ދައުލަތުގެ އެހެން އިދާރާތަކަށް މާލީ ހިސާބުތައް ރަނގަޅަށް ބެލެހެއްޓުމުގެ އުސޫލުތައް ތަންފީޒުކުރުމުގެ ޒިންމާ އޮންނަ، ފިނޭންސް މިނިސްޓްރީން ވެސް ނުބައި ކޯޑަކުން ހަރަދުކުރުމުގެ އިތުރުން މާލިއްޔަތު ގަވައިދާ އެއްގޮތަށް ހަރުމުދާ ބަލަހައްޓަމުންނުދާ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، ބަޖެޓުން ކުރަންޖެހޭ ހަރަދުތައް ކުރަންވާނީ އެކަމަށް ބަޖެޓުގައި ކަނޑައެޅިފައި އޮތް އަދަދަށް ވުރެ އިތުރުނުވާނޭ ގޮތެއްގެ މަތިން، އެ ހަރަދެއް ކުރަން އެންމެ އެކަށޭނަ ބަޖެޓު ކޯޑުން ކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް، "ގަވަމަންޓު ލޯކަލް އޮފީސް ކޮސްޓް" ކޮންޓްރިބިއުޝަންގެ ގޮތުގައި ޔޫއެންޑީޕީއަށް ފިނޭންސް މިނިސްޓްރީން 4.31 މިލިއަން ރުފިޔާ ދައްކާފައިވަނީ ކެޕިޓަލް ކޯޑަކުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓު އޮފީހުން ބުނި ގޮތުގައި، މި ހަރަދަކީ ރިކަރެންޓު ހަރަދެއް ކަމުން، މި ހަރަދު ކުރަން އެންމެ އެންމެ އެކަށޭނެ ކޯޑަކީ ބޭރުގެ އެކިއެކި ޖަމާއަތްތަކާއި ތަންތާނގެ ޗަންދާ އާއި މެމްބަޝިޕް ފީ އަށް ދައްކާ ފައިސާ އެވެ.
"މިކަމުގެ ސަބަބުން،، ބުނެވިދިޔަ އަދަދުން ކެޕިޓަލް ހަރަދުު ކޯޑު އިތުރަށް އަދި ރިކަރަންޓު ހަރަދުު ކޯޑު މަދުން މާލީ ބަޔާންތަކުގައި ހިސާބު ކުރެވިފައިވާކަން ފާހަގަކުރަމެވެ،" އޮޑިޓު ރިޕޯޓުގައި ބުންޏެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީގެ ހަރުމުދަލުގެ ރަޖިސްޓްރީ ބަލަހައްޓައި އަދާހަމަކޮށްފައިނުވާ ކަމަށް ވެސް އޮޑިޓު އޮފީހުން ބުންޏެވެ.
މިގޮތުން، އަހަރުުތެރޭ ހޯދުނުު ހަރުމުދަލުގެ ގޮތުގައި މާލީ ބަޔާންތަކުގައި 14.9 މިލިއަން ރުފިޔާ ބަޔާންކޮށްފައިވާއިރު، ހަރުމުދަލުގެ ރަޖިސްޓްރީގައި ވަނީ 8.48 މިލިއަން ރުފިޔާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
"މި ފަރަގު އަންނަން ދިމާވާ ސަބަބަކީ، މަތީގައި ބަޔާންކުރެވިފައިވާ މާއްދާފައިވާ ގޮތަށް ދައުލަތުގެ ކެޕިޓަލް ބަޖެޓުން ހަރަދުކޮށްގެންނާއި އެހީގެ ގޮތުގައި ލިބޭ ހަރުމުދާ އަދި އެ ނޫން ގޮތް ގޮތަށް ދައުލަތަށް ލިބޭ ހަރުމުދާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ކުރެވޭ މަސައްކަތް ހިމަނައިގެން އާދަވެގެން ހަރުމުދަލުގެ ރަޖިސްޓްރީ އަދާހަމަނުކުރާތީ އެވެ." އޮޑިޓު އޮފީހުން ބުންޏެވެ.
އެހެންކަމުން، ބަޖެޓުން ހަރަދުކުރާއިރު އެންމެ އެކަށޭނަ ބަޖެޓު ކޯޑުން ހަރަދުކުރުމުގެ އިތުރުން ހަރުމުދަލުގެ ރަޖިސްޓްރީ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް ބަލަހައްޓައި، އަދާހަމަކުރުމަށް އެ ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.












