ގެއްލިގެން ހޯދަނިކޮށް ގަސްތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒުހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމެއް ހެދުމަށްފަހު މިއަދު މާލެ ގެނެސް މާދަމާ އޭނާގެ ޖަނާޒާ ބޭއްވުމަށް އިއުލާނުކޮށްފި އެވެ.
މިރޭ ކުރި އިއުލާނެއްގައި ބުނެފައި އޮތީ އަޒުހާން، 27، ގެ ކަށުނަމާދު އޮންނާނީ މާދަމާގެ ހުކުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ކަމަށެވެ.
އަޒްހާން މަރުވި ގޮތް ދަނެގަތުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހެވެ. ފުލުހުން ބުނީ އަޒްހާންގެ ހަށިގަނޑު މާލެ ގެނައީ މިއަދު ކަމަށެވެ. ނަމަވެސް ޕޯސްޓްމޯޓަމްގެ ނަތީޖާއެއް ފުލުހުން ނުބުނެ އެވެ.
ސެޕްޓެމްބަރު 18، ގައި ގެއްލުނު އަޒުހާން ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އޭނާގެ ހަށިގަނޑު ފެނުނީ އޭގެ 14 ދުވަސް ފަހުންނެވެ. މަރުވެ ކުނިވެފައި އޮއްވާ އޭނާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ވޯޓާ ތީމް ޕާކު ހެދުމަށް ދޫކޮށްފައިވާ ބިމުގެ ކުރިމަތިން އޮންނަ ހުސް ބިމުގައި ހެދިފައިވާ ބޯގަސްތަކެއްގެ ތެރެއިންނެވެ.
އަޒްހާން ފެނުނީ އޭނާގެ ދިރިހުއްޓާ އެންމެ ފަހުން ފެނުނު ސަރަހައްދާ ދާދި ކައިރި ހިސާބަކުންނެވެ. އެހެންވެ، އަޒުހާން ހޯދުމުގައި އިހުމާލުވި ކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވި އެވެ.















