ވެކްސިނޭޝަންގެ މައުލޫމާތު ރައްކާކުރުމަށް އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީއެއް ލޯންޗުކޮށްފި އެވެ.
މިއާއެކު ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތުކުދިންނަށް ދޭ ވެކްސިނޭޝަން މައުލޫމާތުތައް އެ ޑިޖިޓަލް ޕްލެޓްފޯމެއްގައި ރައްކާތެރިކޮށް، އެކްސެސްވެ، ބެލެހެއްޓޭނެ މަގު ފަހިވެގެންދާނެ އެވެ. ހެލްތު މިނިސްޓްރީން ބުނީ މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެކްސިނާއި އެހެނިހެން ސިއްހީ ކަންކަމާގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ބޭނުންކުރާ DHIS2 ޕްލެޓްފޯމުގެ ބައެއްގެ ގޮތުގައި ތައާރަފުކުރި ޑިޖިޓަލް ރެޖިސްޓްރީއެއް ކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ރެޖިސްޓްރީ ލޯންޗުކޮށްފައި ވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމްިއއްޔާ އާއި ޔުނިސެފްގެ އެހީގައި އެކުލަވާލި ރެޖިސްޓްރީއެކެވެ.
މި ޑިޖިޓަލް ރެޖިސްޓްރޯ މެދުވެރުކޮށް ތުއްތުކުދިންގެ ވެކްސިނޭޝަން މައުލޫމާތު ޓެރެކްކޮށް، އެކި ސެންޓަރުތަކުން ކުއްޖާއަށްދޭ ވެކްސިނުގެ މައުލޫމާތު، އެއް ރެކޯޑަކުން ފެނިގެންދާނެ އެވެ. އެގޮތުން ކުއްޖާ ވިހާއިރުން ފެށިގެން ދޭ ހުރިހާ ވެކްސިނެއްގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުންނާނެ އެވެ. މިއާއެކު ކުއްޖާއަށް ކުރިން ދީފައިވާ ވެކްސިނޭޝަންތައް ވެރިފައި ކުރުމަށް ވެކްސިނޭޝަން ސެންޓަރުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންދާނެ އެވެ.
އޭގެ އިތުރަށް ގައުމީ އިމުނައިޒޭޝަން ޕްރޮގްރާމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެ، ރާއްޖޭގެ ވެކްސިން ކަވަރޭޖް ނުވަތަ ވެކްސިން ފުރިހަމަކޮށްފައިވާ ނިސްބަތް ވަގުތުން ދެނެގަތުމަށް ފަސޭހަވެގެންދާނެ އެވެ. އަދި ހުރިހާ ކުދިން ގަވައިދުން ވެކްސިންތައް ފުރިހަމަ ކުރޭތޯ ޔަގީންކުރުމަށް ވެސް މި ރެޖިސްޓްރީއާއެކު ލުޔެއް ލިބިގެންދާނެ އެވެ.

ހެލްތު މިނިސްޓްރީން އިތުރަށް ބުނީ ގައުމީ ވެކްސިން ޕްރޮގްރާމުގެ ލަނޑުދަނޑިއަކީ ވެކްސިން ޖަހައިގެން ރައްކާތެރިކުރެވޭ ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތަކުން ކުދިން ރައްކާތެރިކުރުމަށް، ފެންވަރު ރަނގަޅު ވެކްސިން، އެ ވެކްސިންޖަހަން ޖެހޭ ވަގުތުގައި ފޯރުކޮށްދިނުން ކަމަށެވެ.













