ދީބާޖާ އިންވެސްޓްމަންޓަށް ބަދަލު ދޭން ޖެހޭ ކަމަށް ތާއީދުކޮށް، ނަމަވެސް އެ އަދަދު ސިވިލް ކޯޓުން ކަނޑައެޅީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެ ކަން ސިވިލް ކޯޓުން އަލުން ބެލުމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ އިއްޔެ އެވެ.
މިއީ ކުުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދޭން ދީބާޖާއާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ގައި ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓުން ބެލި ތިންވަނަ ފަހަރެވެ.
މީގެ ކުރިން އެންމެ ފުރަތަމަ ސުޕްރީމް ކޯޓުން ދީބާޖާއަށް ބަދަލު ދޭން ހުކުމް ކޮށްފައިވަނިކޮށް, ހަމަ އެ ކޯޓުން ވަނީ މައްސަލަ ރިވިއުކޮށް އެ ހުކުމް ބާތިލުކޮށްފަ އެވެ. ނަމަވެސް, ހުކުމް ބާތިލުކުރީ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު, ދީބާޖާއަށް ދިނުމަށް ފަހު އެވެ.
ސުޕްރީމް ކޯޓުގައި ތިންވަނަ ފަހަރަށް މި މައްސަލަ ބެއްލެވީ، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.
ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔަކީ ދީބާޖާއާއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލުކުރީ އެއްބަސްވުމާ ހިލާފަށް ކަމުގަ އެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމަށެވެ.

އެއީ އެއްބަސްވުން ބާތިލުކުރިއިރު ބ. ފުޅަދު އާއި އެ އަތޮޅު ފެހެންދޫ ފިޔަވައި އެެހެން ހުރިހާ ރަށަކަށް ހިދުމަތް ދެމުން ދިޔަ ކަމާއި، އެ ހާލަތުގައި އެއްބަސްވުން ބާތިލުކުރެވެނީ 90 ދުވަހުގެ ނޯޓިސްއެއް ދީފައި ކަން ފަނޑިޔާރު އަލީ ރަޝީދު ފާހަގަ ކުރެއްވި އެވެ.
އެގޮތަށް އަމަލުނުކޮށް އެންމެ ހަފުތާއެއްގެ ނޯޓިސް ދީފައިވާ ކަމާއި، އެ ގޮތަށް އަމަލުކުރެވޭނީ އެއްވެސް ސަރަހައްދެއްގައި ހިދުމަތް ނުދީ ޖެހިޖެހިގެން ފަސް ދުވަސް ވުމުން ކަން ވެސް ފަނޑިޔާރު އަލީ ރަޝީދު ފާހަގަ ކުރެއްވި އެވެ.
ގެއްލުމުގެ ބަދަލު ދޭން ޖެހޭ ކަމަށް ފަނޑިޔާރު ރަޝީދު ބުރަވި ނަމަވެސް ގެއްލުމުގެ ބަދަލު ސިވިލް ކޯޓުން އަލުން ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެއީ ދީބާޖާއިން ހުށަހަޅާފައިވާ ހިސާބުތަކަކީ ލައިންސަސްޑް އޮޑިޓް ފާމަކުން ތައްޔާރުކުރި ރިޕޯޓެއް ކަން އެނގެން ނެތުމުން ކަމަށް ވިދާޅުވި އެވެ.
ގެއްލުމުގެ ބަދަލުގެ ބަޔާ މެދު ގޮތާ މެދު ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފު ހުކުމެއް ކަމަށް ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ބައި ބާތިލުކުރުމަށް ހުކުމްކޮށްފައިވެ އެވެ. އަދި ގެއްލުމުގެ ބަދަލުގެ ބައި ސިވިލް ކޯޓަށް އަލުން ފޮނުވުމަށް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވި އެވެ.
ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔަކީ ދީބާޖާއަށް ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަމުގެ ތެރޭގައި 47 ބިމެއް ދޫކުރުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ހިމެނޭ ބައި ފިޔަވައި އެހެން ހުރިހާ ނުކުތާއަކަށް ތާއީދު ކުރެއްވުމެވެ.
ފަނޑިޔާރު އަލީ ރަޝީދު ފާހަގަ ކުރެއްވި ކަމަކީ އެ އެއްބަސްވުމުގައި ވަކި މުއްދަތެއްގެ ތެރޭގައި އެ ކަން ކުރުމަށް ނުވަތަ އެ ކަންކަން ހަމަޖެއްސުމުން ހިދުމަތް ދޭން ފެށުމަށް ނެތް ކަމެވެ. ނަމަވެސް ފަނޑިޔާރު މުހައްމަދުގެ ރައުޔަކީ އެއްބަސްވުމަށް އިހުތިރާމު ކުރުމުގެ ގޮތުން އެ ކަންކަން ހަމަޖައްސަން ޖެހޭ ކަމެވެ.
ރައުޔުގައި ތަފާތުތަކެއް ބޮޑަށް ހުރީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔުގަ އެވެ.
އެ ރައުޔުގައި ވަނީ، ޓްރާންސްޕޯޓް މިނިސްޓްރީން ދިން އެއް ހަފުތާގެ މުއްދަތުގެ ތެރޭގައި ދީބާޖާއިން ހިދުމަތް ފެށިފައި ނުވާ ކަމެވެ. އެއީ އޭގެ ޖަވާބުގައި ދިބާޖާއިން ފޮނުވި ސިޓީގައި ވެސް ހިދުމަތް ދެވޭނެ ވަގުތީ ގޮތްތަކެއް، ކުރިއަށް އޮތް ތާރީހު ތަކެއްގައި ފެށުމަށް ފާހަގަ ކޮށްފައި އޮތީތީ އެވެ.
މީގެ އިތުރަށް ދިބާޖާގެ ފަރާތުން ކަނޑައެޅި ގެއްލުމުގެ ބަދަލުގެ ހިސާބުތަކާ މެދު ދައުލަތުން ސުވާލު އުފައްދާފައިވާ އިރު، ހިސާބުތަކުގެ ފެންވަރާ މެދު ސިވިލް ކޯޓުން ގިންތި ކޮށްފައި ނުވާ ކަން ފަނޑިޔާރު މަހާޒު ވެސް ފާހަގަ ކުރެއްވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ދައުރު ނިމުމުގެ ކުރިން ރަނގަޅު ނިޒާމެއް އެކުލަވާލާ، އޭގެއިން ރަނގަޅު ނަތީޖާއެއް ނެރެދެވޭނެ އިންތިޒާމު ހަމަޖައްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު ވިދާޅުވީ އިއްޔެ އެވެ.
- އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ގޭންގަކުން މިދިޔަ ޖޫން މަހުގެ ދެވަަނަ ދުވަހުގެ ރޭ ދަންވަރު މުހައްމަދު ޒަޔާން، 21، މަރާލި މައްސަލާގައި ހަތަރު ކުއްޖެއްގެ މައްޗަށް ދައުވާކޮށް ޖުވެނައިލް ކޯޓަށް މައްސަލަ ހުށަހެޅީ އިއްޔެ އެވެ.
- އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެ މަގުގައި ހުރި ގަސްތައް ކެނޑުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި، އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް މަޝްރޫއު މަޑުޖައްސާލުމުގެ ވަގުތީ އަމުރު ނެރެނުދޭން ނިންމީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ޒަމާނަށް އައިސްފައިވާ ބަދަލާއެކު ބައެއް ގަވައިދުތަކުގައި ވެސް ފުށުއެރުންތަކެއް ހުރިކަން ހާމަކުރައްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވީ:
ޓެކްނޮލޮޖީއަށް އައިސްފައި މިވާ ބަދަލުތަކުން މި ދާއިރާއަށް އައިސްފައި ހުރި ބަދަލުތަކާ ފައި ހަމަވާ ގޮތަށް ބަދަލުކުރަން ޖެހޭނެ ކަން އަޅުގަނޑުމެންގެ އެންމެން ވެސް ބުއްދި ގަބޫލުކުރަން ޖެހޭނެ، އޭރުގައި އޮރިޔާން ކާޑޭ ބުނީމާ އޭގެ މާނައަކީ ކޮބައިތޯ، މިއަދު އޭގެ މާނައަކީ ކޮބައިތޯ،
ދުވަހުގެ ފޮޓޯ

މެލޭޝިއާގެ ލަންކާވީގައި މި މަހު ކުރިއަށްދިިޔަ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުތަކުން ދެ ލޯ މެޑަލް ހޯދުން. މި މަހު 3-7 އަށް ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭން މެޑަލް ހޯދީ ފިރިހެން ޓީމު އިވެންޓާއި އަންހެން ޑަަބަލްސް އިވެންޓުން --- ފޮޓޯ: ތީރު މީޑިއާ












