގައި އިތުރު 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެންޖެހެ އެވެ.
އެއާއެކު، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 872 މިލިއަން ރުފިޔާއަށް ވުރެ އިތުރެެވެ.
ބައެއް މުހިންމު ހަބަރުތައް
- މީގެ ހަތަރު އަހަރު ކުރިން މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އުމުރުން 17 އަހަރުގެ ކުއްޖާ، 18 އަހަރަށް ޖަލަށް ލުމަށް ހައި ކޯޓުން ހުކުމްކުރީ އިއްޔެ އެވެ.
- ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތްދޭ މީޑިއާނެޓަށް، އެ އިންޑަސްޓްރީ މޮނޮޕޮލައިޒްކުރެވޭ ގޮތަށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދު ބަދަލުކޮށްފައި ވާތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އިއްޔެ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
- ހއ. އިހަވަންދޫގައި ހިންގަމުންދާ އައިސް ޕްލާންޓެއް ހުރިއިރު، އަދި ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ދާއިރު، އެ މަނިކުފާނަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ އެ ރަށުގައި އައިސް ޕްލާންޓެއް އަޅައި، ބަނދަރު ބޮޑުކުރުން ކުރިއަށް ގެންދަވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ޓެކްސް ބޮޑުނުކޮށް ވެސް އާމްދަނީ އިތުރުކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާކަމަށް ހާމަކުރައްވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިއްޔެ މަޖިލީހުގައި ވިދާޅުވީ:
ސަރުކާރަށް މި ފައިސާ [ޓެކްސް ބޮޑުކުރުމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާ] ހޯދުމަށް ޓަކައި ކުންފުނިތަކުގެ ހިއްސާ ވެސް ވިއްކިދާނެ އެކި ފަރާތްތަކަށް. އެހެންވީމާ 2.5 ބިލިއަން ރުފިޔާ ހޯދާކަށް ރައްޔިތުންގެ އަތުން ޓެކްސް ނަގާކަށް އަޅުގަނޑެއް ހަމަ ޔަގީނުން ވެސް އެއްބަހެއް ނޫން،
ދުވަހުގެ ފޮޓޯ

މާލޭގައި އިއްޔެ ފެށި ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި ރާއްޖޭގެ ނަބީ އީރާނުގެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން. އޭނާ ވަނީ ސީދާ ދެ ސެޓުން މި މެޗުން މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައި. --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












