ހ. ޝީރީން ވިލާ ގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރާލުމުގެ މޯޓިވް ނޫނީ ސަބަބު މިހާތަނަށް ފުލުހުންގެ ތަހުގީގަށް ހޯދިފައި ނުވާ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ.
މިދިޔަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލާފައިވާ އުމުރުން 22 އަހަރުގެ ޝިއާއުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަލީ ޝާހިލް، 23، އެވެ.
ފުލުހުން ތަހުގީގު ކުރަމުން އަންނަ ތިން މައްސަލައަކާ ގުޅިގެން މައުލޫމާތު ދިނުމަށް ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެންޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވި ގޮތުގައި ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ޕޯސްޓް މޯޓަމް ރިޕޯޓުން ހާމަވާ ކަމަށެވެ.
"ޕޯސްޓްމޯޓަމުގެ ނަތީޖާތަކަށް ބަލާއިރު، ޝިއާއުގެ ހަށިގަނޑަށް ލިބިފައި ހުރި އަނިޔާތަކަކީ ގަސްތުގައި ދީފައި ހުރި އަނިޔާތަކެއް ކަން ޕޯސްޓްމޯޓަލް ރިޕޯޓުން އެބަ ދަލީލު ކޮށްދޭ، އެ އަނިޔާތަކުގެ ސަބަބުން ކަމަށް ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، އެގޮތުން ގިނަ ހަމަލާތަކެއް ދީފައި ހުރި ކަން ވެސް ޕޯސްޓްމޯޓަމް ރިޕޯޓުން ވަގުތީ ނަތީޖާއިން މިހާތަނަށް އެނގޭ،" ސާމިހު ވިދާޅުވި އެވެ.
ފުލުހުން ތަހުގީގުކުރާ ހުރިހާ މަރުގެ މައްސަލައެއްގައި ވެސް މަރުގެ މޯޓިވް ނުވަތަ މަރާލި ސަބަބު ދެނެގަނެތުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މި މައްސަލައިގައި ޝިއާއު މަރާލަން ޖެހުނު ސީދާ ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވި ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ ޝާހިލްގެ އެއްބާރުލުން ތަހުގީގަށް ނުލިބުނުނަމަވެސް، އޭނާގެ ފޯނަށް ފުލުހުންނަށް މިހާރު ވަނީ އެކްސެސް ވެވިފަ އެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މޯޓިވްތަކެއް އެބަހުރި، އެކަމަކު ހަމައެކަނި ގަބޫލުކުރުމެއްގެ މައްޗަށް އިންވެސްޓިގޭޝަންއަށް ފޮނުވޭނެ ކަންތައްތަކެއް ނޫން، އިތުރު އެވިޑެންސްތައް ބޭނުންވާނެ" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފޯނުން ލިބޭ މައުލޫމާތުގެ އަލީގައި ޝިއާއު މަރާލި ސަބަބު ދެނެގަނެވޭނެ ވަރަށް ހެކި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ޝާހިލްގެ ނަފްސާނީ މައްސަލައެއް ހުރިކަމަށް ފާހަގަނުކުރެވޭ
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑު މުހައްމަދު ސާމިހު ވިދާޅުވީ މިފަދަ ކޮންމެ މައްސަލައެއްގައި ވެސް ޝާމިލުވާ މީހުންގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދާ ކަމަށެވެ.
"އެގޮތުން އަލީ ޝާހިލްގެ ވެސް [ނަފްސާނީ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތް] ކުރެވިފައި ވަނީ. މިހާތަނަކަށް އަޅުގަނޑުމެންނަށް ފާހަގައެއް ނުކުރެވޭ އޭނާގެ ނަފްސާނީ އެފަދަ މައްސަލައެއް ހުރި ކަމަކަށް،" ސާމިހު ވިދާޅުވި އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާތާ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ތަހުގީގަށް ޝާހިލްގެ އެއްބާރުލުން ލިބެމުންނުދާކަން ފުލުހުން ހާމަ ކުރެ އެވެ. އެގޮތުން އޭނާ ކުށަށް އިއުތިރާފުވެފައި ނުވާއިރު، މައްސަލައާ ސީދާ ގުޅުންހުރި ވާހަކަތައް އޭނާ ނުދައްކާ ކަމަށާއި، އޭނާއާ ފުލުހުންނާ ދެމެދު ވެވޭ މުއާމަލާތްތަކުގައި އެހެނިހެން ވާހަކަތައް ދައްކާ ކަމަށް ފުލުހުން ބުނެ އެވެ.
ޝިއާ މަރާލި މައްސަލާގައި އިސްލާމް ދީނުން ބޭރުގެ ކަންތައްތަކެއް ވާކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ. އެގޮތުން، ފުލުހުން ދަނީ މި މައްސަލާގައި އިސްލާމް ދީނުން ބޭރުގެ ކަމެއް ނުވަތަ ކަލްޓް ޕްރެކްޓިސްއެއް ވޭތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ފުލުހުން ވަނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މި މަރުގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް ބުނެފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ޖާގަ ނުލިބޭ ދަރިވަރުންނަށް ޕްރައިވެޓް ސްކޫލްތަކުން ކިޔަވަން ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ފައިސާގެ އެހީވާން ނިންމީ އިއްޔެ އެވެ.
- މަޝްހޫރު ދީނީ އިލްމުވެރިންތަކެއްގެ އިސްނަގައިގެން ދާރިސް ޓީވީގެ ނަމުގައި މުޅިން އާ ޓީވީ ޗެނަލެއް އިފްތިތާހުކުރީ އިއްޔެ އެވެ.
- މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކޯޑް އޮފް އެތިކްސް ނުވަތަ ދިވެހި މީޑީއާގެ އަހުލާގީ މިންގަނޑު އިފްތިތާހުކޮށް، 60 އަށް ވުރެ ގިނަ މީޑިއާއިން އެއަށް އަމަލު ކުރުމަށް އެއްބަސްވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
މި މަހުގެ ހަތް ވަނަ ދުވަހު އއ. މާޅޮހު ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދާ މުހައްމަދު މިންހާޖު ހޯދުމަށް ކުރިއަށްގެންދާ ތަހުގީގާ ގޮތުން އިއްޔެ ފުލުހުން ބުނީ:
އަލީ އަހުމަދުގެ ފަރާތުން އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތަކީ އެ މީހުން މަހަށް ނުކުމެ އުޅުނު ކަމަށް، ދެން އެހެންނަމަވެސް އަޅުގަނޑުމެންނަށް މި މައްސަލައާ ގުޅިގެން ހޯދި އެހެން މައުލޫމާތުތަކުގެ އަލީގައި އަދި ލޯންޗުން ފެނުނު އެއްޗެއްސަށް ބަލާއިރުގައި [އެއީ ސައްހަ މައުލޫމާތެއް ނޫން]،
ދުވަހުގެ ފޮޓޯ

ކްލަބް މޯލްޑިވްސް ކަޕުގައި ސްޓެލްކޯ އަދި ހޯމް އެފެއާޒް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. ސްޓެލްކޯ އިން ހޯމް އެފެއާޒް ކޮޅަށް 15 ގޯލު ޖަހައިގެން މޮޅުވި. އެ ޓީމުގެ ތަރި އަކީ ފަސް ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމް ރިމާހު (ރިމޭ) --- ފޮޓޯ: އަބްދުﷲ ޔަޝައު/ އަދަދު













