ސޯލް، ދެކުނު ކޮރެއާ (އޮކްޓޯބަރު 17) - ކޭޕޮޕް ސުޕަގްރޫޕް ބީޓީއެސްގެ މެމްބަރުން ސިފައިންގޭގައި އެންލިސްޓުކޮށް ހިދުމަތް ކުރާނެ ކަމަށް އެ ގްރޫޕްގެ އެޖެންސީއިން ބުނެފި އެވެ.
ދެކުނު ކޮރެއާގައި އުމުރުން 30 އަހަރުގެ ސިއްހަތު ރަނގަޅު ހުރިހާ ފިރިހެނުން ދެ އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރުމަކީ މަޖުބޫރު ކަމެކެވެ.
ބީޓީއެސްގެ މިޔުޒިކް މުޅި ދުނިޔެއަށް މަގްބޫލުވެ، އެ ގްރޫޕުގެ ސަބަބުން ދެކުނު ކޮރެއާގެ އިގްތިސާދަށް ބިލިއަނުން ފައިދާވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
އެހެން ނަމަވެސް، ބޭންޑުގެ މެމްބަރުން ހުށަހެޅުން މެދުކަނޑާލައި ސިފައިންގެ ހިދުމަތަށް ނިކުންނަން ޖެހޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. ބޭންޑުގެ އެންމެ ހަގު މެމްބަރުގެ އުމުރަކީ 25 އަހަރެވެ.
އެންމެ ދޮށީ މެމްބަރަަކީ އުމުރުން 29 އަހަަރުގެ ޖިން އެވެ. ޑިސެމްބަރު މަހުގެ ކުރިން އޭނާ ސިފައިންގެއަށް އެންލިސްޓު ނުކޮށްފި ނަމަ ޖަލަށް ދާން ޖެހުމުގެ ފުރުސަތު ބޮޑެވެ.

ބީޓީއެސްގެ އެޖެންސީ ހައިބް ހިމެނޭ ބިގްހިޓް މިޔުޒިކް ކުންފުނިން ބުނީ ބޭންޑުގެ މެމްބަރުން ސިފައިންގެ ހިދުމަތަށް ނިކުތުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެގޮތުން ކޮންމެ މެމްބަރަކު ވެސް ސިފައިންގެ ހިދުމަތަށް ނިކުންނާނީ އެ މެމްބަރެއްގެ ޝެޑިއުލް އޮތް ގޮތަށް ބަލައިގެން ކަމަށް ބުންޏެވެ.
ސިފައިންގެއަށް އެންލިސްޓު ނުކޮށް ކުރިއަށް ދިޔުމުގެ ފުރުސަތު ދެކުނު ކޮރެއާގައި ލިބެނީ މަދު ބަޔަކަށެވެ. އޭގެ ތެރޭގައި އޮލިމްޕިކް މެޑަލިސްޓުންނާއި ކްލެސިކަލް މިޔުޒިޝަނުން ހިމެނެ އެވެ.
އެހެން ނަމަވެސް ޕޮޕް ލަވަކިޔުންތެރިންނަށް އެ ފުރުސަތެއް ނުދެ އެވެ. އެކަމަކު ސިފައިންގެ ހިދުމަތަށް ނިކުންނަން ޖެހޭ ބައެއް ފަންނާނުންގެ އުމުރުން 28 އަހަރުން 30 އަހަރަށް 2020 ވަނަ އަހަރު މަތި ކުރުމުން ބީޓީއެސްގެ މެމްބަރުންނަށް ފައިދާކުރި އެވެ.
މިދިޔަ އޯގަސްޓު މަހު ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ބީޓީއެސްގެ މެމްބަރުން ސިފައިންގެ ހިދުމަތް އަދާ ކުރާ މުއްދަތުގައި ވެސް ހުށަހެޅުންތައް ދިނުމުގެ ފުރުސަތު ފަހިކޮށްދެވިދާނެ ކަމަށެވެ.
ހަތް މެމްބަރުން ހިމެނޭ ބީޓީއެސްއިން މިދިޔަ ޖޫން މަހުން ފެށިގެން ވަނީ ބޭންޑެއްގެ ގޮތުގައި ޝޯ ދިނުމުން ކުޑަ ބްރޭކެއް ނަގައިފަ އެވެ. މިހާރު ބީޓީއެސްގެ ތަރިން މިޔުޒިކް ނެރެނީ ވަކިވަކި އާޓިސްޓުންގެ ގޮތުގަ އެވެ.










