ސައިބާ ސްޕޭސްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ޓެކްނޮލަޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މި މަހު ފާހަގަ ކުރެވޭ ގައުމީ ސައިބާ ސެކިއުރިޓީ އެވެއާނެސް މަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑަށް އަށްފަހު ގައުމުގެ އިޖުތިމާއީ އަދި އެހެން ހިދުމަތްތައް ޑިޖިޓަލް ވެފައިވާ މި ދަނޑިވަޅުގައި ސައިބާ ސްޕޭސްގެ ރައްކާތެރިކަން ކަށަވަރު ކުރުން މަޖުބޫރުވެފައިވާ ކަމަށެވެ.
"ހުސްވި ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގަ އެކަނިވެސް، ޑާޓާ ބްރީޗްގެ ނުވަ އިންސިޑެންޓެއް ހިނގާފަ ވާކަމަށް ވަނީ ރިޕޯޓްކޮށްފައި," ސައިބާ ސޭފްޓީއަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ރައްޔިތުންނަށް ހިދުމަތްދޭ އެކި ފަރާތްތަކަށް ވެސް ވޭތުވެ ދިޔަ އަހަރުތަކުގައި ސައިބާ ހަމަލާތައް ކުރިމަތިވެފައިވާ ކަމަށާއި މިއީ ހަމައެކަނި ޑިޖިޓަލް އިންފްރަސްޓްރަކްޗާ ކުންފުނިތަކާ، އޮންލައިން ހިދުދުމަތް ދޭ ފަރާތްތަކުގެ އެކަނި މައްސަލައެއް ކަމުގައި ބެލެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"މިފަދަ އިންސިޑެންޓްތަކަށް ރެސްޕޮންޑްކޮށް، ސައިބަ މައްސަލަތައް މަދުކުރުމަށް، އިސްނަގައިގެން މަސައްކަތްކޮށް، ސައިބަ ވެއްޓާ، އިޖްތިމާއީ އަދި އިގުތިސާދީ ހިދުމަތް ދިނުމަށް ގާއިމުކުރެވިފައިވާ، ކްރިޓިކަލް އިންފޮމޭޝަން އިންފްރަސްޓްރަކްޗާ، ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް މިއަދުވަނީ ކޮންމެހެން ގާއިމްކުރަން ޖެހިފައި," މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުނު ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އަދި މި ސަރުކާރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ ގާއިމު ކުރި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މި ދައުރުގެ ތެރޭގައި ރައްކާތެރި ސައިބާ ވެއްޓަކަށް ކޮންމެހެން ބޭނުންވާ މުހިންމު ބިންގާތައް އެޅިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ގަވަންމަންޓް ޑިޖިޓަލް ސާވިސްގެ ގާނޫނު، އަދި ނޭޝަނަލް ސައިބަ ސެކިއުރިޓީގެ ގާނޫނުތައް ޑްރާފްޓްކޮށް، މި އަހަރު ތެރޭގަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ޝައުނާ ވިދާޅުވި އެވެ.
މިއަދު ފެށިގެން ދިޔަ ސައިބާ ސެކިއުރިޓީ އެވެއާނެސް މަސް ފާހަގަ ކުރުމުގެ ގޮތުން މުޅި މަހަށް ބާހަލައިގެން ބައިނަލްއަގުވާމީ ތަޖުރިބާކާރުން ހިމެނޭހެން ސެޝަންތަކަކާއި ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.













