ހުޅުމާލެއިން މާލެ އައުމަށް ހައިވޭއަށް އަރާ މަގުގެ އެއްފަރާތުގައި ހުރި ވިނަގަނޑެއްގެ ތެރެއިން އޮކްޓޯބަރު 2، ގައި ފެނުނު ހަށިގަނޑު ޕޯސްޓްމޯޓެމް ހަދަން ބޭރަށް ފޮނުވާލައިފި އެވެ.
ވަރަށް ބޮޑަށް ކުނިވެފައި އޮއްވާ އެ ހަށިގަނޑު ފެނުނީ ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދާތާ ދެ ހަފްތާވެފައި ވަނިކޮށެވެ. އެ ދުވަހު ފުލުހުން ވަނީ އެއީ ހޯދަމުންދިޔަ މުހައްމަދު އަޒުހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ބުނެފަ އެވެ.
"އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އެ ހަށިގަނޑު ވަނީ ޕޯސްޓުމޯޓެމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފަ އެވެ. އަދި، ޓޮކްސިކޮލޮޖީ ޓެސްޓުތައް ވެސް ޕޯސްޓްމޯޓެމްގެ ތެރެއިން ހަދާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ޕޯސްޓްމޯޓެމްއަށް ފަހު އެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ހުރި ނަމަ ޔަގީންކުރެވޭނެ ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެ އެވެ.
އަޒުހާން ގެއްލިގެން ކުރަމުންދާ ތަހުގީގު ތެރެއިން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކުނިފައި އޮތް އެ ހަށިގަނޑު ފެނުނީ އޮކްޓޯބަރު 2، ގެ އިރުއޮއްސުނު ވަގުތު އެވެ.

"ބޮޑި އޮތީ ވަރަށް ބޮޑަށް ޑިކޮމްޕޯސްޑް ސްޓޭޓެއްގައި. މިހާތަނަށް ބެލި ބެލުމުން މި ބޮޑީ އަކީ މުހައްމަދު އަޒްހާންގެ ހަށިގަނޑަށްވުމުގެ ފުރުސަތު ވަރަށް ބޮޑު،" އެ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑު ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވި އެވެ.












