އެމެރިކާގެ ޖޭޕީ މޯގަން ޗޭސް ބޭންކުން ރެޕް ލަވަކިޔުންތެރިޔާ އަދި ޑިޒައިނަރު ކާންޔޭ ވެސްޓް އާއި އޭނާގެ ޔީޒީ ބްރޭންޑާ ގުޅުން ކަނޑާލައިފި އެވެ.
ބޭންކުގެ ނިންމުން ކާންޔޭ ވެސްޓަށް އެންގި ސިޓީ ޓްވިޓާގައި ވަނީ އާއްމުވެފަ އެވެ. މިދިޔަ ހަފުތާގައި ކާންޔޭ ވެސްޓުގެ ޓްވިޓާ އަދި އިންސްޓަގްރާމް އެކައުންޓް ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ޓްވިޓާ އާއި އިންސްޓަގްރާމުން އެ ފިޔަވަޅު އެޅީ ޔަހޫދީންނާ ދެކޮޅު ހިޔާލުތަކެއް ފާޅުކުރި ކަމަށް ބުނެ އެވެ. ސޯޝަލް މީޑިއާގެ ދެ ޕްލެޓްފޯމުން ވެސް ބުނީ ކާންޔޭ ވެސްޓް ވަނީ ނަަފުރަތު އުފެއްދުމާ ދެކޮޅަށް އެ ޕްލެޓްފޯމްތަކުން ގެންގުޅޭ ސިޔާސަތާ ހިލާފުވެފައި ކަމަށެވެ.
އެކަމަަކު ރިޕޯޓުތައް ބުނާ ގޮތުން ޖޭޕީ މޯގަން ޗޭސް ބޭންކުން ކާންޔޭ ވެސްޓްއާ ގުޅުން ކަނޑާލަން ނިންމީ އެ ހާދިސާ ހިނގުމުގެ ކުރިންނެވެ. އެ ބޭންކުން ފޮނުވި ސިޓީގެ ތާރީހަކީ ސެޕްޓެމްބަރު 20 އެވެ.
އެ ސިޓީގައި ބޭންކުން ބުނީ ކާންޔޭ ވެސްޓްގެ ވިޔަފާރި އެހެން ބޭންކަކަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު ނޮވެމްބަރު 21 ވަނަ ދުވަހާ ހަމައަށް ލިބޭނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް އާއްމުކޮށް ބުނަން އެ ބޭންކުން ބޭނުމެއް ނުވެ އެވެ. މީގެ ކުރިން ކާންޔޭ ވެސްޓު ވަނީ ސޯޝަލް މީޑިއާގައި ބޭންކުގެ ވެރިންނަށް ފާޑުކިޔައިފަ އެވެ.
ކާންޔޭ ވެސްޓަކީ ނަފުސާނީ ގިނަ މައްސަލަތަކެއް ދިމާވެ، މީގެ އަހަރުތަކެއް ކުރިން ބައިޕޯލާ ޑިސްއޯޑާއަށް ފަރުވާ ކުރަން ފެށި މީހެކެވެ.
އޭނާގެ ކެރިއަރުގައި މީހުންގެ ފާޑުކިޔުން އަމާޒުވާ ވަރަށް ގިނަ ކަންކަން ކޮށްފައި އެބަ ހުއްޓެވެ. އެކަމަކު ފަހަކަށް އައިސް އެކަންކަން އިތުރުވެ، އޭނާގެ ވިޔަފާރިތަކަށް އަސަރު ކުރުމުގެ ނުރައްކާ އެބަ އޮތެވެ.










