"މިއަށް ކިޔަނީ ކައިވެނި މައްޗަށް ދިޔުން. މިއީ ކައިވެނި ކުރާ ފިރިހެން މީހާގެ އާއިލާއިން އަންހެން ކުއްޖާ ބަލާދިޔުން. ނިޒޫއަކީ ރަށުން ބޭރު މީހެއް ވީމަ ފާލަމާ ހަމައިން އެ ފެށުނީ. އެހެން ނޫނީ ދާނީ އަންހެން ކުއްޖާގެ ގޭދޮށަށް. ގޭދޮށަށް ދާނީ ވެސް އެގޮތަށް ބެރު ޖަހާ ނަށަމުން. ދެން އެމީހުންނަށް އަންހެން ކުއްޖާގެ އާއިލާއިން ހުންނާނެ ލުއި ބުއިންތައް ތައްޔާރުކޮށްފަ. ކުރިންނަމަ ޖޫސް ހުންނާނީ. އެކަމު މިހާރު ހުންނަނީ ޒަމާނީ ބުއިންތައް. އެ ޒުވާން ކުދިން ބޭނުންވާ ގޮތްވީމަ." ރިޔާޒު ބުނެދިނެވެ.
އަހަންނަށް ސަމާލުކަން ދެވުނީ ފަހަތުގައި ބެރުޖަހަން ތިބި ފިރިހެންވެރިން ނަލަ އަޑުން އިއްވަމުން ދިޔަ ލަވައަށެވެ. އެމީހުންނާ އެއްވަރަށް އަންހެން ވެރިން ވެސް އެ ލަވައެއް ކިޔަމުން ދިޔަ އެވެ.
"ގެންދާނަމޭ، މަންޖެ ގެންދާނަމޭ." ނަގާ ކިޔަން ތިބި މީހުން ކިޔަނީ މިހެންނެވެ.
"މައިދައިތަމެން، މި ތިބީ ބަލާއި އައިސް". ޒުވާބުގައި އަނެއް ބަޔަކު ކިޔަނީ މިހެންނެވެ.

ބެރުގެ ހަމައާ އެއްވަރަށް ހުރިހާ އަންހެނުން ކަހަލައިން ނަށަމުން، އަހަރުމެންގެ ފަހަތުން އަންނަމުން ދިޔައެވެ. އެ މީހުންގެ ފަހަތުގައި ތިބީ ބެރުވެރީންނެވެ. އޭގެ ފަހަތުގައި ކުދި ބޮޑު އެންމެންނެވެ. ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ގާތްގަނޑަކަށް ރަށުގެ ރައްޔިތުން ކަހަލައިން އެ ތަނުގައި ތިބޭނެއެވެ. އިސްރަށްވެހީންނެވެ. ދެބައި އުމުރުގެ މީހުންނެވެ. ޒުވާނުންނެވެ. ކުދިވެރީންނެވެ. ގިނައީ އަންހެނުންނެވެ. ހީވާ ގޮތުން މިއީ އަންހެނުންގެ ހަރަކާތެކެވެ. އަންހެނުންގެ ޢީދެކެވެ. ރަށުގެ ބޮޑުމަގު ހުރަސްކުރެވުނެވެ. އޭރު ވެސް ފޯރީގައި ހަރަކާތްތައް ކުރިއަށް ދިޔައެވެ. ދެތިން މަގެއް ހުރަސް ކުރެވުނެވެ. އޭރު އަހަރެން ހުރީ ވަރުބަލިވެގެން ގުނބު ހިލޭ ގޮތްވެފަ އެވެ. ދާހިތްލާ ފޯވެފައެވެ. އެއަށްވުރެ ބޮޑަށް ނިދީގެ އަސަރު ލޮލުގައި ގަދަކުރަމުން ދިޔައެވެ. އިރުއިރު ކޮޅާ ފަހަތް ބަލައިލެވެ އެވެ. އެ މީހުން ހަމަ ޖޯޝުގައި ނަށަމުން ދިޔަ އެވެ.
"ވަރުބަލި ވެސް ނުވާ ބައެއްތަ؟" އެންމެ ފަހުން ރިޔާޒު ގާތު އަހައިލެވުނެވެ.
"ހޭނިފަ ތިބޭނީ. އަލަކަށް ނޫނެއްނު. އެ މީހުންނަށް ވަރަށް މަޖާ ކަމަކަށް އެކަންވާނީ. ވަރަށް ފަހުން ދޮންބެ ވެސް މެރީކުރީ. އަނެއްކާ ބޯއްތަގެ ދޮށީ ދަރި ވެސް. މީ އަހަރުމެންގެ އާއިލާގެ މި އަހަރުގެ ފަސްވަނަ ކައިވެނި." ރިޔާޒު އަތުން މޫނު ފޮހެލިއެވެ.
"އެކަމަކުވާ ދޯ." އަހަންނަށް ޗުސް ޖަހައިލެވުނެވެ.
"އަދި އޮންނާނެ ކަމެއް؟ ނަސީބަކުން ނިޒޫއަކީ ރަށުން ބޭރު މީހެއް ވީމަ އަހަންނަށް އެއް ކަމަކުން ސަލާމަތް ވެވިއްޖެ." ރިޔާޒު ބުނެލި އެވެ.
"އެއީ ކޮން ކަމެއް؟" އަހަންނަށް އަހައިލެވުނެވެ.
"އެއީ ކައިވެނި ކުރާ ފިރިހެން ކުއްޖާއަށް ބޯން ޖެހޭ ބޮޑު ތަށިވަރެއް ހުންނާނެ. އެ ތައްޔާރު ކުރަނީ އެކި ވައްތަރުގެ މޭވާއިން. ހަށިގަނޑުގައި ވަރު ޖެހޭ ކަހަލަ ތަކެތިން. އެ ހުސްކުރެވޭނީ ލައްކަ ހިއްވަރުން. ވަރަށް ބޮޑު ޖޫސްތަށްޓެއް އެއީ. ނަސީބަކުން އެކަން ކުރާން މަށަކަށް ނުޖެހޭނެ." ރިޔާޒު ހިނިތުންވެލި އެވެ.
"އެހެންވެތަ އަހަންނާ އިނީ؟" އަހަރެން ހިނިތުންވެލީމެވެ.
"އެ ވެސް ސަބަބެއް ކަން ނޭނގެ. އާނ ލަދެއްގަ ބެދިދާނެއްނު އެހުން ނޫނީ. މަށަކީ އެހާ ކޭމާޓެއް ނޫނެއްނު ދޯ." ރިޔާޒު ހީނލި އެވެ.
އަހަންނަށް އަނެއްކާ ވެސް ގޯސް މާނައެއް ނެގުނީއެވެ. ފިރިހެން މީހާއަށް ވަރުގަދަ ޖޫސް ތަށްޓެއް ދިނުމެވެ. އޭގެ ފޮރުވިފައިވާ މާނަކަމަށް އަހަންނަށް ވިސްނުނު މާނައިގެ ސަބަބުންނެވެ. އެ ދެން ދައްކަން ނުވާ ކަހަލަ ވާހަކައެއް ކަމަށް ވެދާނެތީ އެ ވާހަކަ އިހަށް ބާއްވާށެވެ. ދެން އޮތީ ބާރުގެ ގޮތުން ބަލާނަމަ ކުރެވޭ މާނަ އެވެ. މިއީ މިންތީގެ ހަމަހަމަކަމަށް ވަކާލާތު ކުރާ ޒަމާނެވެ. ބާރާއި އާރުގެ ގޮތުން ވަކި ބަޔަކު ދަށް ނުކުރެވޭނެ ކަމަށް ބުނެވޭ ޒަމާނެވެ. ކުރާ ކޮންމެ ކަމެއް ހަމަހަމަ ކަމާއެކު ކުރާން ޖެހޭ ޒަމާނެވެ. އަންހެނަކަސް ފިރިހެނަކަސް ވެހެއެވެ. ޖޫސްތަށީގެ ސަގާފަތް އަހަންނަކަށް ސަޅިއެއް ނުވި އެވެ. ކަމަކު ނުދިޔައެވެ. އެކަމަކު އެއަށް އެއްޗެއް ބުނުމެއް ނެތެވެ. އެކަމާ ބަހެއް ކިޔުމެއް ނެތެވެ. ގޯހެއް ވެދާނެތީ އެވެ.
އަހަރެން އެ ރަށުގައި އަޅާ ކޮންމެ ފިޔަވަޅެއް ފޮހެވޭނެހެން ކަންކަން ތަރުތީބުވަމުން މިހަރަ ދަނީ އެވެ. އެ ވެސް ގޯސްކޮށް މާނަ ކުރަންޏާ އަހަންނަށް ކުރެވިދާނެ މާނައެކެވެ. ނަމަވެސް އެކަމަށް ވިސްނުމެއް ނެތެވެ. ރިޔާޒުގެ ގެއާ ހަމައަށް އާދެވުނު ހެން ހީވީމައެވެ. އޭނާ ނިތުން އެކަން އިޝާރާތްކޮށްލިއެވެ. އަހަންނަށް އެކަން ޔަގީން ވެސްވި އެވެ. ރިޔާޒުގެ ގޭގެ ނަންބޯޑު ކިޔައި ލެވުނީ އެހެންވީމަ އެވެ.
ރިޔާޒުމެން ގޭގެ ދޮރުމަތީގައި މުސްކުޅި ފިރިހެނަކާއި މެދު އުމުރުގެ ހަތަރު ފިރިހެނުން ތިއްބެވެ. އެމީހުން ތިބީ އަހަރުމެންގެ އިސްތިގުބާލުގަ އެވެ.
"ކާފަ، ބައްޕަ. ބޮޑު ބޭބެ. ތިއްތިބޭ. ދޮންބޭބެ." އެ މީހުން އެތުރި ތިބި ތަރުތީބުން އަހަންނަށް އެއީ ކޮންބައެއްކަން އޮޅުންފިލުވައި ދިނީ ރިޔާޒެވެ.
"ކަމެއް ކުރާން ޖެހޭނެތަ؟" އަހަންނަށް ވައި އަޑުން ރިޔާޒު ގާތުގައި އަހައިލެވުނެވެ.
"ފައިގައި ބޮސްދޭންވާނެ." ރިޔާޒު ވެސް ހަމަ އެ ރާގުގައި ބުނެލި އެވެ.
އަހަންނަށް ބަލައިލެވުނީ ރިޔާޒުގެ މޫނަށެވެ. ފާޑަށް ފޫހި ގޮތެއް ވާން ފެށި އެވެ. މިއޮއް ސަގާފަތެކޭ ހިތަށް އެރި އެވެ. ކުރަން ބޭނުން ނުވި ނަމަވެސް އެކަން ކުރާން ޖެހޭނެ ކަމަށް ހިތްބުނެލި އެވެ. ވެށްޓަށް ހޭނި ތަނަށް އަހުލުވެރިވާނީ އޭރުންތާ އެވެ. އެހެންވެ ތިރިވަން ނުވަން ހުރެ ކާފައާ ދިމާއަށް ގުދުވެލަން އުޅުނީމެވެ. ނަމަވެސް އަހަންނަށް ގުދެއް ނުވެވުނެވެ. ކޮންމެ ވެސް މީހަކު އަހަރެގެ ފަހަތުން ބުރަކަށީގައި ހިފެއްޓީ އެވެ.
"އަހަރެން މަޖަލަށް ބުނި އެއްޗެއް." ރިޔާޒު އަހަރެންގެ ކަންފަތް ބުޑުގައި އެހެން ބުނެލި އެވެ.
އަހަންނަށް ރުޅި އިސްކުރެވުނެވެ. މިހާރު މި އޮތީ ދެބައިކުޅަ އެއްބަޔަށް ތިރިވެވިފަ އެވެ. ދެން މިކަން ނުވާ ކަމަކަށް ވެސް ހަދަން އެބަ ޖެހެ އެވެ.
"ކާފާ މިއީ ނިޒޫ. ނިޒުލިހާ މުސްތަފާ. އަހަރެންގެ އަންހެނުން." ރިޔާޒު ލަސްލަހުން އަކުރުތަކަށް ވާން ކޮށްލަމުން ބުނެލި އެވެ.
އަހަންނާ އެއް ހަމައަކަށް ގުދުވެލަމުންނެވެ. އަހަންނަށް ވިސްނައިލެވުނެވެ. ރިޔާޒު މިއަދު އަހަރެން ލަދަކުން ސަލާމަތްކޮށް ދިނީއޭ ހިތްބުނެލި އެވެ. އެހާ ބާރަށް، ލަސްލަހުން ރިޔާޒު އެހެން އެ ބުނީ ކީއްވެ ހެއްޔެވެ؟ ކުޑަކޮށް ވިސްނައިލުމުން ސާފުވިއެވެ. ކާފަ މުސްކުޅި ވެފައި އަޑު އިވުމުގައި މައްސަލަތަކެއް އުޅޭކަމަށް ވިސްނުނެވެ. ފުރޮޅީ ގޮނޑިއެއްގައި ކާފަ އިނުމަކީ ނަސީބެކޭ ވެސް ހިތަށް އެރި އެވެ. ނަމަވެސް އެއީ ނަސީބެކޭ ހިތަށް އަރުވަން ވާނެ ކަހަލަ ކަމެއް ނޫނޭ ވެސް ހިތައިހިތުން ބުނެލެވުނެވެ.
ނަސީބަކުން އަހަރުމެން ގެއާހަމައަށް އާއިރަށް ފަހަތުން ނަށަމުން އައި އެންމެން ކަހަލައިން ގެއަށްދާން މިސްރާބު ޖަހައިފި އެވެ. ކޮންމެ މީހަކު ވެސް ގެއަށްދިޔުމުގެ ކުރިން އަހަރުމެންނާ ސަލާމް ކޮށްލުމަށްފަހު ތަހުނިޔާގެ ބަސްތަކުން ބަރުތީލަ ކުރަމުން ދިޔަ އެވެ. އެއްގޮތަކުން އެއީ ލިބުނު ހިތްހަމަ ޖެހުމެކެވެ. އެމީހުން އަހަރެން ބަލައިގެންފިކަން އެނގުނީމަ އެވެ. ބައެއް މީހުން އަހަންނަށް ތަޢުރީފުގެ ބަސްތައް ވެދުން ކުރި އެވެ. ރިޔާޒުގެ އަނތްބަކަށް އެންމެ މުނާސަބު މީހާކަމަށް ބުނެ ތައުރީފުކުރި އެވެ. އަހަރެންގެ ރީތިކަމަށެވެ. ލޮލުގެ ކުލައަށެވެ. ހަންގަނޑުގެ އޮމާން ކަމަށެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.
ހުރިހާ އެންމެން ދިޔުމުން ރިޔާޒު އިޝާރާތްކުރީ ދޮރާ ދިމާއަށެވެ.
"ހަނޑޫ ތަށްޓެއް ހުންނާނެތަ؟ އޭގައި ފައިން ޖަހައި ވައްޓައިލަން ޖެހޭނެތަ؟" އަހަންނަށް ރިޔާޒު ގާތު އަހައިލެވުނެވެ.
"ހިނގާ ބަލަމާ ދޯ." ޖަވާބުގެ ބަދަލުގައި ރިޔާޒު ކުރީ އިޝާރާތެކެވެ.
ގޭގެ ބޮޑު ދޮރާށިން އެތެރަށް ވަނީމެވެ. އެއްވެސް ޚާއްޞަކަމެއް ނެތެވެ. އެއީ ނަސީބެއްތާއޭ ހިތަށް އެރި އެވެ. ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގައިލީމެވެ. އެއީ ހިތްފަހި ރީތި ބަގީޗާއެކެވެ. ފާޑުވެރިކަމުގެ ނަމޫނާ މަސައްކަތްތަކެއް ފެންނަން ހުރި ތަނެކެވެ. ގަސްތަކުގެ ތަރުތީބުކަމާއި މާމެލާ މެލީގެ ކުލަތަކުން ހިތް އުފާކަން ގެނުވައިދެ އެވެ. އެތަން ފެންނަ ކޮންމެ މީހަކަށް ބޭއިޚްތިޔާރުގައި ހިނިތުންވެވޭނެ އެވެ.
"އެ ކޮން ރުއްތަކެއް." ރިޔާޒު ގާތު އަހައިލެވުނެވެ.
"އެއީ، ކައިވެނިކުރާ ކޮންމެ މީހެއްގެ ފިރިމީހާ ގޮނޑިއެއްގައި ބައިންދައިފަ އެއްލާނެ އެއްކަލަ ކާށި. އެ ކާށި އިންދަން ޖެހޭނީ އެތަނުން ނަން ޖަހައިފަ އެހެރަ މުށިގަނޑުގަ. ނިޒޫއަށް ޖެހޭނީ އަހަރެންގެ ނަން ޖަހައިފަ އެހެރެ މުށިގަނޑުގައި މި ކާށި އިންދަން." ރިޔާޒުގެ އަތުގައި އޮތް ކާށްޓަށް އިޝާރާތްކުރަމުން ބުނެލި އެވެ.
"ދެ މުށިގަނޑުގައި އެހުރީ ދޮންބޭބެ އާއި ތިއްތިބޭބެގެ ކައިވެނީގެ ކާށި. ދެން އެ ރުއްތަށް ބޮޑުވީމަ ޖެހޭނީ އިންދަން. އެހައި ހިސާބުން އެއީ އަހަރުމެންގެ ކައިވެނީގެ ރަމުޒަކަށްވާނެ. އެ ރުއް ބެލެހެއްޓުމަކީ އަހަރުމެންގެ ޒިންމާއެއް." ރިޔާޒު ވައި އަޑުން ބުނެލި އެވެ.
"މިއީ މިރަށުގައި ކާފަމެންގެ ކާފަމެން ޒަމާނުގައި ކުރި ކަމެއް. މި ޒަމާނުގައި ނުކުރާކަމެއް. އެކަމަކު ކާފަ މިވާހަކަތައް ރިޔާޒުގެ ދޮންބޭބެއަށް ކިޔައިދިނީމަ އޭނާ ބޭނުންވީ މި ސަގާފަތް ވެސް ދިރުވަން. އެހެންވެ މިހާރު މަދުމަދުން މިކަން ވެސް ކުރަމުން އަންނަނީ." ރިޔާޒުގެ ބައްޕަ އޮޅުންފިލުވައިދިނެވެ.
(ނުނިމޭ)








