ހަރަކާތްތެރި ދިރިއުޅުމަކަށް ބާރުއަޅައި، އުމުރުން ދުވަސްވީ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން މާލޭގައި އެލްޑާލީ ކޮމިއުނިޓީ ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ކުރަމުން އެބަދެ އެވެ.
އެލްޑާލީ ކޮމިއުނިޓީ ސެންޓަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ މާލޭގައި ހުންނަ ނާދީ ތަމައްދުން ނުވަތަ މިހާރުގެ ގުރުއާނާ ބެހޭ މަރުކަޒުގަ އެވެ. ޖެންޑާ މިނިސްޓްރީން ބުނީ މިއީ އުމުރުން ދުވަސްވީ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމާއި، ސޯޝަލް ވެލްބީންގެ އިތުރުން ބައިވެރިވުން އިތުރުކުރުމަށް އެޅޭ އިތުރު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.
އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ކޮމިއުނިޓީ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށާފައިވާއިރު، އެ މިނިސްޓްރީން ދަނީ ބައިނަލްއަގްވަމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ހަރަކާތްތަކެއް ރާވައިފަ އެވެ. މިއަހަރުގެ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ "އުމުރުން ދުވަސްވީ އަންހެނުންގެ ހިއްސާއާއި ވިލުންވެރިކަން" އެވެ.
މި ދުވަސް ފާހަގަކުރުމަށް މި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ޖެންޑާ މިނިސްޓްރީން ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން، ރާއްޖޭގެ 19 އަތޮޅެއްގައި ގާއިމުކޮށްފައިވަ ފެމިލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުތަކުން ގިނަ ހަރަކާތްތަކެއް ބާއްވާނެ އެވެ.

- އާއިލީ ހަވީރު
- އޯޕަން ފޯރަމު
- ކަސްރަތު އަދި ހެލްތު ސްކްރީނިން
- މާމަ، ކާފަ ބަސް ދަތުރު
- އުމުރުން 55 އަހަރުން މަތީގެ ފަރާތްތަކުގެ ހިދުމަތް ފާހަގަކޮށް އައްޑަނަ ދިނުން
- ދާންމަތިވެފައިވާ ފަރާތްތަކަށް ޒިޔާރަތްކޮށް، އެ ފަރާތްތަކުގެ ހާލު ބަލައި، ހަދިޔާ ދިނުން
އޭގެ އިތުރަށް މާލެ ސަރަހައްދުގައި ޕެންޝަން އޮފީހާއި ސިޓީ ކައުންސިލް އަދި ޖެންޑާ މިނިސްޓްރީގެ އިތުރުން ކްލިކް ކޮލެޖު ގުޅިގެން ފުރުޓް ޕެކްސް ހަދިޔާ ކުރުން ވެސް ކުރިއަށްދާނެ އެވެ.
އަދި ފުވައްމުލައް ސިޓީގައި ގްރައުންޑް ގޮލްފު މުބާރާތާއި، އިސްރަށްވެހިންގެ ހަފްލާއާއި ރޯޑް ޝޯގެ އިތުރުން ތުރީ ޖެނެރޭޝަން ވޯކް އަދި އާއިލީ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ފުވައްމުލައް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތްތަކުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އުމުރުން ދުވަސްވީ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް އެފަދަ ފަރާތްތައް ބާރުވެރިކުރުމަށްޓަކައި ޖެންޑާ މިނިސްޓްރީން ވަނީ އުމުރުން ދުވަސްވީ މީހުންގެ ގައުމީ ސިޔާސަތެއް އެކުލަވާލާފަ އެވެ. މައިގަނޑު ހަތަރު ދާއިރާއަކަށް ހާއްސަ ކުރެވިފައިވާ މި ސިޔާސަތުގެ ތަސައްވުރަކީ އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި، އޯގާތެރި ވެއްޓެއް ބިނާ ކުރުމާއި، ބައިވެރިވުން އިތުރުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި މިނިވަންކަމާއެކު ދިރިއުޅެވޭނެ މަގުފަހި ކުރުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
އުމުރުން ދުވަސްވީ މީހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރާއިރު، 2050 ވަނަ އަހަރާ ހަމައަށްދާއިރު މުޅި ދުނިޔޭގައި ވެސް އުމުރުން ދުވަސްވީ މީހުންގެ އިންސައްތަ އިތުރުވެގެންދާނެ ކަމަށް ލަފާ ކުރެވެ އެވެ. އެގޮތުން ރާއްޖޭގައި ވެސް ދޮށީއުމުރުގެ މީހުންގެ ނިސްބަތް ފަސް ޕަސަންޓުން 14 ޕަސަންޓަށް އިތުރުވާނެ ކަމަށް މޯލްޑިވްސް ސްޓެޓިސްޓިކްސް އިން ލަފާކުރެ އެވެ.











