ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރުމުން، އެ ކުންފުނިން ނެދަލޭންޑްސް އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި, މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާނެއް ދިނުމުގެ ދައުވާ ފުރިހަމަ ކަމަށް ހައި ކޯޓުން ނިންމީ އިއްޔެ އެވެ.
ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލްކުރިއިރު ހައުސިން މިނިސްޓަރަށް ހުންނެވި މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި އޭނަގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ދޮގު ބަޔާން ދިނުމުގެ ދައުވާ ފުރިހަމަނުވާ ކަމަށް ހުށަހަޅައިފަ އެވެ. އެއީ، ދައުވާގައި ކުށުގެ އަމަލު ހިންގި ތަން ބުނެފައި ނުވާތީ އެވެ.
ނަމަވެސް، މުއިއްޒުގެ ފަރާތުން ދަށު ކޯޓުގައި ހުށަހަޅާފައިވާ އެއްވެސް ހުށަހެޅުމެއް ބަލައިގެންފައެއް ނުވެ އެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދަށު ކޯޓުގައި ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ލިބިދޭ ހައްގުގެ ބޭނުންކޮށް މުއިއްޒު ވަނީ ހައި ކޯޓުގައި ހުށަހެޅުމެއް އިސްތިއުނާފުކޮށްފަ އެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މުއިއްޒުގެ ފަރާތުން އިސްތިއުނާފްކުރި މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އިބްތިދާއީ މަރުހަލާގެ ވާހަކަ ބަޔާން ކުރާ މައްދާއަށް ރިއާޔަތްކޮށް ކަމަށެވެ. އެހެންވެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އިސްތިއުނާފަށް ބަލައިނުގަނެވޭނެ ކަމަށެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ނިންމާ ނިންމުންތަކަކީ މަދަނީ މިންގަނޑުން ބެލުމަށްފަހު ނިންމާ ނިންމުންތަކަކަށް ވާތީ، ޝަރީއަތުގެ މަރުހަލާގައި އަދި އެ ބަހުސް ކުރެވޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މި ހުކުމް އެ ގޮތަށް ކަނޑައެޅީ ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން ޝަހީދެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.
މުއިއްޒަށް ކުރާ ދައުވާ؛
މުއިއްޒަށް ކުރާ ދައުވާގައި ބުނަނީ ނޫމަޑި މައްސަލާގައި، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ނެދަލޭންޑްސްގައިި ހުންނަ ޕާމެނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި، އެ ކުންފުންޏަށް އެހެން ޕްރޮޖެކްޓެއް ދިނުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ބަޔާން ދެއްވާފައިވާ ކަމަށެވެ.
ދައުލަތުން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރަނީ، ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އޭނާ އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމަށެވެ.
މުއިއްޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުއުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ވެސް މުއިއްޒު ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައިވެ އެވެ. ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި އެއްވެސް ބަޔާނެއް ދީފައިވޭތޯ މަޖިލިސް މެންބަރުން ސުވާލު ކުރެއްވުމުން، އެއްވެސް ޖަވާބެއް މުއިއްޒު ނުދެއްވަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކުން އެކުލަވާލައި ޕްލޭނިން މިނިސްޓްރީން ފާސްކުރަން ޖެހޭ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން މައި ސަރުކާރުން ފާސްކުރަން ނުޖެހޭ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން އެގޮތަށް ބަދަލު ކުރައްވާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އިއްޔެ އެވެ.
- ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ހުކުމް އިއްވާފައި ނުވާތީ، ސ. ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީން އަހުމަދުގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ އިއްޔެ އެވެ.
- ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޮތް ހަމައެކަނި ހައްލަކީ ދަނޑުވެރިކަން ވަރަށް ބޮޑަށް ފުޅާކޮށް ބޭނުންވާ މިންވަރަށް ތަކެތި އުފެއްދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ލޭންޑް ޔޫސް ޕްލޭން ހެދުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ:
ކީއްކުރަންތޯ ކޮންމެހެން ލޭންޑްޔޫސް ޕްލޭން ހަދަންވީ. ލޭންޑް ޔޫސް ޕްލޭން ހަދައިގެން ފާސްކުރާނެ ކަމެއް ނެތް. އަޅުގަނޑު ގަބޫލުކުރާ ގޮތަކީ މިއީ. އަޅުގަނޑުމެންގެ ސަރުކާރެއްގައި މިކަން ކައުންސިލުތަކަށް ނޫނިއްޔާ ރައްޔިތުން ބާރުވެރިކުރުވުމަށް އެ ޕްލޭނަކީ އެއްގޮތަކަށް ވެސް މައި ސަރުކާރުން ފާސްކުރަން ޖެހޭ އެއްޗެއްގެ ގޮތުގައި މިހާރު އޮތް އޮތުން ނައްތާލާނަން،
ދުވަހުގެ ފޮޓޯ

"ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއަރ، މޯލްޑިވްސް ޗެލެންޖް 2022" ވޮލީބޯލް މުބާރާތުގެ ބައެއް މެޗުތައް ރައީސް ސޯލިހު ބައްލަވާލެއްވުން. މި އޮކްޓޯބަރު މަހުގެ 13 އިން 16 އަށް ސަންއައިލެންޑް ރިޒޯޓްގައި ކުރިޔަށްދާ މި މުބާރާތުގައި 28 ޤައުމަކުން ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ވާދަކުރި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












