އއ. މާޅޮހު ބޭރުން މީގެ ދެ ދުވަސް ކުރިން ފެނުނު ލޯންޗުގައި މީހަކު ނެތެވެ. ލޯންޗު ބަންޑުން ޖަހާލި އިރު ދެ މީހުން ތިބި ކަމަށް މައުލޫމާތު ލިބޭއިރު އެތަނުން އެކަކު ވަނީ އެ އަތޮޅު ފެރިދޫ ފަރުމަތިން ފެނިފަ އެވެ. އަނެކަކު އަދި ފެނިފައެއް ނުވެ އެވެ.
ހޯދަމުން ދަނީ އުމުރުން 28 އަހަރުގެ ސ.ހިތަދޫ، މިންހާ, މުޙައްމަދު މިންހާޖު ކަމަށެވެ. އަދި, އެންމެ ފަހުން އޭނާ ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއް ކަމަށް ބުނެފައިވެ އެވެ.
ފެރިދޫ އިން ފެނުނު މީހާ މިހާރު މާލެ ގެނެވިފައިވާ ކަމަށާއި މިހާރު އެމީހާއަށް އައިޖީއެމްއެޗުން ފަރުވާ ދެމުންދާ ކަމަށް ފުލުހުން އިއްޔެ ވަނީ ވަނީ ބުނެފަ އެވެ.
މި ލޯންޗު މާލެއިން ފުރާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު ވަނީ "އަދަދު" އަށް އިއްޔެ ކަށަވަރުކޮށްދީފަ އެވެ. ލޯންޗު މާލެއިން ދަތުރުކުރީ އއ. އުކުޅަހަށް ދިއުމަށް ކަމަށްވަނީ އަޑު ފެތުރިފަ އެވެ. "އަދަދު" އާއި ވާހަކަދައްކަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވެސް ވިދާޅުވެފައިވަނީ ލޯންޗު ދަތުރުކުރީ އެ ރަށަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިކަމުގައި "އަދަދު" އިން އިއްޔެ ސުވާލު ކުރުމުން މާޅޮހު ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު ވިދާޅުވީ މިހާރު އެ ރަށަށް ގެންގޮސްފައިވާ ލޯންޗުގައި އެއްވެސް ނަމެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް، ރަޖިސްޓްރީ ނަމްބަރުން ފެންނަ ގޮތުގައި އެއީ ބ. ތުޅާދޫ އަށް ނިސްބަތްވާ ލޯންޗެއް ކަމަށްވެސް ނަސީރު ވިދާޅުވި އެވެ.

އަދި، މިހާތަނަށް ލޯންޗުގެ ވެރިފަރާތްކަމަށް ބުނެ އެއްވެސް ފަރާތަކުން ކައުންސިލާއި ކޮންޓެކްޓުކޮށްފައި ނުވާ ކަމަށްވެސް ނަސީރު ވިދާޅުވި އެވެ.
ލޯންޗުގައި ގިނަ އަދަދެއްގެ ތެޔޮ
އިއްޔެ ނަސީރު ވިދާޅުވެފައިވާ ގޮތުން މާޅޮހަށް ލޯންޗު ގެނައި އިރު ގިނަ އަދަދެއްގެ ތެޔޮ ލޯންޗުގައި ހުއްޓެވެ.
"200 ލީޓަރުގެ ދެ ހަން ތެޔޮ ހުރި ކަމަށް ވަނީ" ނަސީރު ވިދާޅުވި އެވެ.
އާންމުކޮށް ލޯންޗު ދަތުރުކުރާ މާހިރަކު ބުނި ގޮތުގައި މާލެއިން ފުރައިގެން އުކުޅަހާ ހަމައަށް ދިއުމަށް ގާތްގަނޑަކަށް 250 ލީޓަރު ތެޔޮ އަނދާނެ އެވެ. އެވަރުގެ ލޯންޗަކަށް ފުލްކޮށް ތެޔޮ އަޅާއިރު ގާތްގަނޑަކަށް 700 ލީޓަރު އެޅޭނެ ކަމަށްވެ އެވެ.
މިއީ މާލެއިން އުކުޅަހާ ދެމެދު ދެކޮޅަށް ދަތުރުކޮށްވެސް އިތުރުވާނެ އަދަދެކެެވެ. އިތުރަށް 400 ލީޓަރުގެ ތެޔޮ ހުރީ ކޮން ސަބަބަކާހުރެ ކަމެއް އަދި އެނގިފައެއް ނުވެ އެވެ. މިންވަރަށް ތެޔޮ އިތުރަށް ހިފައިގެން ދަތުރު ކުރުމަކީ އާންމުކޮށް ކޮށް އުޅޭ ކަމެއް ނޫންކަމަށްވެސް "އަދަދު" އަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ލޯންޗު ފެނުނީ އަތޮޅުގެ އަނެއް ބިތުން
މާލެއިން ފުރައިގެން އުކުޅަހަށް ދިޔަ ލޯންޗެއް އެ އަތޮޅުގެ ހުޅަނގު ބިތުން ފެނުމަކީ ވެސް ސުވާލު އުފެދޭ ކަމެކެވެ.
އުކުޅަހާއި މާޅޮހާ ދެމެދު 30 ކިލޯމީޓަރު ހުރެ އެވެ. ލޯންޗު ބަންޑުން ޖަހާލައިފައި އޮއްވާ ފެނުނީ މާޅޮހުގެ ދެކުނުން މާދުރު ނޫން ހިސާބަކުންނެެވެ. މާޅޮހާ ދިމާލުން ހުޅަނގުން ދެން އިތުރު އަތޮޅެއް ނޯންނާނެ އެވެ. ރަށެއްވެސް ނޯންނާނެ އެވެ. ނުކުމެވޭނީ މާކަނޑަށެވެ. އެހެންކަމުން، 36 މީހުންގެ ޖާގައިގެ ލޯންޗެއްގައި ދެ މީހަކު އިތުރަށް ތެޔޮ ހިފައިގެން މާކަނޑަށް ނުކުންނަން ޖެހޭ ސަބަބަކާމެދު ސުވާލު އުފެދެ އެވެ.
ލޯންޗުން ދަތުރުކުރި ދެމީހުންގެ ތެރެއިން ފެނުނު މީހާ ފެނިފައިވަނީ މާޅޮހާ ޖެހިގެން އޮންނަ ފެރިދޫގެ ފުއްޓަރާ ދިމާލުންނެވެ.
"އަދަދު" އަށް އިއްޔެ މައުލޫމާތު ދެމުން ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ޝާހު ވިދާޅުވީ ލޯންޗުން ދަތުރުކޮށްފައިވަނީ ކ. ގާފަރު މީހަކާއި އައްޑޫ ސިޓީ ހިތަދޫ މީހެއް ކަމަށެވެ. ފެރިދޫ ފުއްޓަރު ފަރާތުން ފެނިފައިވަނީ ގާފަރު މީހާ އެވެ.
އާއިލާ މެންބަރަކު ގާތު އުކުޅަހަށް ދާނެ ކަމަށް ބުނި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މީހާގެ އާއިލާ މެންބަރަކު އުކުޅަހުގައި ދިރިއުޅެ އެވެ.
"އަދަދު" އާ ވާހަކަ ދައްކަމުން އޭނާ ނަން ހާމަ ނުކުރުމަށް އެދި ބުނެފައިވަނީ އޭނާގެ ކޮއްކޮ ވަރަށް އަވަހަށް އުކުޅަހަށް ދާން އުޅޭ ކަމަށް ބުނި ކަމަށެވެ.
އަދި މިހާރު އާއިލާއިން މަޑުކޮށްގެން ތިބީ އިދާރާތަކުން މައްސަލައިގެ މައުލޫމާތު ހިއްސާކުރަންދެން ކަމަށާއި މާލެއިން ފުރި ފަހުން އިތުރު މައުލޫމާތެއް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.
މަސްތުވާތަކެތީގެ ގުޅުމެއް؟
"އަދަދު" އަށް މައުލޫމާތު ދިން ފުލުހުންގެ އިސް އޮފިޝަލު ވިދާޅުވެފައިވަނީ މި މައްސަލައާއި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާ ގުޅުންތަކެއް ހުރިތޯ މިހާރު ފުލުހުން ބަލަމުންދާ ކަަމަށެވެ.
އަދި މި މައްސަލައިގައި ގެއްލިގެން ހޯދާ މީހާއާ އެފަދަ ކަންކަމާ ގުޅުން އޮތް ކަަމަށްވެސް ފުލުހުންގެ އޮފިޝަލު ވަނީ ވިދާޅުވެފަ އެވެ.
ކަނޑުމަގުން ރާއްޖެއަށް މިގޮތަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތް ކޮށްފައިވާ އެކި ފަރާތްތައް މީގެ ކުރިންވެސް ފުލުހުން ވަނީ އަތުލައިގެންފަ އެވެ. ނަމަވެސް އިއްޔެ ފެނުނު ލޯންޗުން މަސްތުވާތަކެތި ފެނިފައިވާ ކަން ނުވަތަ އެފަދަ ކަމަކާ ސީދާ ގުޅުމެއް ވާކަން ފުލުހުން މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.
މާލެއިން މި މަހުގެ ފަސްވަނަ ދުވަހު އުކުޅަހަށް ދިއުމަށް ފުރި ލޯންޗެއް ގިނަ އަދަދެއްގެ ތެލާއެކު ފެނުމުގެ އިތުރުން, އެ ލޯންޗު ދަތުރުކުރި މަންޒިލަކީ އުކުޅަސް ނޫންކަން ޔަގީންވެފައިވާއިރު، އެ ލޯންޗު މިސްރާބުޖެހި މަންޒިލާއި ހަގީގީ މަގުސަދާމެދު އެތައް ސުވާލެއް ވަނީ އުފެދިފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- އއ. މާޅޮހު ދެކުނުން ބަންޑުން ޖާހަލައިފައި އޮއްވާ ފެނުނު ލޯންޗުން ގެއްލުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބަލާފައިވާކަން ހާމަކޮށް އެ މީހާގެ ވަނަވަރު އާންމުކުރީ އިއްޔެ އެވެ.
- ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ކޮންޓްރޯލްކުރުމުގެ ގަވަައިދު ދެވަނަ ފަހަރަށް ބަދަލުކޮށް، އެކަން ތަންފީޒު ކުރަން ކަނޑައެޅި މުއްދަތުތައް ފަހަނައަޅައިގެން ގޮސްފައިވާއިރު، އެކަން ލަސްވަމުންދަނީ ވަށާޖެހޭ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރަން ކަމަށް ފިނޭންސް މިނިސްޓްރީން ބުނިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ހުޅުމާލެއިން މާލެ އައުމަށް ހައިވޭއަށް އަރާ މަގުގެ އެއްފަރާތުގައި ހުރި ވިނަގަނޑެއްގެ ތެރެއިން އޮކްޓޯބަރު 2، ގައި ފެނުނު ހަށިގަނޑު ޕޯސްޓްމޯޓެމް ހަދަން ބޭރަށް ފޮނުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވީ
ޙަސަދަވެރިކަމާއި ދެކޮޅުވެރިކަން ދޫކޮށް، ހިތްހެޔޮކަމާއި ހިތްތިރިކަމާއެކު އަނެކުންނާ މުޢާމަލާތުކުރުމަކީ، އިޖްތިމާޢީ ހަމަޖެހުން ޤާއިމުވުމުގެ އިތުރުން، އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ނުހަނު ބޭނުންތެރި ކަމެއް،
ދުވަހުގެ ފޮޓޯ

ކްލަބް މޯލްޑިވްސް ކަޕްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އަދި މާލެ ސިޓީ ކައުންސިލް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗުން އާރުއާރުސީ މޮޅުވީ 4-1 ގެ ނަތީޖާއަކުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު













