ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާނާއި ޝެއިހް ފަޒްލޫން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ފަށާފައި ވަނީ އިއްޔެ އެވެ.
ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވި ޔޯގާ ހަރަކާތް ހުއްޓުވަން، ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބައެއް މީހުނަށް ހަމަލާދީ، ހަމަނުޖެހުން ހިންގި މައްސަލައިގައި އެ ދެ އިލްމުވެރިންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި، މައްސަލަ ކުރިއަށް ގެންދަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ ދައުވާ ރައްދުވާ މީހުނަށް ގާނޫނުން ލިބިދޭ ހައްގުތައް ވިދާޅުވެ ދެއްވައިފަ އެވެ. އެގޮތުން ދައުވާއަށް ޖަވާބުދާރީވުމާއި ގާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ހައްގު އޮތް ކަމަށް ވިދާޅުވި އެވެ.
އިއްޔެދުގެ އަޑުއެހުމަށް ފަޒްލޫން އަދި ނިޝާން ހާޒިރުވީ ވަކީލަކާ ނުލަ އެވެ. ވަކީލަކު ހަމަޖައްސަން 10 ދުވަސް ދިނުމަށް ފަހު އަޑުއެހުން ނިންމައިލި އެވެ. ތަހުގީގު މަރުހަލާގައި ފަޒްލޫނާއި ނިޝާން ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.
މައްސަލައިގެ ފަސްފަހަތް
ޖޫން 21 ގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައި ކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.
އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތަކެއް ކަނޑައަޅާފައިވާ މާއްދާއަށް ނޫސްވެރިން އެދުނު ބައެއް ބަދަލުތަކާއެކު ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އިއްޔެ އެވެ.
- ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް އެއްފަހަރާ ގަނޑުކޮށް، ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން ގަންނަ ފެށުމުން އެކަމަށް ކުރަމުން އަންނަ ހޭދަ 30 ޕަސެންޓު ކުޑަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިއްޔެ އެވެ.
- އުދައިގެ އިންޒާރު ދޭ ނިޒާމެއް ދިވެހި މާހިރަކު ފަރުމާކޮށް ޓެސްޓުކުރަން ފަށާފައިވާކަން "އަދަދު" ނޫހުން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް އެއްފަހަރާ ގަނޑުކޮށް، ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން ގަންނަ ފެށުމުން އެކަމަށް ކުރަމުން އަންނަ ހޭދަ ކުޑަވާނެ ކަމަށް ހާމަކުރައްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ:
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިސެންބަރު ޖެނުއަރީ ހާ ތަނުގައި އަޅުގަނޑުމެންނަށް ބަލްކް ޕްރޮކިއުމެންޓަށް ދެވޭނެ، މެޑިކަލް ކޮންސިއުމަބްލްސް، ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 30 ޕަސެންޓުގެ ހަރަދު ކުޑަ ކުރެވޭނެ ކަމަށް އަންދާޒާ ކުރެވެނީ،
ދުވަހުގެ ފޮޓޯ

ކ. ކާށިދޫގައި އޮތް ދަނޑުވެރިންގެ މައުރަޒަށް ރައީސް ސޯލިހު ކުރެއްވި ޒިޔާރަތުގެ ތެރެއިން. ކާށިދޫއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެއް ކަމަށްވާއިރު މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރީ އެ ރަށުގައި --- ފޮޓޯ: ރައީސް އޮފީސް













